ހަބަރު

އުލިގަމުގައި ހަތިޔާރު ގުދަނެއެއް ނުހަދާކަމުގެ ޔަގީންކަންދެން: އުމަރު

Oct 20, 2015

ރާއްޖޭގެ އުތުރުން ހއ. އުލިގަމުގައި ހަތިޔާރު ގުދަނެއް ނުހަދާ ކަމަށް ކަށަވަރުކޮށް ދެއްވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދިވެހި ސިފައިންނަށް ނޫން ބަޔަކަށް ހަތިޔާރެއް ނުގެންގުޅެވޭ އިރު އުމަރު ނަސީރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އުލިގަމުގައި ހަތިޔާރު ގުދަނެއް ނުހަދާ ކަން ސަރުކާރުގެ ފަރާތުން ކަށަވަރުކޮށް ދެއްވާ ކަމަށާއި ހަތިޔާރާ ގުޅޭ އެފަދަ ކަންމުގައި ސަރުކާރުން ސާމިލު ނުވާނެ ކަމަށެވެ. އަދި ހަތިޔާރާ ގުޅޭ އެފަދަ ކަންކަމުގައި ސަރުކާރުން ކުޅިވަރު ނުކުޅޭނެ ކަމަށެވެ.

އުމަރު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ އެންމެ އުތުރުން ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް ހިމާޔަތް ދިނުމަށް އުލިގަމުގައި ހަތިޔާރު ގުދަނެއް ހެދުމުގެ ހުއްދަ ބޭރުގެ ކުންފުންޏަކަށް ސަރުކާރުން ދީފައިވާ ކަމަށް ހަބަރެއް ފެތުރެމުން ދަނިކޮށެވެ.

ހަބަރު ފެތުރިފައިވާ ގޮތުން އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދަނީ މޯލްޓާގައި ހިންގާ ސޭފްޓީ އެޓް ސީ ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް (އެސްއޭއެސްއެލް) އިންނެވެ. އެ ގުދަން ގާއިމު ކުރަނީ 200 މީހުންގެ މައްޗަށް އެކުލެވޭ ޔުނިޓަކާއެކު އެވެ.

މި މައްސަލާގައި އުމަރު ނަސީރު ވާހަކަފުޅު ދެއްކެވި އިރު އެމްއެންޑީއެފްއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި މައްސަލަ ދިމާވެފައިވާ މި ވަގުތުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ވެސް ބޭފުޅަކު ނެތެވެ.

މި ހަބަރު ފެތުރިފައިވާއިރު މިދިއަ އޯގަސްޓް މަހުގެ ތެރޭގައި ނައިބު ރައީސް އަހުމަދު އަދީބު މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މޯލްޓައަށް ވަޑައިގެންނެވި އެވެ. ނައިބު ރައީސް މޯލްޓާއަށް ކުރެއްވި އެ ދަތުރުފުޅުގައި، މޯލްޓާގެ ރައީސާއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ހާއްސަ ސިޓީފުޅެއް އެރުވި އެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ސިފައިންގެ ވެރިޔާ އެވެ.