ރައީސް އަބްދުﷲ ޔާމީން

އޯޑިއޯ އަޑުއަހަން ދިން ލެޕްޓޮޕް ހުރީ ބަގްކޮށްފައި: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މިހާރު އުފުލާފައިވާ ދެ ދައުވާ އާއި ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ އޯޑިއޯތައް އަޑުއެހުމަށް ކަރެކްޝަނަލް ސާވިސް އިން ދިން ލެޕްޓޮޕް "ބަގް" ކުރަން ޑިވައިސްއެއް ހަރުކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ކުރިމިނަލް ކޯތުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލަ އާއި ގުޅޭ ހުރިހާ ލިޔެ ކިޔުންތަކެއް ހަމައަށް ލިބި ވަޑައިގެންފައިވޭތޯ ފަނޑިޔާރު ވަނީ އައްސަވާފަ އެެވެ. އަދި ރައީސް ޔާމިން ވިދާޅުވީ މައްސަލައާއި ގުޅިގެން ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ހުރިހާ އޯޑިއޯތަކެއް އަޑު އެހުމުގެ ފުރުސަތު ލިބި ވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ ފުރުސަތު ކަރެކްޝަނުން ފަހިކޮށްދީފައި ވެސް ނުވާ ކަމަށެވެ.

އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނީ މި މައްސަލަ އާއި ގުޅޭ ހުރިހާ ލިޔެ ކިޔުމެއް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި އެކަން ސިޓީއަކުން ރޭގެ ވަގުތެއްގައި ކޯޓަށް އަންގާފައި ވާނެ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ އޯޑިއޯގެ ކޮޕީ އެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެހެން ނަމަވެސް މި އޯޑިއޯ އަޑުއެހުމަށް ދަތިތަކެއް ހުރި ކަމަށެވެ.

އެގޮތުން އަމިއްލަ ލެޕްޓޮޕް ހިފައިގެން ޖަލަށް ވަޑައި ނުގަނެވޭތީ ކަރެކްޝަނުން ދިން ލެޕްޓޮޕަކަށް އެ ޑިވައިސް ޖެހުމުން އިތުރު ފައިލްތަކެއް ކްރިއޭޓްވާ ކަމަށް ވިދާޅުވި އެވެ. އަދި ކަރެކްޝަނުން ދިން ލެޕްޓޮޕް ބަގް ކުރުމަށް ބަގިން ޑިވައިސްއެއް ހަރުކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ވަކީލުން ވަނީ ކުރައްވާފަ އެވެ.

ވަކީލުންގެ އަމިއްލަ ލެޕްޓޮޕް ހިފައިގެން ޖަލަށް ވަދެވޭނެ ގޮތް ހަދައި ދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު ކޯޓުގައި ވަނީ އެދިވަޑައިގެންފަ އެވެ. އަދި މި މައްސަލާގައި އަދިވެސް ވަކީލުންނާއި ބައްދަލުކޮށް މަޝްވަރާ ކުރެވޭނެ އެކަށިގެންވާ އިންތިޒާމެއް ހަމަޖައްސައިދީފައި ނުވާ ކަމަށާއި އެކަން ހަމަޖައްސައިދިނުމަށް ރައީސް ޔާމީން ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން ގާޒީ ވިދާޅުވީ މިހާރު ޝަރީއަތްތަކަށް އަމިއްލަ ލެޕްޓޮޕާއި ފޯނުފަދަ ތަކެތި ވެއްދުމުގެ ހުއްދަ ދީފައިވާ ކަމަށާއި އެހެން ކަމުން ކޯޓުގެ ޝަރީއަތް ކުރާ ކޮޓަރިއެއްގައި އެމަނިކުފާނާއި ވަކީލުންނާއި ބައްދަލު ކުރެވޭނެ ކަމަށެވެ. އަދި އެ ކޮޓަރީގައި އިތުރު އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި ކެމެރާއެއް ވެސް ހަރުކޮށްފައި ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު ރައީސް ޔާމީން އެގޮތް ބޭނުންފުޅުވެ ވަޑައެއް ނުގަތެވެ. ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ޖަލުގައި ހުންނަ ވަކީލުންނާއި ބައްދަލު ކުރައްވާ ކޮޓަރިއަށް އަމިއްލަ ލެޕްޓޮޕާއެކު ވަޑައިގެން މި މައްސަލައިގައި ހުށަހަޅާފައިވާ އޯޑިއޯތައް އަޑު އައްސަވައި އެހެނިހެން ލިޔެކިޔުންތައް ވެސް ދިރާސާ ކުރެއްވުމަށް ބޭންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ. އެގޮތަށް ހަމަޖައްސައި ދެއްވުމަށް ކޯޓުން ދައުލަތަށް އަންގަވައި ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

