ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ކޯސްތަކެއް ހިންގާނެ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
މި އަހަރުގެ ޖުލައިގަައި ސަރުކާރުން އިއުލާން ކުރި ސްކިލްސް ފޮ އަ ރެޒިލިއެންޓް ވޯކްފޯސް ޕްރޮގްރާމްގެ ދަށުން ހިންގާ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 12 ކޯހެއް ހިންގުމަށް ބޭނުންވާ އިންސްޓިޓިއުޓްތައް ހޯދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ.
ހަޔާ އެޑިއުކޭޝަނުން މިއަދު ބުނީ، މިއަދު އިއުލާނު ކޮށްފައިވާ ބިޑުގެ މައުލޫމާތު ތައްޔާރުކުރުމުގައި ވީހާވެސް ގިނަ އިންސްޓިޓިއުޓްތަކަށް ފުރުސަތު ފަހިވާނެ ގޮތްތަކަށް ވިސްނުން ބަހައްޓާފައި ވާނެ ކަމަށެވެ. އެގޮތުން ބިޑު ހުށަހަޅާ ވާދަކުރުމަށް ޝަރުތު ހަމަވާ ހުރިހާ އިންސްޓިޓިއުޓްތަކުގެ މެދުގައި މާކްސް ލިބޭ ތަރުތީބުން ކޮންމެ ކޯހެއް ވަކިވަކިން އެވޯޑު ކުރެވެމުން ދާނެ ކަމަށެވެ.
އަހަރަކަށް ކުރިއަށްގެންދާ ކޯސްތަަކުގެ ފެންވަރަކީ ލެވެލް 3 އާއި 4 އެވެ.
ޓެކްނިކަލް ދާއިރާގެ ކޯސްތައް ހިންގަމުންދާ ވީހާވެސް ގިނަ އިންސްޓިޓިއުޓްތަކުން ހުޅުވާލި ބިޑުގައި ބައިވެރިވުމަށް ވަނީ އެދިފަ އެވެ.
"ސްކިލްސް ފޮ އަ ރިޒިލިއަންޓް ވޯކްފޯސް" އަކީ ކޮވިޑް-19ގެ ދަތި ހާލަތުން ރާއްޖެ އަރައިގަނެ، އިގްތިސާދީ މަސައްކަތްތައް އަލުން ފަށާއިރު ބިދޭސީން މަސައްކަތް ކުރާ އެކި ދާއިރާތަކަށް ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ދާއިރާގެ ބައެއް ކޯސްތައް ވަނީ ފަށައިގެން ކުރިއަށްގެންގޮސްފަ އެވެ.