ރާއްޖެ ކުޅިވަރު

މާޒިޔާ ބަލިކޮށް، ފުރަތަމަ ބުރުން އެއްވަނަ ނިއު އަށް

މާޒިޔާ 1-0އިން ބަލިކޮށް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ފުރަތަމަ ބުރުން އެއްވަނަ ނިއު ހޯދައިފި އެވެ.

މެޗު ނިމެން ނުވަ މިނިޓަށްވެފައިވަނިކޮށް ރިލްވާން ވަހީދު (ކަކާރިލޭ) ޖެހި ލަނޑުން ނިއު މޮޅުވުމުން އެ ޓީމަށް އެއްވަނަ ލިބުނީ 17 ޕޮއިންޓާއެކުގަ އެވެ. މެޗުން ބަލިވުމުން މާޒިޔާ ވަނީ ނިއު އަށް ވުރެ ފަސް ޕޮއިންޓް ފަހަތަށް ގޮސް ޓޭބަލުގެ ތިން ވަނަ އަށް ވެއްޓިފަ އެވެ. މާޒިޔާ އަށް 12 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވާ ޓީސީ އަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ ފަސް ޕޮއިންޓަށް ނިއު އާއި މާޒިޔާގެ ތަފާތު ބޮޑުވުމަކީ ވަރަށް ބޮޑު ޕްރެޝަރެއް ކަމަށެވެ.

"މިދިޔައީ ވަރަށް ބޮޑު ޕްރެޝަރަކަށް މާޒިޔާ. ކޮންމެ ގޮތެއް ވިޔަސް ދެން ނިއު އާއި މާޒިޔާގެ މެޗެއް އޮތް ނަމަވެސް ނިއު އަށް ޕޮއިންޓް ތަކެއް ގެއްލިގެން ދެން މާޒިޔާ އަށް ކުރިއަށް އެރޭނީ،" މި މަހު ކުރީކޮޅު ނިއު ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި ކޯޗު ބުންޏެވެ.

މީގެ ހަފުތާއެއްގެ ކުރިން ނިއުއާ ހަވާލުވި ސާބިއާގެ ކޯޗު ނިކޮލާ ކަވަޒޮވިޗް އޭނާގެ ފުރަތަމަ މެޗަށް ފަހު ބުނީ މެޗުގައި ފެނުނީ ވަރަށް މޮޅު ފުޓްބޯޅައެއް ކަމަށާއި މި ކާމިޔާބީ ނިއު އަށް ލިބުނު ނަމަވެސް ލީގުގައި އަދިވެސް ހަތަރު ޓީމެއް ވާދަކުރާނެ ކަމަށެވެ.

"އަހަންނަކަށް ނޭނގެ އެންމެން މިއީ ދެ ޓީމުގެ (މާޒިޔާ އާއި ނިއުގެ) ރޭހެކޭ ބުނަނީ ކީއްވެ ކަމެއް. ޓީސީ އަކީ ވަރަށް ރަނގަޅު ޓީމެއް. އަދި އީގަލްސް ވެސް ރަނގަޅަށް ކުޅޭ. އެހެންވީމަ ލީގުގެ ދެ ވަނަ ބުރު ވަރަށް ޓަފްވާނެ،" ސްރީލަންކާގެ ކުރީގެ ކޯޗު ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރު ނިމުނަސް ދެ ވަނަ ބުރު ފަށާނެ ދުވަހެއް އެފްއޭއެމުން އަދި ނުބުނެ އެވެ. އެއީ ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާތީވެ މެޗުތައް ޓާފް ދަނޑުގައި ކުޅެން ޖެހިފައިވުމުންނެވެ.