ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ ޝަރީއަތަށް އެ މަނިކުފާނު އިއްޔެ މާލެ ވަޑައިގަތުމަށް ފަހު އެނބުރި ޖަލަށް ވަޑައިގަންނަވަން ލޯންޗަށް އަރާ ވަޑައިގެންނެވި ތަނަށް އެއްވި މީހުންގެ ތެރޭގައި ހިމެނޭ ބައެއް އަންހެނުންނަށް އަނިޔާވެފައިވާތީ އެ ހާލަތުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭނަމަ އެކަން ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެ ހިނގި ހާދިސާގައި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ބޯފަޅައިގެންގޮސް އަނގަމަތި ފަޅައިގެން ދިއުމާއި އެހެން ކައުންސިލް މެމްބަރެއްގެ ފައިގައި ތަޅާ އަނިޔާކޮށްފައިވުމާއި އުމުރުން ދުވަސްވީ ސަޕޯޓަރެއްގެ އަތްތިލަ މަށައިގެންގޮސް އުނަގަނޑަށްވެސް އަނިޔާތަކެއް ވެފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ސަލާމަތީ ގޮތުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ މޫދަށް ފުންމާލި 43 އަަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންނަން މަސައްކަތް ކުރުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ބަޔަކު ދުރަށް ޖެއްސުމަށް ފުލުހުން ހަރަކާތް ތެރިވެފައިވާ ކަމަށެވެ. އެ ވަގުތު ބައެއް މީހުން ވެއްޓި އަނިޔާވެފައިވާ ކަމަށާ އެ މީހުންނަށް ފަރުވާ ދިނުމަށް ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ ތެރޭގައި އަަމަލު ކުރަމުން ގެންދާ އުސޫލުގެ ތެރެއިން އިއްޔެ ހިނގާދިޔަ ކަންކަމުގައި އެ ހާލަތުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ގޮތް ބަލަމުންދާ ކަމަށާ ފިޔަވަޅު އަޅަން ޖެހޭނަމަ އެކަން ކުރާނެ ކަމަށް ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ ޝަރީއަތަށް އެ މަނިކުފާނު މިއަދު މާލެ ވަޑައިގަތުމަށް ފަހު އެނބުރި ޖަލަށް ވަޑައިގަންނަވަން ލޯންޗަށް އަރާ ވަޑައިގެންނެވި ތަނަށް އެއްވި މީހުންގެ ތެރޭގައި ހިމެނޭ ދެ އަންހެނަކަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާ އެކަން ކުށްވެރިކުރާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.
"މި ހިންގި ލާއިންސާނީ އަމަލު މި ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އެ ސަރަހައްދަށް ދިޔަ ކަނބަލުންނަކީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގާ މަސްލަހަތު ގެއްލުވާލަން މަސައްކަތްކުރި ބައެއްވެސް ނޫނެވެ،"
އެ ބަޔާނުގައި އިތުރަށް ބުނީ އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ 16 ދުވަސް ފާހަގަކުރަން ފެށިއިރު، އަންހެނުންނަށް މިފަދަ އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިކަމުން އަންގައިދެނީ މި ސަރުކާރުން ދައްކާ ވާހަކައާއި އަމަލު ދިމާ ނުވާ މިންވަރު ކަމަށާ އަންހެނުންތަކެއްގެ ގަޔަށް އަތްލައި މި ގޮތަށް އަމަލުކުރުމަކީ ފުލުހުން އަމަލުކުރަން އޮންނަ އުސޫލާވެސް ހިލާފު ކަމެއް ކަމަށެވެ.
"މިއަދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްކޮށް ހުންނަވައިގެން ފުލުހުން ލައްވާ ހިންގަމުން މި ގެންދާ ގާނޫނާ ހިލާފު ލާއިންސާނީ އަމަލުތައް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ވަރަށް ރަނގަޅަށް ބަލައި ތަހުގީގު ކުރާނެ ވާހަކަ ދަންނަވަމެވެ. އަދި ފުލުހުންގެ މުއައްސަސާ އާއި ފުލުހުންގެ އަގުވެއްޓޭފަދަ ގޮތަށް ގަވައިދާ ހިލާފަށް އަމަލު ކުރުމަށް ފުލުހުންނަށް އަމުރު ނުކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ދަންނަވަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.