ހަބަރު

އެއްވުމުގެ ހައްގު ފުޅާނުކޮށް އަނބުރާ ކޮމިޓީއަށް

ހުއްދަ ނެގުމަކާ ނުލައި، މާލޭގައި މުޒާހަރާ ކުރެވޭ ގޮތަށް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ ކަމާގުޅޭ ކޮމިޓީން ނިންމި ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސް ނުވެ، އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ބައެއް އިސްލާހުތަކެއް ހިމަނައިފަ އެވެ.

އޭގެ ތެރޭގައި، ހުއްދަ ނެގުމަކާ ނުލައި، ކުއްލި ކަމަކާ ގުޅިގެން އެކަމަކަށް 48 ގަޑިއިރު ފާއިތުނުވަނީސް އެއްވުމަށް ޖާގަ ދިނުމާއި، ރިސޯޓުތަކުގައި އެ ރިސޯޓެއްގެ މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދެއްގައި މުޒާހަރާ ކުރެވޭ ގޮތަށް ހަދައި ދިނުން ހިމެނެ އެވެ.

އެ ރިޕޯޓު ތަޅުމަށް ފޮނުވުމުން، މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހައިތަމް އިތުރު އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ.

އޭގެ ތެރޭގައި ކޯޓު އަމުރުގެ ދަށުން ކުއްލި އެއްވުމެއް ގާނޫނާ ހިލާފުވާނަމަ ހުއްޓުވޭ ގޮތަށާއި، އަދި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅޭ ގެކޮޅުގެ އިންފާރުން ފެށިގެން 100 ފޫޓު ހިމެނޭ ސަރަހައްދަށް އެއްނުވެވޭ ގޮތަށް އިސްލާހު ހުށަހެޅި އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅޭ ގެކޮޅުގެ އިންފާރުން ފެށިގެން 300 ފޫޓު ހިމެނޭ ސަރައްހަދަށް އެއް ނުވެވޭ ގޮތަށް އިސްލާހު ހުށަހެޅުއްވިއިރު، ރިސޯޓުތަކުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ހިމޭނުން ތިބެންޖެހޭގޮތަށް ހަދާ އިސްލާހެއްވެސް ހިމެނުނެވެ.

އެ އިސްލާހު ހުށަހަޅަމުން ދިއަ ވަގުތު ވެސް، ބައެއް މެންބަރުން ވަނީ ކަންބޮޑުވުންފާޅުކޮށް، ތަޅުމުގައި އަޑުގަދަކޮށްފައި އެވެ.

އެ އިސްލާހުތަކާއެކު ވޯޓަށް އެހުމުން، ކޮމިޓީގެ ރިޕޯޓު ފާސްކުރަން 25 މެންބަރުން ވަނީ ދެކޮޅު ހަދައިފަ އެވެ.

އެއާއެކު އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް ބުނެ އަނބުރާ ކޮމިޓީއަށް ފޮނުވާލަން، 56 މެމްބަރުން ވަނީ ތާއީދުކޮށްފައި އެވެ.

ކުރީގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް އިތުރުވެ، ސަރުކާރުގެ އަގުލަބިއްޔަތު އޮތް މަޖިލީހުން ވަނީ މާލޭގައި ފުލުހުންގެ ހުއްދައަކާ ނުލާ އެއްވެ އުޅެވޭނީ ހަމައެކަނި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަަނެއްގައި އެކަނިކަމަށް ބަޔާންކޮށް ގާނޫނު އިސްލާހުކޮށްފައި އެވެ.

އެއާއެކު، ގާނޫނާ އެގޮތަށް މާލޭގައި ހުއްދަ ނުނަގައި މުޒާހަރާކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް ހޯމް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.

އެ ބަދަލު ގެނައީ އޭރުގެ އިދިކޮޅު ފަރާތްތަކުން އޭރުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދިއަ ހަރަކާތްތަކަށް ހުރަސްއަޅަން ކަމަށް ބުނެ އޭރު ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.

އޭގެ ތެރޭގައި ގިނައީ މިހާރު ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އަދި އެއްވެއުޅުމާއި ހިޔާލުފާޅު ކުރުމުގެ ފުރިހަމަ މިނިވަންކަންދޭނެ ކަމަށް ވެސް ވެރިކަމަށް އައުމުގެ ކުރިން، އެފަދަ ބޭފުޅުން އެކި ފަހަރު މަތިން ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ.