ހަބަރު

އަނިޔާލިބޭ އަންހެނުންނަށް ފަރުވާ ހޯދަން ދަތިވޭ: ފައިސަލް

އަނިޔާގެ ޝިކާރައަށްވާ އަންހެނުންނަށް އެކަށިގެންވާ ފަރުވާ ހޯދަން ދަތިތަކާ ކުރިމަތިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބެއްގަ އެވެ.

ނައިބު ރައީސް ވިދާޅުވީ އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވަން ކުރާ މަސައްކަތަކީ ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް މަސައްކަތް ކަމަށާއި، އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ކޮންމެވެސް ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ހުށަހެޅޭ މީހެއްކަމަށާއި އަދި، ގިނަ ފަހަރަށް، ފަސޭހަކަމާއެކު އެކަށީގެންވާ ފަރުވާ ހޯދުމުގައި އެ މީހުންނަށް ދަތިތަކާ ކުރިމަތިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ވެސް އެކި ހުރަސްތަކާ ކުރިމަތިވާކަމުގައި ވިދާޅުވި އެވެ.

މިފަދަ އަނިޔާތަކާ ދެކޮޅަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވަނީ ކޮވިޑް-19ގެ ހާލަތާއެކު ގެންނަން ޖެހުނު ފުރަބަންދުގައި މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެ ހާލަތުގައި ވެސް މިފަދަ މައްސަލަތައް ބަލައި، ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ހާލަތުންނާއި، ގައުމަށް ކުރިމަތިވެފައިވާ އިގްތީސާދީ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތާއި، ދުޅަހެޔޮ މުޖުތަމައްއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ. އެ ގޮތުން، އަނިޔާއާ ކުރިމަތިލާންޖެހޭ އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމާއި، އެ މީހުންގެ މަސަލަހަތު ހިމާޔަތް ކޮށްދިނުމާއި، އަންހެނުންނެ ހައްގުތަކަށް އަރައިގަންނަ މީހުންނަށް ހައްގު އަދަބު ދިނުމަށް ޝަރުއީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކަކީ ވަކި ގައުމަކަށް ހާއްސަ މައްސަލަތަކެއް ނޫންކަމަށާއި އެ ގޮތުން، މިފަދަ މައްސަލަތަކުގެ ނުރައްކާތެރިކަން ފާހަގަކުރައްވާ، ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނަށް ސަލާމަތްކަން ހޯދައިދީ، އެ މީހުންނަކީ އިހުތިރާމު ލިބިގެންވާ، ގަދަރުވެރި ބަޔެއްގެ ގޮތުގައި ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.