ހަބަރު

އޭޝިއާގެ "ބެސްޓް ކޮފީ ޝޮޕްސް"ގައި މެރާކީ

Nov 28, 2020

"ބިގް 7 ޓްރެވަލް ގައިޑު" ގެ، 50 ބެސްޓް ކޮފީ ޝޮޕްސް އިން އޭޝިއާ ލިސްޓުގައި ރާއްޖޭގެ ކޮފީ ރޯސްޓާ، މެރާކީ ހިމެނިއްޖެ އެވެ.

އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ ކޮފީ ޝޮޕްތަކުގެ ތެރެއިން 50 ތަނެއްގެ ނަން ވަނީ ޓްރެވަލް ގައިޑުގައި ލިސްޓު ކޮށްފަ އެވެ. ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ މަބްރޫކް އަޒީޒް ހިންގާ މެރާކީ ކޮފީ ރޯސްޓާސް ހިމެނިފައިވަނީ މި ލިސްޓުގެ 25 ވަނައިގަ އެވެ.

ބިގް 7 ޓްރެވަލް ގައިޑުން ނެރޭ "ބެސްޓް 50" ލިސްޓުތަކަކީ އޯޑިއަންސްގެ ސާވޭ އާއި ރީޑާ ސަޖެޝަންސް އަދި އެޑިޓޯރިއަލް ޓީމުގެ ރިވިއުތަކަށް ބެލުމަށްފަހު ނެރޭ ލިސްޓެކެވެ.

މެރާކީ އާ ބެހޭ ގޮތުން ބިގް 7 އިން ބުނެފައިވަނީ އެއީ ރާއްޖޭގައި ހުރި ޓޮޕް އެންޑް އޮރިޖިނަލް ސްޕެޝަލިޓީ ކޮފީ ރޯސްޓާ ކަމަށެވެ. އަދި އެމީހުން ކޮފީ ރޯސްޓު ކުރަނީ އެތަނުގައި ކަމަށާއި ކޮފީ މެނޫ ގަވައިދުން ބަދަލުކުރާ ކަމަށެވެ. މެރާކީގެ އިންޓީރިއާ މަސައްކަތަށްވެސް ބިގް 7 ގެ ޓީމުން ވަނީ ތައުރީފުކޮށްފަ އެވެ.

ލިސްޓުގެ އެއްވަނަ ހޯދާފައިވަނީ ތައިވާންގެ، ކެފޭ އެކެވެ. ދެވަނަ އަށް ޖަޕާނުގެ މެލް ކޮފީ ރޯސްޓާސް އަދި ތިން ވަނަ އަށް ސައުތު ކޮރެއާގެ އަންތުރަސައިޓް ކޮފީ ޝޮޕެކެވެ.

މެރާކީ ކޮފީ ރޯސްޓާސް އަކީ އެންމެ ފުރަތަމަ ރާއްޖޭގައި ހުޅުވި ކޮމާޝަލް ކޮފީ ރޯސްޓާ އެވެ. 2017 ވަނަ އަހަރު ހުޅުވި މި ތަން ޒުވާނުންގެ މެދުގައި ހާއްސަކޮށް މަގުބޫލެވެ.