ހަބަރު

ޑރ. މަނިކު: ސިއްހީ ހިދުމަތްތެރިއެއް، ނަމޫނާ ވިޔަފާރިވެރިއެއް

ހިތްޕުޅުގެ އާލާސްކަންފުޅަކަށް ސިންގަޕޫރުގައި ފަރުވާ ހޯއްދަވަނިކޮށް ރޭ އަވަހާރަވި، ޑރ. އިބްރާހިމް އުމަރު މަނިކަކީ އެއް ގޮތަށް ވުރެ ގިނަ ގޮތް ތަކުން ގައުމީ ހިދުމަތް ތެރިއެކެވެ. އެ މަނިކުފާނު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. މަނިކަކީ ރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. ސަރުކާރުގެ ހޮސްޕިޓަލް ސެންޓަލް ހޮސްޕިޓަލުގައި ގިނަ ދުވަސް ތަކެއް ވަންދެން ހިދުމަތް ކުރެވި އެވެ.

ސިއްހީ ދާއިރާ އަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވިއިރު، އެ މަނިކުފާނަކީ ވިޔަފާރީގެ އެކި ދާއިރާތަކުގައި ވެސް ވަރަށް މަޝްހޫރު ނަމެކެވެ. ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ކަމަށްވާ ޔުނިވާސަލްގެ އެއް ޑިރެކްޓަރެވެ. މަނިކުއަކީ ސިއްހީ ހިދުމަތެރިއެއްގެ އިތުރުން ކުޅަދާނަ ވިޔަފާރިވެރިއެކެވެ.

"ޑރ. މަނިކަކީ ލާމަސީލު ބޭފުޅެއް. އެ މަނިކުފާނު ސިއްހީ ދާއިރާއަށް ހިދުމަތް ކުރެއްވި ދުވަސްވަރަކީ މާގިނަ ޑޮކްޓަރުން ތިބި ދުވަސްވަރެއް ނޫން. އެހެންވެ ކޮންމެ ދުވަހެއްގެ ވެސް ބޮޑުބައި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ހޭދަކުރެއްވި. އޮފީސް ނިންމަވާފައި ގެއަަށް ވަޑައިގެން އަމިއްލަ މަސައްކަތް ތަކަށް ވަގުތު ދެއްވި،" މަނިކު އަރިހުގައި ގިނަ ދުވަހު އުޅުއްވި، ބޭފުޅަކު ވިދާޅުވި އެވެ.

ދިވެހިންނަށް ކޮކާ ކޯލާ ގެނެސްދެއްވި

ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި ކަމަށްވާ ޔުނިވާސަލްގެ ޑައިރެކްޓަރެއްގެ ޓޫރިޒަމް ސިނާއަތަށް ގިނަ ހިދުމަތް ތަކެއް ކުރެއްވި މަނިކަކީ ރާއްޖެއަށް ކޮކާ ކޯލާ ގެނެސްދިން ވިޔަފާރިވެރިޔާ އެވެ. އަދި މަނިކަކީ ކޯލާ ގެނެސްދިން މާލޭ އެރޭޓެޑް ވޯޓާ ކުންފުނީގެ ވެރިޔާ އެވެ. އެ ކުންފުނި އޭނާ އުފެއްދެވީ 1985 އަހަރު އެވެ. މިއީ އެ ދުވަސް ވަރަށް ބަލާއިރު ރާއްޖެ އަށް ޓޫރިޒަމް ފިޔަވައި އައި އެންމެ ބޮޑު އެއް އިންވެސްމަންޓެވެ.

ހިތް ހެޔޮ، ޒަމާނީ ވިސްނުމުގެ ބޭފުޅެއް

ކޮލިގޭ އުމަރު މަނިކުގެ، ބޭފުޅުންގެ ތެރެއިން ޑރ. މަނިކުގެ އަމިއްލަފުޅު ބައެއް ރިސޯޓުތައް ވެސް ހިންގަވަ އެވެ. އަނަންތާރާ ދިގު ރަށުގެ އިތުރުން ނިޔާމަ ޕްރައިވެޓް އައިލެންޑަކީ އޭނާގެ ރިސޯޓު ތަކެވެ. މީގެ އިތުރުން ޔުނިވާސަލް އިން ހިންގާ ބަރޮސް މޯލްޑިވްސް އަށް ޒަމާނީ ބަދަލުތައް ގެނެސް ދުނިޔޭގެ މަގުބޫލު ރިސޯޓަކަށް ބަދަލު ކުރެއްވުމުގައި ވެސް އެ މަނިކުފާނުގެ ދައުރު ބޮޑެވެ. އަދި މަންޓާ އެއާ އުފެއްދުމުގައި ވެސް އެ މަނިކުފާނުގެ ތަނަވަސް ވިސްނުން ފުޅު ހިއްސާ ބޮޑެވެ.

މަނިކު އަވަހާރަވީއިރު ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އެ ދެ ބޭފުޅުންނަކީ ވެސް މިހާރު ރާއްޖޭގެ ޓޫރިޒަމްގައި ނަން މަޝްހޫރު ބޭފުޅުންނެވެ.

ޑރ. މަނިކުއަކީ ވަރަށް ގިނަ ބޭފުޅުންނާ ގުޅިގެން، ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި ހިތްހެޔޮ ގުޅިގެން އުޅުމުގެ ލާމަސީލު މިސާލެކެވެ. ސިއްހީ ދާއިރާ އާއި ވިޔަފާރީގެ ދާއިރާއަށް ހިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.