ދީން

މުދަލާއި ފައިސާއަށް އަޅުވެތި ނުވާށެވެ!

މި ދުނިޔޭގައި މުދަލާއި ފައިސާގެ އަވައިގައި ޖެހިފަވަނީ މަދު ބައެއް ނޫނެވެ. ޚަބަރުތަކުގެ ފަލަ ސުރުޚީގައިވެސް، ކޮންމެސް ފައިސާއެއްގެ ވާހަކަ ނޫނީ ކޮރަޕްޝަނެއްގެ ވާހަކަ ނުފެންނަ، އެފަދަ ޚަބަރުތައް ނުއިވޭ ދުވަހެއް ނުދެއެވެ. ގިނަ ބައެއްގެ ވިސްނުމަކީ ވީހާ ގިނައިން ފައިސާ ހޯދުމެވެ. ވަޒީފާއެއް ހޯދަން މަސައްކަތްކުރާ މީހަކުވެސް އެދެނީ މުސާރަބޮޑު މަސައްކަތް މަދުން ކުރަންޖެހޭ ވަޒީފާއެއް ލިބުމަށެވެ.

އެވެރިން ޙަރާމެއް ޙަލާލެއް ބެލުމެއްނެތި، ލިބުނު ގޮތަކުން ފައިސާއާއި މުއްސަނދިކަން ހޯދަން މަސައްކަތް ކުރެއެވެ. މަސްތުވާތަކެތި ވިއްކުމާއި، ހަށިވިއްކުމާއި، ޖުވާކުޅުންފަދަ ކަންކަމަކީ އެފަދަ މުޖްތަމަޢެއްގައި އާއްމު ކަންކަމެވެ. މިއިން އެއްވެސް މަގަކުން ލިބޭފައިސާއަކީ އޭގާ އެއްވެސް ބަރަކާތެއްނެތް، އެފައިސާގެ މަންފާއެއް ނެތް އެއްޗެއްކެވެ. ލިބޭ ފައިސާއިން ކުރެވޭ ކަމެއް، ލިބޭ އުފަލެއް ނޯވެއެވެ.

މާތް ވެގެންވާ އިސްލާމް ދީނުގައިވަނީ މީސްތަކުން މުދަލާއި ފައިސާގެ އަޅުންނަށް ނުވުމަށް ބާރުއަޅުއްވާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "تَعِسَ عَبْدُ الدِّينَارِ، وَالدِّرْهَمِ، وَالقَطِيفَةِ، وَالخَمِيصَةِ، إنْ أُعْطِيَ رَضِيَ، وَإنْ لَمْ يُعْطَ لَمْ يَرْضَ". رواه البخاري މާނައީ: "ދީނާރާއި، ދިރުހަމަށް، އަދި އަލްޤަޠީފާ އަށާއި، އަލްޚަމީޞާއަށް (އެބަހީ: މަޚުމަލުގެ ފޭރާމާއި، ޖަރީކޮށްފައިވާ ފޮށައެއްފަދަ ފޭރާމަށް) އަޅުވެތިވެފައިވާ މީހާ، (އެބަހީ: އެފަދައިން އެތަކެއްޗަށް ދަހިވެތިވާ މީހާ) ގެއްލި ހަލާކުވެއްޖެއެވެ. އޭނާއަށް (މުދަލުގެ ތެރެއިން އެ އެއްޗެއް) ދެއްވިއްޖެނަމަ އޭނާ ރުހެއެވެ. އަދި އޭނާއަށް އެއްޗެއް ނުދެއްވުނުނަމަ، އޭނާ ނުރުހުންވެއެވެ."

މުދަލަކީ އެއިން އިމްތިޙާނު ކުރެއްވޭ އެއްޗެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ ﴾ (التغابن: 15) މާނައީ: "ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، އިމްތިޙާނެއް ކަމުގައެވެ." އަލްޙާފިޒު އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ. މި އާޔަތުގެ މުރާދަކީ، އެ މުދަލާއި ދަރީންނަކީ އަޅުކަންކުރުމުން އެއްކިބާ ކުރުވާ އެއްޗެއް ކަމެވެ. ބައެއް ބަސްފުޅުތަކުގައިވެއެވެ. "ކޮންމެ އުއްމަތަކަށްވެސް ފިތުނައެއް (އެބަހި: އިމްތިޙާނެއް) ވެއެވެ. ތިމަން ކަލޭގެފާނުގެ އުއްމަތުގެ ފިތުނައަކީ މުދަލުގެ ފިތުނައެވެ." މި ރިވާޔަތަކީ ބަލިކަށި ރިވާޔަތެއް ކަމުގައިވިޔަސް މިބަސްފުޅަށް ބާރުލިބޭ ޞައްޙަ އެއްތައް ޙަދީޘެއްވެއެވެ. އޭގެ ތެރެއިން ބަސްފުޅެއްގައިވެއެވެ. "އާދަމުގެ ދަރިޔާއަށް ރަނުގެ ދެވާދީ ލިބުނު ކަމުގައިވިޔަސް އޭގެ ތިންވަނަ ވާދީއެއް ލިބުމަށް އޭނާ އެދޭނެއެވެ."

