ކޮންސްޓްރަކްޝަން ސައިޓް ތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުތަކާއި އަގުބޮޑެތި އެހެނިހެން ސާމާނުތަކުގައި އެކުންފުންޏެއްގެ ނަން ޖަހައިގެން ބޭނުން ކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މާލެ ސިޓީގައި ހިނގާ ކުށްތަށް އިތުރުވަމުންދާތީ ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ވައްކަން ކުރުމާއި ފޭރުން އިންތިހާއަށް އިތުރު ވެފައިވާ ކަމަށެވެ. އެގޮތުން ވަގަށް ނަގާ އެއްޗިސްތަކުގެ ތެރެއިން ގިނަ އެއްޗިހި އަނބުރާ ލިބުނު ނަމަވެސް ވެރިފަރާތާއި ހަވާލު ކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވާ ކަމަށެވެ.
ފުލުހުން ބުނީ ވަގުންގެ އަތުން ހޯދައިގެން ގިނައިން ގެނެސްފައި ހުންނަނީ އިލެކްޓްރޯނިކް ސާމާނު ކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން ސައިޓުތަކުން ވަގަށް ނަގާފައި ހުންނަ ތަކެތި ގިނަ ކަމަށާއި މި ތަކެތި އަނބުރާ ދިނުމަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އެއީ ކޮން ކުންފުންޏެއްގެ އެއްޗެއްކަން ނޭނގުން ކަމަށެެވެ. އެހެން ކަމުން މިފަދަ ސައިޓުތަކުގައި ބޭނުންކުރާ މިފަދަ އަގުބޮޑެތި ތަކެތީގައި ކުންފުނީގެ ނަން ނުވަތަ ލޯގޯ ނުވަތަ އެކުންފުންޏެއްގެ އެއްޗެއްކަން އެނގޭފަދަ ފާހަގައެއް ޖަހާލުމަށް ހުރިހާ ކުންފުނިތަކަށް އިލްތިމާސްކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ދިމާވާ މައްސަލައެއް މީ. ވައްކަން ކުރާ މީހާގެ އަތުން އަތުލައިގަނެވޭ އިލެކްޓްރޯނިކް ސާމާނުތައް. ހާއްސަކޮށް ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުންކުރާ އަގުބޮޑެތި ސާމާނު. މީއްޗިސް ހޯދުނަސް ވަރަށް ބޮޑަށް ދަތިވޭ އަސްލު ވެރިފަރާތް ދެނެގަންނަން. އެހެންވީމަ ގިނަ ފަހަރު ވެރިފަރާތް ނޭނގި އަޅުގަނޑުމެން ވަރަށް ގިނަ ދުވަހު ތިބެންޖެހޭ. އެހެންވީމަ ކިތަންމެ ކުޑަ ކުންފުންޏެއްގަ ވިޔަސް ލޯގޯ ނޫނީ ނަން ޖަހައިގެން އެއްޗިސް ގެންގުޅުން ވަރަށް މުހިންމު." ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އަލީ ފާއިޒް ވިދާޅުވި އެވެ.
ވަގަށް ނަގާފައި ހުންނަ ތަކެތި ނުއަގުގައި ވިއްކަމުންދާ މައްސަލަ އިތުރުވެފައިވާކަން ފާހަގަ ކުރައްވާ ފާއިޒް ވިދާޅުވީ ވަގަށް ނަގައިގެން މޯބައިލް ފޯނާއި ލެޕްޓޮޕް އަދި އެނޫންވެސް އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގައިގެން ވިއްކަމުންދާ ކަމަށެވެ. އަދި މިތަކެތި ވިއްކަމުންދަނީ އަސްލު އަގަށްވުރެ މާ ކުޑަ އަގެއްގައި ކަމަށާއި އެހެން ކަމުން މިފަދަ އެއްޗެއް ވިއްކަން މީހަކު އައސްފިނަމަ އެކަން ވަގުތުން ފުލުހުންނަށް އެންގުމަށްވެސް އޭނާ އެދިވަޑައިގަތެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަލޮޅޫ ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަރީފް ވިދާޅުވީ ކޮވިޑާއި ގުޅިގެން މަކަރާއި ހީލަތް ހެދުމާއި ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު ފޭކް ސްލިޕްތައް ފޮނުވުމުގެ މައްސަލަތައް ހުށަހަޅާފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
މުހައްމަދު ވިދާޅުވީ މިފަދަ ކޭސްތައް އިތުރުވެފައިވާތީ މިކަމަށް ވިޔަފާރިވެރިން ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. އެގޮތުން ފައިސާ ލިބުނުކަން ޔަގީންވުމުން ނޫނީ މުދާ ހަވާލު ނުކުރުމަށާއި އަދި މިފަދަ މައްސަލައެއް ދިމާވެދާނެ ކަމަށް ދުރާލާ ވިސްނައިގެން ސީސީޓީވީ ކެމެރާ ހަރުކުރުންވެސް މުހިންމު ކަމަށް ވިދާޅުވި އެވެ.