ބޮލީވުޑް

އިންޑިއާސް ބެސްޓް ޑާންސާ: ޓައިގާ ޕޮޕްގެ ހުވަފެނީ ކާމިޔާބު

ޖެނުއަރީ 2020 ގައި ޓައިގާ ޕޮޕް ނުވަތަ އަސްލު ނަމުން ނަމަ އަޖޭ ސިންގްގެ އިންސްޓަގްރާމް ފޮލޯވަރުންގެ ގޮތުގައި ތިބީ އެންމެ 3،000 މީހުންނެވެ. ނެށުމުގެ ސްޓައިލެއް ކަމަށްވާ ޕޮޕިން އަށް ކުޅަދާނަ 21 އަހަރުގެ ޓައިގާ އަކީ އޭރު ގިނަ ބަޔަކު އެހާ ދަންނަ މީހެއް ނޫނެވެ. ނަމަވެސް އިންޑިއާގެ ގުރުގްރާމްގައި ދިރިއުޅޭ ޓައިގާ ސޮނީ ޓީވީގެ ޑާންސް ރިއަލިޓީ ޝޯ "އިންޑިއާޒް ބެސްޓް ޑާންސް"ގެ އެއްވަނަ ހޯދައި ޓްރޮފީ އުފުލާލިއިރު އޭނާގެ ފޭނުން އެތައް ލައްކައަކަށް ވަނީ އިތުރުވެފަ އެވެ.

ސޯޝަލް މީޑީއާގައި އޭނާގެ ފޭނުން މިހާ ގިނައިން ތިބުމަކީ ވޯޓުން އޭނާއަށް އެއްވަނަ ލިބެން މެދުވެރިވީ އެއް ސަބަބެވެ. މިއީ މި ޝޯ ބަލަމުން ދިޔަ ގިނަ ބަޔަކު އުންމީދުކުރި ނަތީޖާ އެކެވެ. ސަބަބަކީ އެންމެ ފުރަތަމަ ދުވަހުން ފެށީގެން ވަރަށް ގިނަ ބައެއްގެ ހިތްތައް އަތުލުމުގައި ޓައިގާ ކާމިޔާބު ހޯދާފައިވާތީ އެވެ.

ޓައިގާ ބުނި ގޮތުގައި ޔޫޓިއުބު މެދުވެރިކޮށް އޭނާގެ ނެށުމުގެ ސްޓައިލް މީހުންނަށް ދަސްކޮށްދިނުމަކީ މިހާރު އޭނާ ކުރަން އެންމެ ބޭނުންވާ ކަންތަކެވެ. ޕޮޕިން އަކީ މިހާޜު ވަރަށް މަޝްހޫރުވެފައިވާ ޑާންސް ޓެކްނިކެވެ. ގައިގެ އެކި ހިސާބަށް ގެންނަ ހަރަކާތްތަކުން ހަށިގަނޑުގެ އެކި ތަންތަންކޮޅެއް "ޕޮޕް' އިފެކްޓް ގެނައުމަކީ މި ޑާންސް ސްޓައިލްގެ ޚާއްސަ ސިފައެކެވެ.

އަޖޭ މި ސްޓައިލެއްގެ ނެށުމަށް ޝައުގުވެރިވާ ގްރޭޑް 8 ގައި ކިޔެވި އިރު އެވެ. އެއީ ޔޫޓިއުބުން އޭނާ ބެލި 'ނޮންސްޓޮޕް' ކިޔާ ވީޑިއޯއެއްގައި އެމެރިކާގެ އާޓިސްޓުންތަކެއް މި ސްޓައިލަށް ޕާފޯމްކުރާ ތަން ފެންނަ ވީޑިއޯ އެކެވެ. އޭނާއަށް އެ ސްޓައިލް ވީ ވަރަށް ކަމުދާ އެއްޗަކަށެވެ. އެހެންވެ އެގޮތަށް ނެށޭތޯ މަސައްކަތް ފެށީ އެވެ.
ޕޮޕިން ޖޯން، މައިކަލް ޖެކްސަން އަދި ލެސް ޓްވިންސް އާއި ސަލާން އެންޑް ޑްރެގަން ހައުސް ޑާންސް ކުރޫ އަކީ ޓައިގާ ނެށުމަށް ޝައުގުވެރިކުރުވުގައި އިސް ދައުރެއް ކުޅުނު ބައެކެވެ.

އެއްވެސް ޓްރޭނިން އެއް ނުހޯދާ ޓައިގާ މި ނެށުން ދަސްކުރީ އޭނާ މަންމަ ގެންގުޅޭ ވަރަށް އާދައިގެ ނޮކިއާ ފޯނަކުން ވީޑިއޯ ބަލައިގެންނެވެ. އެގޮތުން 16 އަހަރުވީއިރު ގިނަ ބަޔަކު އޭނާ ޓައިގާ ޕޮޕްގެ ގޮތުގައި ދަންނަން ފަށައިފި އެވެ.

ޓައިގާ އުފަންވީ ނޭޕާލުގަ އެވެ. އޭނާ ވަރަށް ކުޑައިރު މައިންބަފައިން އޭނާ ގޮވައިގެން އިންޑިއާއަށް ހިޖުރަ ކުރީ އެވެ. އޭނާގެ ބައްޕައަކީ ހެދުން ފެކްޓްރީއެއްގައި ކޮލިޓީ ކޮންޓްރޯލް ޗެކް ކުރުމުގެ މަސައްކަތް ކުރާ މީހެކެވެ. މަންމައަކީ ގެވެހި އަންބެކެވެ. ފުރަތަމަ އޭނާ ނަށަން ފެށުމުން މައިންބަފައިން ވީ ހައިރާނެވެ.