އިސްވެދިޔަ ޙަދީޘް ފުޅުގައިވާ عَبْدُ الدِّينَارِ "ދީނާރުގެ އަޅާ" އޭ އޮތް ބަސްފުޅުގެ މާނައަކީ، އެތަކެތި އެއްކޮށް ޖަމާކުރުމަށް ދަހިވެތިކަން ބޮޑު މީހާއެވެ. އަދި އެ މުދާ ރައްކާ ކުރުމަށް ތާއަބަދު މަސައްކަތް ކުރާ މީހާއެވެ. އޭނާގެ ހިތުގައި މުދަލަށް އޮތް ދަހިވެތިކަމުން އޭނާ އެތަކެއްޗަށް އަޅުވެތިވެފައިވާ ފަދައެވެ.

މުދަލާއި ފައިސާ ހޯދުމުގައި އޭގެ ޒާތުގައި ގޯހެއް ނެތެވެ. އެކަމަކީ ނުރަނގަޅު ކަމެއްކަމުގައި ވެގެންދަނީ މުދަލަށް އަޅުވެތިވާ ހިސާބަށް ދިޔުމުންނެވެ. އެ މުދަލަށް އަޅުވެތިވާ ހިސާބަކީ ކޮބައިކަން ބަޔާން ކުރައްވައި އިސްވެ ދެންނެވުނު ޙަދީޘްގައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "إِنْ أُعْطِيَ رَضِيَ، وَإنْ لَمْ يُعْطَ لَمْ يَرْضَ" މާނައީ: "އޭނާއަށް (މުދަލުގެ ތެރެއިން އެ އެއްޗެއް) ދެއްވިއްޖެނަމަ އޭނާ ރުހެއެވެ. އަދި އޭނާއަށް އެއްޗެއް ނުދެއްވުނުނަމަ، އޭނާ ނުރުހުންވެއެވެ."
މުދަލާއި ފައިސާއަށް އަޅުވެތިވުމުގެ މާނަ ދެ ގޮތަކުން ކުރެވެއެވެ. އެއީ؛

އެކެއް: އެ ތަކެއްޗަށް އަޅުވެތިވުމުގައި މަގުފުރެދިގެންގޮސް، އޭނާގެ ރުހުމާއި ނުރުހުން، މުދަލާއި ފައިސާ ލިބުމާއި ނުލިބުމާ ގުޅިފައިވުމެވެ.

ދޭއް: އެތަކެތި ވަނީ އޭނާގެ ހިތް މިލްކު ކޮށްފައެވެ. އޭނާގެ ހުރިހާ ފިކުރަކީވެސް، ވިސްނުމަކީވެސް، ބުއްދި ކުރާ ބުއްދި ކުރުމަކީވެސް ކުރާ ކޮންމެ އަމަލެއް ކުރަނީވެސް އެތަކެއްޗަށް ޓަކައި ކަމުގައިވުމެވެ.

ވިޔަފާރި ކުރަން ނުވަތަ މުދާ ހޯދަން ދަހިވެތިވާ ބައެއް މީހުންގެ ހާލަތު މިހިސާބަށް ގޮސްފައި ހުރެއެވެ. އެބައިމީހުންނަށް ބައެއް ފަހަރު ބުނެވެންވެއް ބުނެވެއެވެ. "ތިމަންނާ ތާއަބަދު ވިސްނާ ވިސްނުމަކީ ވިޔަފާރިއާއި މުދާ ހޯދަމާމެދު ވިސްނާ ވިސްނުމެވެ." މިހާހިސާބަށް މީހެއްގެ ހާލަތު ވެއްޓިފައި ހުންނަހިނދު، އޭނާ އެވަނީ މުދަލާއި ފައިސާގެ އަޅަކަށް ވެފައެވެ. އޭނާ އެތަކެތި ހޯދަން ހަނގުރާމަކޮށް ދުނިޔެ އަޅައި ދިޔުމަށްވެސް ފަސް ނުޖެހޭނެއެވެ.

ދަންނާށެވެ! މުދާ ލިބުމަކީ ދުނިޔޭގެ ހަމަޖެހުމާއި ރައްކާތެރިކަން ލިބޭނޭ ކަމުގެއް ކަމުގައި ނުވެއެވެ. ދުނިޔޭގެ މުދާވެރި ކިތައް މީހުން، ރޭގަނޑުގެ ހަމަނިދި ނުލިބިފައި ވޭހެއްޔެވެ؟ އެބައިމީހުންގެ މުދާ ގެއްލިދާނޭތީ، ނުވަތަ އެ މުދާ ވަގަށް ނަގާފާނޭތީ، ގަންނަ ބިރަށް އެމީހުންނަށް ހަމަނޭވާވެސް ނުލެވެއެވެ. މުދަލާއި ފައިސާއަކީ ފިތުނައެއް، އިމްތިޙާނެއް ކަމުގައި ނޫނީ ނުވެއެވެ.