ހަބަރު

ހަމަލާ ދިނީ ރައީސް އަވަހާރަކޮށްލަން، ގޮއްވާލީ ބޮމެއް: ކޮމިޝަން

Oct 20, 2015
1
0%
0%
0%
  • ކޮމިޝަނުން ވަކި މީހަކަށް ތުހުމަތެއް ނުކުރަން
  • މިއީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއް
  • އަދިވެސް ތަހުގީގު ދަނީ ކުރިއަށް
ކޮމިޝަންގެ ކޯޗެއާ، އުމަރު ނަސީރު (މ)ގައި: ގިނަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އަވަސް

ރައީސް އަބްދުﷲ ޔާމިން ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅުގައި ގޮއްވާލީ ބޮމެއް ކަމަށާއި އެއީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއްކަން މިހާރު ކަށަވަރު ވެއްޖެ ކަމަށް ނޭޝަނަލް އިންކްއަރީ ކޮމިޝަން އިން ކަށަވަރުކޮށްދީފި އެވެ.

ރައީސް ގެ ލޯންޗުކޮޅަށް ދިން ހަމަލާ ތަހުގީގުކޮށް އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރައީސް ޔާމިން އުފައްދަވާފައިވާ ނޭޝަނަލް އިންކްއަރީ ކޮމިޝަން އިން މިހެން ބުނެފައި ވަނީ މިއަދު މެންދުރުފަހު އެކޮމިޝަނުން ރައީސް އޮފީހުގައި ދެއްވި ފުރަތަމަ ޕްރެސްކޮންފަރަންސް ގައެވެ. މި ޕްރެސްގައި ކޮމިޝަނުން ވަނީ މި ހަމަލައިގެ ތަހުގީގާ ބެހޭގޮތުން މިވަގުތަށް ދެވެން ހުރި މައުލޫމާތު ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.

އެގޮތުން އެކޮމިޝަންގެ ކޯޗެއާ އުމަރު ނަސީރު ވިދާޅުވީ މި މައްސަލަ ތަހުގީގުކުރުމަށް ރާއްޖެ އައި ސްރީލަންކާ، އިންޑިއާ، ސައުދީ އަދި އެމެރިކާގެ ފޮރެންސިކް އެކްސްޕާޓްއިން އެހީތެރިވެދީފައިވާ ކަމަށާއި އަދި މިހާތަނަށް ލިބިފައިވަނީ ސްރީލަންކާގެ ތަހުގީގުގެ ރިޕޯޓުތަށް ކަމަށެވެ. އަދި މި ރިޕޯޓުގައި ސްރީލަންކާގެ އެކްސްޕާޓުން ކުރި ތަހުގީގުން އެނގެނީ ގޮއްވާލީ ބޮމެއް ކަމަށާއި އަދި އެއީ ސީދާ ރައީސް އަވަހާރަކޮށްލަން އަމާޒުކޮށް ދިން ހަމަލާއެއްކަން ޔަގީންވާ ކަމަށެވެ.

"މި ހާދިސާ ބެލުމަށްޓަކައި ރާއްޖޭއިން ބޭރުގެ ގިނަ ފަރާތްތަކާއެކު ވާނީ ދިގު މަޝްވަރާކުރެވިފައި. އަދި އެބޭފުޅުންނަށް ފެންނަ ފެނުމެއްގެ ވާހަކަ މިކޮމިޝަނާ ހިއްސާކުރެވިފަވެ. އަޅުގަނޑުމެން ތަހުގީގުގެ އިތުރު މަސައްކަތްތަށް ކުރިޔަށް ގެންދިއްޔަސް އޭރު ބޮޑަށް މަޑުކޮށްލައިގެން ތިބީ އެބޭފުޅުހުންގެ ރިޕޯޓުތަށް ލިބެންދެއް. އެގޮތުން ސްރީލަންކާ އެކްސްޕާޓުންގެ ނަތީޖާ ލިބި އެރިޕޯޓުގައި ވަގޮތުން ގޮވާއެއްޗެއް ބޭނުންކޮށްގެން ގޮއްވާލާފައިވާ ކަމަށް. އެހެން ކަމުން އަޅުގަނޑުމެންނަށް މިހާރު ކަށަވަރުވެއްޖެ މިއީ ރައީސް ޔާމީން އަވަހާރަ ކޮށްލަން ދިން ހަމަލާއެއްކަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ގޮތުގައި ސްރީލަންކާގެ ރިޕޯޓުގައި ގޮއްވާލީ އެއްޗެއްގެ ފުރިހަމަ މައުލޫމާތާއި އަދި މި ހާދިސާ ހިނގާފައިވާ ގޮތުގެ މައުލޫމާތު އެބަރުހުއްޓެވެ. ނަމަވެސް މިކަމަކީ ތަހުގީގުގެ މަރުހަލާގައިވާ މައްސަލައަކަށްވާތީ އަދި އެރިޕޯޓުގެ ފުރިހަމަ މައުލޫމާތުތައް އެކީ ހިއްސާނުކުރެވޭނެ އެވެ.