"އަހަރެން ފުރަތަމަ ނަށަން ފެށި ދުވަސްވަރު މަންމަމެން ބުނާނެ ކީއްހޭ ކުރާނީ، އަބަދު ކަމަކީ ނެށުމޭ. އެނޫންކަމެއް ނުކުރެޔޭ،" ޓައިގާ ބުންޏެވެ.

އޭނާގެ އާއިލާ އަކީ އެއްވެސް ވަރަކަށް އާޓަކީ އަދި ނެށުމަކީ ކޯޗެއްކަން ދެނަހުރި ބައެއް ނޫނެވެ. ނަމަވެސް އޭނާގެ ކުޑަކުޑަ ގޭގެ އަލަމާރިތައް ފުރިފައި ހުރި ޓްރޮފީތަކުންނާއި ސެޓްފިކެޓްތަކުން ޓައިގާ އަކީ އާދައިގެ ނެށުންތެރިއެއް ނޫންކަން ސާބިތުކޮށްދެ އެވެ.

"އެކިއެކި މުބާރާތްތަކުގައި ބައިވެރިވެ ކުރާނެ ކަންކަމާ މެދު ވިސްނާ މުސްތަގްބަލާ ދޭތެރޭ ވިސްނަން ބައެއް ރޭރޭ އަހަރެން ނުނިދިފައި ވެސް އޮންނަން،" ޓައިގާ ބުންޏެވެ.

"އިންޑިއާޒް ބެސްޓް ޑާންސާ"ގެ ކުރިން ވަރަށް ގިނަ ޑާންސް ރިއަލިޓީ ޝޯތަކުގައި ޓައިގާ ބައިވެރިވި އެވެ. ނަމަވެސް އެ ފަހަރުތަކުގައި އޭނާ ބައިވެރިވީ ގްރޫޕް ޑާންސް ތަކުގައި ގްރޫޕެއްގެ މެމްބަރެއްގެ ގޮތުގަ އެވެ. ނަމަވެސް މާ ބޮޑު ކާމިޔާބެއް ނުލިބޭތީ މިފަހަރު ވަކިން ނުކުތީ އެވެ.

ފެބްރުއަރީގައި އިންޑިއާޒް ބެސްޓް ޑާންސާ ފެށުމާއެކު އެންމެ މޮޅު 10 ގެ ތެރޭގައި ޓައިގާ ހިމެނުނެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން ގިނަ ދުވަސް ތަކަކު އޭނާއަށް އަނެއްކާވެސް މަޑުކުރަން ޖެހުނެވެ. އެ ދުވަސްތަކުގައި އޭނާގެ އުންމީދުތައް ފެނަށް އުޅެން ދާކަމުގެ އިހްސާސް ޓައިގާއަށް ކުރެވުނެވެ. މައިންބަފައިންނާ ވަކިން މުމްބައިގެ ހޮޓަލެއްގައި އޭނާ ހަތަރު މަހެއްހާ ދުވަސް ހޭދަކުރީ ވަރަށް ނުތަނަވަސް ކަމާ އެކުގަ އެވެ.

މުބާރާތުގެ ޓޮޕް 10 ގައި ހިމެނޭ ބައިވެރިންގެ ހުރިހާ ކަމެއް ސޮނީން ވަރަށް ރަނގަޅަށް ބަލަހައްޓައިދިންކަން ޓައިގާ ފާހަގަ ކުރި އެވެ. ނަމަވެސް އާއިލާގެ މީހުންގެ ހާލާ މެދު އޭނާ ކަންބޮޑުވި އެވެ.

ކޮންމެއަކަސް އަލުން ޝޯ ފެށި ވަރަށް ކާމިޔާބު ކަމާއެކު ޓައިގާ ވަނީ ޝޯ ކާމިޔާބުވެސް ކޮށްފަ އެވެ. އަހަރެއްހާ ދުވަހު ގެޔާ ދުރުގައި ހުރެފައި މިހާރު ޓައިގާ ތައްޔާރުވަނީ އަމިއްލަ ރަށަށް އަމިއްލަ ގެއަށް ދިއުމަށެވެ. ނަމަވެސް އޭނާ ރާވާފައިވަނީ ދުވަސްކޮޅަކު ގޭގައި ހުރުމަށްފަހު އެނބުރި މުމްބައި އަށް އައިސް ހުވަފެން ހަގީގަތަކަށް ހެދުމުގެ ދަތުރު ފަށާށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އަދި ކިރިޔާ އޭނަގެ ދަތުރު ފެށުނީ އެވެ.

ޓައިގާ ބޭނުންވަނީ ކޯރިއޮގްރާފަރަށް ވާށެވެ. އަދި އޭނާއަށް ދަސްވެފައިވާ އެއްޗެހި އެހެން ކުދިންނަށް ދަސްކޮށްދީގެން އެ ކުދިންގެ ހުވަފެން ހަގީގަތަކަށް ހަދަން މަސައްކަތް ކުރާށެވެ.