ދުނިޔެ

އެމެރިކާގެ މަތިންދާބޯޓް އުފުލާ މަނަވަރެއް ގަލްފަށް

އީރާގާއި އަފްޣާނިސްތާނުން އެމެރިކާ ސިފައިން މަދު ކުރުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. މިއީ ދެ ވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި ޓްރަމްޕް ވިދާޅުވި ބަސްފުޅެކެވެ. އެހެން ނަަމަވެސް، އެމެރިކާގެ ރިޔާސީ އިންތިހާބު ނިމި، ކުރި އަށް އޮތް ދައުރު ޓްރަމްޕަށް ވަނީ ގެއްލިވަޑައިގެންފަ އެވެ.

ގައުމުން ބޭރުގައި އެމެރިކާ ތަމްސީލްކުރާ ސިފައި މަދު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުން ދަމަހައްޓަވައި އަމަލީ ސިފަ ޖެއްސުމަށް ގޮވާލެއްވުމުން، ޕެންޓަގަން ފަދަ ދިފާއީ ބާރުތަކަށް މިކަން ވަނީ ލާޒިމްވެފަ އެވެ.

އެމެރިކާގެ މަތިންދާބޯޓް އުފުލާ މަނަވަރު، ޔޫއެސްއެސް ނިމިޒް ޕާސިއަން ގަލްފަށް މިސްރާބު ޖެހުމަށް ޕެންޓަގަނުން ވަނީ އަންގާފަ އެވެ. އެއީ އެމެރިކާ ސިފައިގެ ރައްކާތެރި ކަމަށް ޓަކައި ކަމަށް އެ އޭޖެންސީން ބުނެ އެވެ. ގިނަ އަދަދެއްގެ ސިފައިން އެއްފަހަރާ ހަރަކާތްތެރިވާ ދަނޑިވަޅެއްގައި، ދުޝްމަނުންގެ ކިބައިން އަތުވެދާނެ ނުރައްކަލަކަށް ސަމާލުވުމަށްޓަކައި ކަމަށް ވެސް ބުނެ އެވެ. އެހެން ނަމަވެސް، ނިމިޒްގެ މި ދަތުރާ ދިމާކޮށް ދުނިޔެ އަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކަތި ނަޒަރަކުން ދަނީ ބެލެވެމުންނެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހުގައި ހުރި ހަބަރުތަކަށް ބަލާއިރު، ނިމިޒް ދަތުރު ފަށާފައި ވަނީ، ޓްރަމްޕްގެ އެޖެންޑާ ތަންފީޒް ކުރުމަކަށް ނޫނެވެ. އަނެއްކޮޅުން، އީރާންގައި އަވަހާރަކޮށްލި ނިއުކްލިއާ ސައިންޓިސްޓް، މުހުސިން ފަހްރިޒާދޭ އަށް ހަމަލާދިމުގެ ކުރިންނެވެ. އެހެންކަމުން، ޕެންޓަގަނުން ގަލްފް ސަރަހައްދަށް މަތިންދާބޯޓް އުފުލާ މަނަވަރެއް ފޮނުވަނީ އީރާގާއި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބާލާތީ އެއް ނޫނެވެ.

ސީއެންއެން ރިޕޯޓްކުރާ ގޮތުގައި، އަންނަ ޖެނުއަރީގައި އެމެރިކާގެ އާ ސަރުކާރު، ޖޯ ބައިޑަން ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާއިރު ވެސް، މަތިންދާބޯޓް އުފުލާމަނަވަރު އޮންނާނީ ގަލްފު ސަރަހައްދުގަ އެވެ.