ކޮމިޝަންގެ ކޯޗެއާގެ އިތުރުން މިވަގުތު ހޯމް މިނިސްޓަރުކަމުގެ މަގާމުގައިވެސް ހުންނެވެި އުމަރު ނަސީރު ވިދާޅުވީ މިހާދިސާގައި އިހުމާލުވާންޖެހޭނީ ވަކި ބޭފުޅެކޭ ބުނުން އަދި ވަރަށް އަވަސް ކަމަށާއި އަދި ތަހުގީގުގެ މަރުހަލާނިމި މިކަމަށް އިހުމާލުވަނީ ކޮންފަރާތެއްކަން ޔަގީންވީމައި ނޫނީ އެއްވެސް މީހަކަށް އިންގިލި ދިއްނުކުރާނަން ކަމަށެވެ.

"ތަހުގީގުގެ މަރުހަލާތެރޭގައި އަދި މިކަން ކުރީ ވަކި ބޭފުޅެކޭ ބުނުން ވަރަށް އަވަސް. އަދި މިކަމުގައި އިހުމާލުވާ ފަރާތެއް ހޯދައި އެކަން އަޅުގަނޑުމެންނަށް ކަށަވަރު ވުމުން ނޫނީ ވަކި މީހަކަށް އިންގިލިއެއް ދިއް ނުކުރާނަން،" އުމަރު ވިދާޅުވި އެވެ.

އިންކްއަރީ ކޮމިޝަންގައި ހިމެނި ވަޑައިގަންނަވާ ބައެއް ފުލުސް މެންބަރުން: ތަހުގީގައި ގުޅިގެން އަމާޒު ކުރި ގިނަ ސުވާލުތަކަށް ޖަވާބެއް ނުދެއްވާ -- ފޮޓޯ: އަވަސް

މިހާދިސާ ތަހުގީގު ކުރުމުގައި މިހާތަނަށް ކުރެވިފައި ހުރި ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައި ކޮމިޝަންގެ މެންބަރު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ މިހާހިސާބަށް އައިރު ވަރަށް ގިނަ ފަރާތްތަކުން ކޮމިޝަނަށް ހާޒިރުކުރެވި ގިނަ މައުލޫމާތުތަކެއްގެ އެއްކުރެވިފައިވާ ކަމަށާއި އަދި އެމަރުހަލާގެ ތެރޭގައި ރިޔާސީ ލޯންޗުކޮޅަށް ދެފަހަރަރެއްގެ މަތިން ޒިޔާރަތް ކޮށްފައިވާކަމަށާއި އެއީ ލިބޭ ހެއްކާއި މައުލޫމާތުތަށް ބަލައި ކަށަވަރު ކުރުމުގެ ގޮތުން ކަމަށް ނަވާޒު ވިދާޅުވި އެވެ.

" މިހާތަނަށް މިމައްސަލަގެ ތަހުގީގުގެ ދަށުން ވަރަށް ގިނަ މީހުން މިކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވާނެ. އަދި އަޅުގަނޑުމެންނަށް ހެކިތަށް ފެންނަވަރަކަށް އެކަން ސީދާ ޔަގީން ކުރުމަށް ދެފަހަރެއްގެ މަތިން އަޅުގަނޑުމެން ވާނީ ރިޔާސީ ލޯންޗުކޮޅައް ވެސް ޒިޔާރަތް ކޮށްފައި،" ނަވާޒް ވިދާޅުވި އެވެ.

ނޭޝަނަލް އިންކްއަރީ ކޮމިޝަންގެ މެންބަރުން -- ފޮޓޯ: އަވަސް

އޭނާ ވިދާޅުވީ ގޮތުގައި މިހާރު އެކޮމިޝަނުން ތައްޔާރުވަމުން މިދަނީ ސްރީލަންކާގެ ތަހުގީގުގެ ރިޕޯޓު ލިބުމަށް ފަހު އިިތުރަށް ކުރަން ޖެހޭ މަސައްކަތް ބަލައި އެމަސައްކަތްތަށް ކުރަމުންނެވެ. އަދި އޭގެތެރެއިން އެކޮމިޝަނުން އިތުރަށް ސާފުކުރަން ޖެހޭ މައުލޫމާތެއްވާނަ އެކަން ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ނަވާޒު ވިދާޅުވި އެވެ.

ރައީސް ޔާމިން ދަތުރުކުރެއްވި ލޯންޗުކޮޅޫގައި މިދިޔަ މަހު 28 ގައި ހިނގި ހާދިސާއަށްފަހު ރައީސް އުފެއްދެވި ކޮމިޝަންގެ ޗެއާ އަކީ އެ މަނިކުފާޏެ އެވެ. ކޯޗެއާޔަކީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާ ކާނަލް އަބްދުއްރައޫފް ކެޕްޓަން އަލީ އިހުސާން އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ނަވާޒު ޗީފް ސްޓޭޝަން އިންސްޕެކްޓާ މުހައްމަދު ސާމިހު އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345