ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ ހައި އެކްސްޕްލޯސިވް ބޭނުން ކޮށްގެން ހަދާފައިވާ ގޮވާ އެއްޗަކުން ކަން ކަށަވަރުވެއްޖެ ކަމަށް ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީން ބުނެފި އެވެ.
މިރޭ ކުއްލި ގޮތަކަށް އިންކްއަރީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިއަ މަހުގެ 28 ވަނަ ދުވަހު ރައީސް ޔާމީން ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ ވަޑައިގެން މާލެ ވަޑައިގެންނެވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ދިން ހަމަލާއަކީ ގަސްދުގައި ރައީސްގެ ފުރާނަފުޅަށް ގެއްލުން ދޭން ބަޔަކު އެއްޗެއް ގޮއްވާލައިގެން ހިންގި އަމަލެއް ކަމަށް ކޮމިޝަނުން ބެލި ބެލުމަށް ފެނިފައިވާ ކަމަށާއި ސްރީލަންކާގެ ކަމާބެހޭ މާހިރުންގެ ރިޕޯޓުން ވެސް އެކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ބުނެފައިވަނީ އެ ހަމަލާއާ ގުޅިގެން ރާއްޖެ އައި ސައުދީގެ ފޮރެންސިކް ޓީމްގެ ރިޕޯޓް ވެސް މިހާރު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި ލޯންޗުކޮޅުން ތަހުލީލަށްޓަކައި ބޭރަށް ގެންދިޔަ ސާމްޕަލްތަކުގެ ކެމިކަލް އެނަލިސެސް ހެދި އިރު "އާރްޑީއެސް" ފެނިފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވާ ކަމަށެވެ.
އެ ރިޕޯޓާ ހަވާލާދީ ކޮމިޝަނުން ބުނެފައި ވަނީ އާރްޑީއެސް މާއްދާއަކީ ހައި އެކްސްޕްލޯސިވް އެއްގެ ގޮތުގައި ދަރަޖަ ކުރެވޭ މާއްދާ އެއް ކަމަށާއި އެއީ ބާރުގަދަ އެކްސްޕްލޯސިވް އެއް ކަމަށްވާ "C4" ފަދަ އެކްޕޯސިވް އުފެއްދުމެއް ކަމަށް ސައުދީ ފޮރެންސިކް ޓީމްގެ ރިޕޯޓްގައި ބުނެފައިވާ ކަމަށެވެ.
"... ރައީސްގެ ލޯންޗްކޮޅުގައި ހިނގި ހާދިސާއަކީ ހައި އެކްސްޕްލޯސިވް ބޭނުންކޮށްގެން ހަދާފައިވާ އެއްޗެއް ގޮއްވާލައިގެން ހިންގާފައިވާ އަމަލެއްކަން މިކޮމިޝަނުން މިހާތަނަށް ބެލި ބެލުމުން ޔަގީން ކުރެވެ އެވެ." ބަޔާނުގައި ވެއެވެ.
ކޮމިޝަންގެ މެންބަރުން ސޮއިވެސް ކުރައްވާފައިވާ އެ ބަޔާނުގައި ބުނަނީ ޔަގީން ކުރެވިފައިވާ އެ މައުލޫމާތާ ގުޅިގެން އިތުރަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއީ ކޮމިޝަނުން މިހާތަނަށް ތަހުގީގާ ބެހޭ ގޮތުން މައުލޫމާތު އާންމު ކުރި ތިން ވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އާންމު ކުރީ ވީޑިއޯއެކެވެ. ދެވަނަ ފަހަރު މައުލޫމާތު ދޭން ބޭއްވީ ޕްރެސް ކޮންފަރެންސެކެވެ. ދެން މިރޭގެ ނޫސް ބަޔާނެވެ. ޕްރެސް ކޮންފަރެންސް ފިޔައި ވީޑިއޯ އާންމު ކުރުމާއި މިރޭގެ ނޫސް ބަޔާން އައިސްފައި ވަނީ ކުލި ގޮތަކަށް ދަންވަރު އެވެ.
ފިނިފެންމާގައި ރައީސަށް އަމާޒުކޮށް ދިން ހަމާލާއިން އެމަނިކުފާނު ހަނި ގޮތަކަް ސަލާމަތްވެ ވަޑައިގެންނެވި އިރު އެމަނިކުފާނުގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި އަނިތަކުގައި ބުރަކަށީގެ ބައެއް ކަށީތަކުގައި ރެނދުލާފައި ހުރުމުން އެކަމަނާ އޮންނެވީ އަދިވެސް ހޮސްޕިޓަލުގަ އެވެ. އެ ހަމަލާގައި އެކަމަނާއާއެކު ދެން ޒަހަމްވި އެހެން އޮފިޝަލުންނާއި ރައީސްގެ ބޮޑީގާޑު ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފަ އެވެ.
އަދި މި ހަމަލާއަށް ތުހުމަތު ކުރެވިގެން ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫގައި ބަންދުކޮށްފައިވާއިރު ފުލުހުންނާ ސިފައިން ބައިވެރިވެގެން ހިންގާ އޮޕަރޭޝަނެއްގައި ބައެއް ގޭގެ އާއި ތަންތަނާއި ބައެއް ރަށްރަށް މިހާތަނަށް ބަލައި ފާސްކޮށް ބައެއް ތަކެތި ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި ބޮން އުފައްދާނެ ސާމާނު ބައެއް ގޭގެއިން ފެނުނުއިރު އެއް ގެއަކުން ވަނީ ފިސްތޯލައެއް ފެނިފައެވެ. އަދި އެހެން ގެއަކުން ވަނީ ފޯނު އަޑު އަހާ ޑިވައިސް އެއް ހޯދާފައެވެ. މީގެ އިތުރުން ބައެއް މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.