ކޮވިޑްގެ ވަބާ ފެތުރެން ފެށުމުގެ ކުރިން އޭނާ ހުރި ގޮތާއި ކޮވިޑް ހަނގުރާމައިގައި އެންމެ ކުރީ ސަފުގައި ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމުގައި ކޮވިޑް ޖެހިފައިވާ ބަލިމީހުން ތިބޭ ވޯޑެއްގައި ރެއާ ދުވާލު ހޭބޯ ނާރާ މަސައްކަތްކުރާތާ އަށެއްކަ މަސްވީއިރު އޭނާގެ ހަށިގަނޑަށް އައިސްފައި ހުރި ބަދަލު އެމެރިކާގެ 27 އަހަރުގެ ޒުވާން ނަރުހެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފި އެވެ.
އިނގިރޭސި ވިލާތުގެ މެޓްރޯ ނޫހުގައިވާ މި ރިޕޯޓުގައިވާ ގޮތުން މި ޒުވާން ނަރުހަކީ ޓެނެސީގައި ދިރިއުޅޭ ކެތެރީން ނަމަކަށް ކިޔާ ނަރުހެކެވެ.
ކެތުރީން ޝެއާ ކުރި ފުރަތަމަ ފޮޓޮއަކީ ނަރުސްކަން ކިޔަވައިގެން މިދިޔަ އޭޕްރީލްމަހު އޭނާ ގްރެޖުއޭޓްވުމުގެ ދުވަސްކޮޅެއް ކުރީގެ ފޮޓޮއެކެވެ. އަނެއް ފޮޓޮއަކީ ދާދިފަހުން އޭނާ ނަގާފައިވާ ފޮޓޯއެކެވެ. ޕީޕީއީ ސޫޓްގައި މޫނުގައިގައި މާސްކް ބަނދެގެން އުޅޭތާ އެތައް މަސް ދުވަހެއް ވީއިރު އޭނާގެ މޫނަށް އައިސްފައިވާ ބަދަލު މި ދެ ފޮޓޯއިން ވަރަށް ރަނގަޅަށް ހާމަވާން ހުއްޓެވެ.
ކެތެރީންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެ ގިނަ ބަޔަކު އެ ފޮޓޯތަކަށް ލައިކް ދީ އަދި ޝެއާ ކުރަމުން އެބަ ގެންދެ އެވެ. މިއީ ހަމައެކަނި ކެތެރީންގެ ފޮޓޯ ނަމަވެސް މި ފޮޓޯ ބަޔާން ކޮށްދެނީ ދުނިޔޭގެ ގައުމުތަކުގައި އިންސާނީ ޚިދުމަތުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ މިއަދުގެ ހާލަތެވެ. އެމީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުތަކެވެ. ހަނގުރާމައިގެ މައިދާނަށް ގޮސް ހަނގުރާމަކުރަން އުޅެފައި
އަންނަ ސިފައިންގެ މީހެއް ފަދައިން އެމީހުންގެ ވެސް ވެފައިވާ ވަރުބަލިކަމާއި ހަށިގަނޑަށް އައިސްފައިވާ ބަދަލެވެ.
ޓެނެސީ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ކެތުރީން ބުނާ ގޮތުގައި ނޭފަތުގައިވާ އެންމެ ވަރުގަދަ ރަތްކުލައިގެ ލަކުނަކީ ކޮންމެ ދުވަހަކު 12 ގަޑިއިރު ޑިއުޓީ އަދާކުރުމުގެ ސަބަބުން ލާފައިވާ ލަކުނެވެ. ކުރީކޮޅު ކޮންމެ ދުވަހަކު މާސްކް ނައްޓާލުމުން އެ ތަން ރީތިވީ ނަމަވެސް ފަހުންފަހުން އައިސް އެތަން ލަކުނަކަށް ބަދަލުވީ ކަމަށް އޭނާ ބުންޏެވެ.
"މިދިޔަ ހޮނިހިރު ދުވަހުގެރޭ ޑިއުޓީގައި ބަލި މީހަކަށް ޚިދުމަތް ދީފައި ނުކުމެ ޕީޕީއީ ސޫޓް ބާލަމުން އަހަންނަށް ލޯގަނޑުން މޫނު ބަލާލެވުނު. އަދި ގްރެޖުއޭޓްވީ ދުވަސްތައް ކުއްލިއަކަށް ހަނދާނަށް އައި. އޭރު އަހަރެންގެ ހުރި ތާޒާ ރީތި ސިފަޔާއި މިހާރު ހުރި ގޮތް މީހުންނާ ޝެއާ ކޮށްލާހިތްވި. ޕެންޑެމިކްގެ ސަބަބުން ނަރުހުންނަށް ދިމާވެފައިވާ ހަގީގީ ހާލަތު ދުނިޔެއަށް އަންގާލަދޭން ބޭނުންވި،" ފޮޓޯ ޝެއާކުރި ސަބަބު ކިޔައިދެމުން ކެތުރީން ބުނެފައި ވެއެވެ.