ހަބަރު

ގައުމީ ޔުނިވާސިޓީގެ އެކްޝަން ޕްލޭން ނެރެފި

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި އެވެ.

އެމްއެންޔޫ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށްދެއްވާފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. މިއީ މި އަހަރުން 2025 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާ މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމަށް ޔުނިވާސިޓީގެ ދައުރު ވަރަށް މުހިއްމު ކަމަށާއި ގައުމީ ޔުނިވާސިޓީގެ ފެންވަރާ މެދު ސުވާލު އުފައްދާނެ ފުރުސަތެއް ދެއްވައިގެން ނުވާނެ ކަމަށެވެ. އަދި، ގައުމީ ތަރައްޤީއަށް މީހުން ބިނާކުރުމުގައި ޔުނިވަސިޓީ އަކީ ވަރަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.

މިއަދުގެ ހަފްލާގައި އެމްއެންޔޫގެ ސްޓްރެޓީޖިކް ޕްލޭން ތަންފީޒްކުރުމުން ހާސިލްވާނެ ލަނޑުދަނޑިތައް ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ދެއްކި އެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ؛

  • އުނގަންނައިދިނުމުގައި އެންމެ މަތީ ހަރުފަތަށް ވާސިލްވުން
  • ދިރާސާކުރުމާ އުފެއްދުންތެރި ކަމުގައި ލާމަސީލު ނަމޫނާއަކަށްވުން
  • ދިވެހިންގެ އަމިއްލަ ވަންތަކަން ކުރިއެރުވުން
  • ފެންވަރު ރަނގަޅު މީހުން ބިނާކުރުން
  • ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ އިތުރުކުރުން
  • ހިންގުން ހަރުދަނާކުރުމާ އިސްނެގުމުގައި ނަމޫނާއަކަށްވުން
  • ފުޅާދާއިރާއެއްގައި މުޖުތަމަޢުއާ ގުޅުން ބަދަހިކުރުން
  • މަސައްކަތްކުރާނެ ރަނގަޅު ވެއްޓެއް ޤާއިމްކުރުން
  • ދަރިވަރުން ކާމިޔާބު ބަޔަކަށް ހެދުމާ ބާރުވެރިކުރުން
  • ގައުމީ، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުން