ދުނިޔެ

ޖޯ ބައިޑަންގެ ވައިޓް ހައުސް ކޮމިއުނިކޭޝަން ޓީމްގައި ހުސް އަންހެނުން

ޖޯ ބައިޑަންގެ ކޮމިއުނިކޭޝަން ޓީމް އެކުލަވާލައްވައި، އާންމު ކުރައްވައިފި އެވެ. ވައިޓް ހައުސްގައި އޭނާއާ އެކު މަސައްކަތް ކުރުމަށް އިޚްތިޔާރު ކުރެއްވި ޓީމްގައި މުޅިން ވެސް ތިއްބެވީ ތަޖުރިބާކާރު ކަނބަލުންނެވެ.

އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ޖޯ ބައިޑަން ވައިޓް ހައުސް އަށް ބަދަލުވެ ވަޑައިގަންނަވާނެ އެވެ. އެ ދުވަހަކަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ވަގުތީ އޮފީހުން މިހާރު ގެންދަނީ ވައިޓް ހައުސްގައި މަސައްކަތް ކުރާނެ މީހުން ހޮވައި ލިސްޓް ކުރަމުންނެވެ.

ބައިޑަންގެ ކޮމިއުނިކޭޝަން ޓީމްގެ ހިންގުން ހަވާލު ކުރައްވާފައި ވަނީ ކޭޓް ބެޑިންފީލްޑް އަށެވެ. ކޭޓަކީ ބައިޑަންގެ ކެމްޕެއިން ކޮމިއުނިކޭޝަން ޑައިރެކްޓަރެވެ. ވައިޓް ހައުސްގައި ވެސް އޭނާ އަދާ ކުރައްވާނީ ބައިޑަންގެ ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަގާމެވެ. ޕްރެސް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސަވާފައި ވަނީ ޖެން ސާކީ އެވެ. ޖެން ސާކީ އާންމުން ދަންނަނީ ޑިމޮކްރެޓިކް ޕާޓީގެ ސްޕޯލްސްވުމަންގެ ގޮތުގަ އެވެ.

ސަރުކާރު ބަދަލުވުމުގެ މަސައްކަތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ އޮފިޝަލަކާ ހަވާލާދީ އޭޕީން ބުނާ ގޮތުގައި، "އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް" އަށް ވެސް ކަނޑައަޅުއްވާފައި ވަނީ އަންހެނެކެވެ. އެއީ ނީރާ ޓަންޑަން އެވެ. މި ނަން މިހާރު އާންމު ކުރައްވާފައި ވާއިރު، އޭނާ އަދާ ކުރައްވާނީ ވައިޓް ހައުސް ބަޖެޓް ޗީޕްގެ މަގާމެވެ.

ބައިޑަން އިޚްތިޔާރު ކުރައްވާފައިވާ މި ތިން ކަންބަލުން ވެސް ވަނީ އޮބަމާ ސަރުކާރުގައި ބައިޑަން ނައިބަކަށް ހުންނެވިއިރު، ވައިޓް ހައުސް އާއި ސްޓޭޓް ޑިޕާޓްމަންޓްމަންޓްގައި އިސް މާގާމުތައް އަދާ ކުރައްވާފަ އެވެ. އެހެން ކަމުން، ބައިޑަން އެކުލަވާލެއްވި ޕްރެސް ޓީމަކީ ތަޖުރިބާކާރު އަދި ދުނިޔެއަށް ހޭލެވިފައިވާ ކުޅަދާނަ ޓީމަކަށް ވާނެ ކަމަށް ހުދު ބައިޑަން ވެސް ވަނީ ވިދާޅުވެފަ އެވެ.