ޓޫރިސްޓް އެރައިވަލް

މި މަހު 32،000 ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވި ފަހުން މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައި މަހަކަށް ނޮވެންބަރު މަސް ވެއްޖެ އެވެ. މި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 32،241 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވި ފަހުން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 32،241 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފައިވާއިރު، މި މަހު ރާއްޖެ އަށް އެންމެ ގިނައިން މީހުން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 16،285 މީހުން ވަނީ އައިސްފައިވެ އެވެ. މިއީ ބޯޑަރު ހުޅުވިފަހުން އައި ޓޫރިސްޓުންގެ 22.4 ޕަސެންޓެވެ.

ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން މިހާތަނަށް 8،690 ޓޫރިސްޓުން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 5،312 ޓޫރިސްޓުން އައިސްފައިވާއިރު އެމެރިކާއިން 2،212 ޓޫރިސްޓުން އައިސްފައިވެއެވެ. ޔޫއޭއީން 4،471 ޓޫރިސްޓުން، ޖަރުމަނުން 3،626 ޓޫރިސްޓުން އަދި ޔޫކުރެއިން އިން 2،661 ފަތުރުވެރިން ވަނީ އައިސްފައެވެ.

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެ އައިސްފައިވަނީ 21،515 ޓޫރިސްޓުންނެވެ. ސެޕްޓެންބަރު އައީ 9،538 ޓޫރިސްޓުންނެވެ. އޮގަސްޓްގައި 7،628 ފަތުރުވެރިންނެވެ. ބޯޑަރު ހުޅުވި ޖުލައި މަހު އައީ 1،752 ޓޫރިސްޓުންނެވެ.

މިހާތަނަށް ރާއްޖެ އަށް ޓޫރިސްޓުން އުފުލާ ދީފައިވަނީ މޯލްޑިވިއަން އާއި ފްލައިމީ ހިމެނޭ ގޮތަށް 15 އެއާލައިން އަކުންނެވެ. އެންމެ ގިނައިން މީހުން ގެނެސްފައިވަނީ އެމިރޭޓްސް އިންނެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް އައިސްފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 455،470 ޓޫރިސްޓުން އެވެ. މީގެ ތެރެއިން 382,760 މީހުންނަކީ ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެށުމުގެ ކުރިން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އައި މީހުންނެވެ. ބޯޑަރު ހުޅުވި ފަހުން އައ 72،623 ޓޫރިސްޓުންނެވެ.