ފްރޭންކް ލަމްޕާޑް

އަބްރަމޮވިޗް ޗެލްސީގައި އަހަރެންގެ ހަޔާތް ބަދަލުކުރި

ޗެލްސީގެ އޯނަރު ރޯމަން އަބްރަމޮވިޗް، ޗެލްސީގައި އޭނާގެ ފުޓްބޯޅަ ކެރިއާ ބަދަލު ކޮށްލި ކަމަށް ޗެލްސީގެ ކޯޗް ފުރޭންކް ލަމްޕާޑް ބުނެފި އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް އާ ދެކޮޅަށް މާދަމާ ޗެލްސީ ކުޅޭ މެޗަކީ އަބްރަމޮވިޗްގެ އޯނާޝިޕްގެ ދަށުން ޗެލްސީ ނުކުންނަ 1000 ވަނަ މެޗެވެ. ރަޝިއާގެ ބިލިއަނަރު ޗެލްސީ ގަތީ 2003 ގަ އެވެ. އަބްރަހިމޮވިޗްގެ ފުރަތަމަ ތަށި ޗެލްސީން ހޯދީ އެ ޓީމާ ދެކޮޅަށް ނުކުންނަ ސްޕާސްގެ މިހާރުގެ ކޯޗް ހޯޒޭ މޮރީނިއޯގެ ކޯޗް ކަމުގެ ދަށުން 2005 ގައި ލިވަޕޫލް ބަލިކޮށް ލީގް ކަޕް ކާމިޔާބު ކޮށްގެންނެވެ.

އޭގެ ފަހުން ޗެލްސީން ވަނީ 16 ތަށި ހޯދާފަ އެވެ. އެއީ އެ މުއްދަތުގައި އިނގިރޭސި އެހެން ޓީމަކުން ހޯދި ވަރަށްވުރެ ގިނަ އަދަދެކެވެ. ލަމްޕާޑް ބުނީ ޗެލްސީގައި އޭނާގެ ކެރިއާ ކާމިޔާބު ކަމާއެކު ނިމިގެން ދިޔައީ އަބްރަމޮވިޗް ގެނައި ބަދަލުތަކުން ކަމަށެވެ. ރަޝިއާގެ ތެލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އަބްރަމޮވިޗް ވަނީ ޗެލްސީއަށް ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ހޭދަ ކޮށްފަ އެވެ. އޭނާގެ މިލްކިއްޔާތުގެ ޖުމުލަ އަދަދަކީ 12.2 ބިލިއަން ޑޮލަރެވެ.

"ކޯޗެއްގެ ގޮތުގައި އަދި ކުޅުންތެރިޔެއްގެ ގޮތުގައި އެ މެޗުތަކުގައި ހިއްސާވި މީހެއްގެ ހައިސިއްޔަތުން އަހަންނަށް އިތުރު އެއްޗެއް ނުދެވޭނެ،" ލަމްޕާޑް ވާހަކަ ދެއްކި އެވެ. "ޝުކުރު ނޫން އެއްޗެއް އަހަންނަކަށް އަދާ ނުކުރެވޭނެ. ސަބަބަކީ ރޯމަން އަބްރަމޮވިޗްގެ ދައުރުގައި އަހަރެމެން ހާސިލު ކުރި އެއްވެސް ކަމަކީ އޭނާގެ އެހީތެރި ކަމާއެކު މެނުވީ ހާސިލު ކުރެވޭނެ ކަމެއް ނޫން."

ޗެލްސީއަށް އެންމެ ގިނަ ކާމިޔާބު ހޯދައިދިން ކޯޗް މޮރީނިއޯއާ ދެކޮޅަށް ލަމްޕާޑް ނުކުންނާނީ އަބްރަމޮވިޗްގެ އޯނާޝިޕްގެ ދަށުން އެ ޓީމަށް 609 ވަނަ މޮޅު ހޯދައިދިނުމަށެވެ. މެޗާ ބެހޭ ގޮތުން މޮރީނިއޯ ބުނީ ހުރިހާ ޕްރެޝަރެއް އޮތީ ޗެލްސީ އާއި ލަމްޕާޑަށް ކަމަށެވެ.