މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ ދެކޮޅު ކަމަށާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި އެ ކަމާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް އޮޅުވާލާފައިވާ ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެ އެވެ.
ޓުއަރިޒަމްގެ ގާނޫނަށް އިސްލާހުގެ ގެނައުމަށް ސަރުކާރުން ހުށައެޅި ބިލްގެ ކޮމެޓީ މަރުހަލާގައި ވާހަކަދައްކަވަމުން ޝިޔާން ވަނީ ރިސޯޓްތަކަށް އަންނަ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ އޮންނައިރު ރަށްރަށުގައި ހިންގަމުންދާ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ ނޯންނަ ކަމަށް ވިދާޅުވެފައެވެ. އަދި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން އެކަން ކުރަން ބޭނުންނަމަ ދާންޖެހެނީ ދުރުގައި ހުންނަ ރިސޯޓްތަކަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރިއެވެ.
އޭނާ ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށްވެސް އެރަށުން ބޭރުގައި ފަޅުތެރޭގައި ނުވަތަ ވިލުގައި ނޫންނަމަ ކަނޑުތެރޭގައިވެސް އެ ހިދުމަތް ދެވޭނެ އިންތިޒާމެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"ލޯކަލް ޓޫރިޒަމް މިހާ ބޮޑަށް ފެތުރިގެންދާއިރުގައި އަޅުގަނޑުމެން ސަރަހައްދުގައި ވަރަށް ގިނަ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެއް އެއީ ރިސޯޓްތަކުގައި މި އަންނަ ފަތުވެރިންނަށް އެބަ ލިބޭ ރާ ވިއްކުމުގެ ހުއްދައާ މިކަންކަން އެބަ ލިބޭ. އެހެންވީމަ މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ރަށުން ބޭރުގައިވިޔަސް އެ ފެސިލިޓީ ގާއިމް ކުރެވޭނެ ގޮތް ފަޅުތެރޭގައިވިޔަސް އަދި ވިލެއްގައި ވިޔަސް ކަނޑުތެރޭގައިވިޔަސް އެ ހިދުމަތް ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށައް އަންނަ ފަތުރުވެރިންނަށް އެ ރަށުން ބޭރުގައި އެކަން ކުރެވޭނެ އިންތިޒާމެއް އެބަ އޮންނަން ޖެހޭ،" މުޅި މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަމުން ޝިޔާން ވިދާޅުވިއެވެ.
އޭނާގެ އެ ވާހަކަތަކަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެ ވާހަކަތަކަށް ފާޑުކިޔުން އަމާޒުވުމުން މިއަދު ކުރެއްވި ޓްވީޓެއްގައި ޝިޔާން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ އޭނާ ދެކޮޅު ކަމަށެވެ. އަދި މަޖިލީހުގެ ކޮމެޓީގައި އޭނާ ދެއްކެވި ވާހަކަތަކުގެ މާނަ އޮޅޭ ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފެތުރި ކަމަށެވެ.