ދުނިޔެ

ޖޯ ބައިޑަން ކައްސާލައްވައި ފައިގެ ކުޑަހުޅަށް ތަދުއަރައިފި

ޖޯ ބައިޑަން ގެންގުޅުއްވާ ކުއްތާ އާ މައްލަވަ ކުރައްވައި ސަމާސާ ކުރައްވަނިކޮށް ކައްސާލައްވައި ފައިގެ ކުޑަހުޅުގައި ރިހުމެއް އުފެދިއްޖެ އެވެ.

ބައިޑަންގެ އޮފީހުން ނެރުނު ކުރު ބަޔާނެއްގައި، އޭނާގެ ޑޮކްޓަރުންނާ ހަވާލާދީ ބުނެފައި ވަނީ، ކަށީގެ ހާއްސަ ޑޮކްޓަރެއްގެ އިރުޝާދު، ބައިޑަން އަށް ލިބިވަޑާއިގެންފައިވާ ކަމަށެވެ. އިތުރު ފަރުވާ އަށް "އޯތޯޕީޑިކް" ސްޕެޝަލިސްޓަކަށް ވެސް ދައްކާފައިވާ ކަމަށެވެ.

ބައިޑަންގެ ޑޮކްޓަރު، ކެވިން އޯކޯނާ ވިދާޅުވި ގޮތުގައި، ކަށީގައި ރެނދެއް ފާޅުވެފައެއް ނެތެވެ. އެ ފަދަ ނިޝާނެއް އެކްސްރޭ އިން ވެސް ނުދައްކަ އެވެ. އެހެން ނަމަވެސް، ކެވިން ވިދާޅުވީ ހުރިހާ ޝައްކެއް ފިލުވައިލުމަށްޓަކައި، ސީޓީ ސްކޭނެއް ހައްދަވާނެ ކަމަށެވެ.

އެމެރިކާގެ ރައީސަކަށް ހޮވިވަޑައިގެން އަދި މަގާމާ ހަވާލުވެވަޑައިނުގެން ހުންނެވި ބައިޑަން އަކީ އެ ގައުމުގެ ތާރީޚުގައި ވެސް ރައީސަކަށް ހޮވިވަޑައިގެންނެވި އެންމެ ދުވަސްވީ މީހާ އެވެ. އުމުރަކީ 78 އަހަރެވެ.

ޖޯ ބައިޑަން، މިއަންނަ އަހަރު ޖެނުއަރީ 20، 2021 ގައި ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާއިރު، އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އޭނާގެ ސިއްހަތެވެ. މިއީ އޭނާގެ އެކުވެރިންނާއި އަދި ވާދަވެރިން ވެސް ވަރަށް ގާތުން ބަލައި ފާރަވެރި ވާނެ ކަމެކެވެ.

މި އަހަރު އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމުގައި ބައިޑަން އުޅުއްވިއިރު، އޭނާގެ އުމުރާ ބެހޭ ގޮތުން ހުށަހެޅުނު ސުވާލުތަކަށް ޖަވާބެއް ނުދެއްވަ އެވެ. އެކަމާ ގުޅޭ ގޮތުން މީހުން ކުރި ސުވާލުތަކަށް ޖަވާބެއް ގޮތުގައި ނެރުއްވީ މެޑިކަލް ރިޕޯޓެކެވެ. އޭގައި އޮތީ ކޮލެސްޓްރޯލް ދަށްކުރާ ބޭސް "ސްޓޭޓިން" ބޭނުން ކުރައްވާ ކަމަށެވެ.

ބައިޑަންގެ ޑޮކްޓަރު ވިދާޅުވަނީ އޭނާއަކީ ސިއްހަތު ސަލާމަތުން ހުރި، ހަރަކާތްތެރި ބޭފުޅެއް ކަމަށެވެ. ރައީސްގެ ޒިންމާ އުފުލެއްވުމަށް، ހަށިގަނޑާއި ސިކުނޑި ތަނަވަސް ކަމަށެވެ.