ރާއްޖެ ކުޅިވަރު

އެފްއޭއެމް ކޮންގްރެސް ކުރުނބާގައި، ޒޯން ނުވައެއްގެ ޕްރައިމަރީ މިރޭ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސް ބުރާސްފަތި ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވަން ނިންމައި ޒޯން ނުވައެއްގެ ޕްރައިމަރީ މިރޭ ބާއްވަން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން ފަސްކުރަން އަންގާފައިވާ އިންތިހާބު ފީފާ އާއި އޭއެފްސީގެ ތާއީދާއި ބެލުމުގެ ދަށުން ބާއްވަން ނިންމީ ފީފާއިން އިންތިހާބު ބާއްވަން ދީފައިވާ މުހުލަތު މި މަހުގެ 30 އަށް ހަމަވާތީ އެވެ.

މިރޭ ބާއްވާ ޕްރައިމަރީގައި ވޯޓުލާނީ ތިން ވަނަ ޑިވިޝަނުގެ 12 ކުލަބެވެ. މީގެ ތެރެއިން އިންތިހާބުގައި ވޯޓުލާން ހޮވާނީ އެންމެ ކުލަބެކެވެ. މުޅިއެކު އިންތިހާބުގައި ވޯޓުލާނީ 16 ކުލަބެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުގެ ހަތް ކުލަބާއެކުގަ އެވެ.

އެފްއޭއެމުގެ އިންތިހާބު ލަސްކުރަން ޔޫތު މިނިސްޓްރީން ޕްރެޝަރު ކުރަނީ އެއިދާރާގެ ކުރީގެ އެގްޒެކްޓިވް ސެކްރެޓަރީ ހުސައިން ރަޝީދު ހުށަހަޅާފައިވާ ކޮރަޕްޝަނުގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީ އެވެ. އޭނާގެ ޝަކުވާގައި ބުނެފައިވަނީ އެފްއޭއެމަށް ދީފައިވާ ފައިސާ އެތަނުގެ ވެރިންގެ އެކައުންޓަށް ބަދަލުކޮށް އިންތިހާބަށް ނުފޫޒު ފޯރުވަން ރިޝްވަތު ދެމުން އަންނަ ކަމަށެވެ.

ނަމަވެސް އޭސީސީން މި މައްސަލާގައި އެފްއޭއެމުގެ ލިޔެކިއުންތައް ފާސްކޮށްފައިވާއިރު އޭއެފްސީ އާއި ފީފާއިން ބުނަނީ އެފްއޭއެމުގެ ފައިސާގެ މުއާމަލާތްތައް ރަނގަޅު ކަމަށެވެ. އަދި ސަރުކާރުން އެފްއޭއެމަށް ނުފޫޒު ފޯރުވާނަމަ ރާއްޖެ ފުޓްބޯޅައިން ސަސްޕެންޑްކުރާނެ ކަމަށެވެ.

މިފަހަރުގެ އިންތިހާބަށް ކުރިމަތިލާފައިވަނީ ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދެވެ. އޭނާ އަކީ އޭއެފްސީގެ އެކްސްކޯ މެމްބަރެއްގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސެވެ. ޝަވީދު އެކަނިވުމުން އިންތިހާބުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.