ދައުލަތުންވެސް އެދުނީ ރައީސް ޔާމީން ބޭނުންފުޅުވެވަޑައިގަތް ގޮތަށް ޖަލުގައި އެ މައްސަލައިގެ ލިޔެ ކިޔުންތަކާއި އޯޑިއޯތައް ދިރާސާ ކުރެވޭނެ އިންތިޒާމެއް ހަމަޖައި ދިނުމަށެވެ. ސަބަބެއް ކަމަށް ބުނީ ޝަރީއަތް ކުރާ މާލަމެއްގައި ދައުވާ ރައްދުވާ ފަރާތުގެ މިނިވަންކަން ގެއްލޭނެތީ ކަމަށެވެ. އެހެން ކަމުން މަދުވާ ލިޔެ ކިޔުންތަކަކީ ކޮބައިކަން ދިފާއީ ވަކީލުން ވިދާޅުވުމުން އެ ލިޔެ ކިޔުންތައް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއެކު އަމިއްލަ ލެޕްޓޮޕް ހިފައިގެން ޖަލަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަރެކްޝަނަލްގައި އެދޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދިފާއީ ވަކީލުންނަށް ނުލިބޭ ލިޔެ ކިޔުންތަކުގެ ލިސްޓެއް މިއަދު ކޯޓަށް ލިޔުމުން ހުށަހަޅައި އަދި ދެން އޮންނަ އަޑުއެހުމަކަށް ހުރިހާ ލިޔެ ކިޔުންތައް ހަމަވެފައިވާކަން އަޑުއެހުމުގެ ކުރިން ކޯޓަށް ލިޔުމަކުން އެންގުމަށް ފަނޑިޔާރު ވަނީ އެދިވަޑައިގެންފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު ދައުވާތަކަށް ތައްޔާރުވުމަށް ފުރުސަތު ލިބި ވަޑައިގެންފައި ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ވަކީލުންނާއި ވަކިން ޝަރީއަތުގެ މާލަމުގައި އިންނަވަން ބޭނުންފުޅު ނުވާ ކަމަށާއި ދައުލަތުން ހުށަހަޅާ ކަންކަމުގައި ވަކީލުންނާއި މަޝްވަރާ ކުރެވޭނެ ގޮތަށް އެމަނިކުފާނާއި އެއް މާލަމަކަށް ވަކީލުން ގެނައުމަށް ވެސް އެދިވަޑައިގަތެވެ.

މިއަށް ޖަވާބު ދެއްވަމުން ފަނޑިޔާރު ވިދާޅުވީ ވަކީލުންނަށް ޝަރީއަތުގެ މާލަމަށް ވަޑައިގަތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ވަކީލުން އެ ފުރުސަތު ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ކަމުން ވަކީލުން ޝަރީއަތް ކުރާ މާލަމަށް ހާޒިރުވެވަޑައިގެން މައްސަލަ ކުރިއަށް ގެންދިޔުމަށް ބޭނުންފުޅު ވާނަމަ އެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އަހުމަދު ޝަކީލެވެ. މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ މި މައްސަލައިގައި ދެން އަޑުއެހުމެއް އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 2:00 ޖަހާއިރަށް ތާވަލް ކޮށްފައިވާކަން އިއުލާން ކުރެއްވުމާއެކު އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުން ކުރައްވައި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.

މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާގައި ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.

ރައީސް އަބްދުﷲ ޔާމީން މިހާރު ވެސް ގެންދަވަނީ މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ކުށް ސާބިތުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެއީ މަންފާ ހޯދައި އޭސީސީއަށް އެހެން ފައިސާތަކެއް ޖަމާކުރި މައްސަލާގަ އެވެ. އެ މައްސަލާގެ އިސްތިއުނާފު މިހާރު އޮތީ ހައިކޯޓުގަ އެވެ.