އަލީ އަޝްފާގު (ދަގަނޑޭ)

15 އަހަރު ފަހުން ދަގަނޑޭ އެނބުރި ވެލެންސިއާއަށް

ކުލަބު ވެލެންސިއާއިން ސީނިއާ ކެރިއާ ފެށި، އަލީ އަޝްފާގް (ދަގަނޑޭ) 15 އަހަރު ފަހުން އެ ކުލަބާ އަލުން ގުޅިއްޖެ އެވެ.

އުމުރުން 16 އަހަރުގައި ދަގަނޑޭ، ވެލެންސިއާއިން ކެރިއާ ފެށީ 2001 ވަނަ އަހަރު އެވެ. އެ ކުލަބަށް ފަސް އަހަރު ކުޅެ ދަގަނޑޭ ވަނީ 100 އަށް ވުރެ ގިނަ ގޯލް ކާމިޔާބު ކޮށްފަ އެވެ. އޭނާ ވެލެންސިއާއިން ކެރިއާ ފެށިއރު، އޭރު އެ ޓީމުގެ އެޓޭކިން ޑިޕާޓްމެންޓް މަޝްހޫރުވީ ތިން އަލީ ހިމެނޭ ގޮތަށެވެ. އެއީ ދަގަނޑޭގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ ދެ ވަ ފޯވަޑުން ކަމަށްވާ ކ. ހުރާގެ އަލީ ޝިހާމް އާއި އަލީ އުމަރު ހިމެނޭ ގޮތަށެވެ. ދަގަނޑޭ ވެލެންސިއާގެ ކެރިއާ ފެށީ 2001 ވަނަ އަހަރު ޕޮމިސް ކަޕްގަ އެވެ.

ވެލެންސިއާ އަށް ސޮއި ކުރުމަށް ފަހު، ސޯޝަލް މީޑިއާގައި އަޝްފާގް ބުނެފައި ވަނީ އޭނާ ފެށުން ގުޅިފައިވާ ކުލަބަށް އެނބުރި ދެވުމުން ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. ވެލެންސިއާގެ އިތުރުން ރާއްޖޭގެ ކުލަބުތަކުގެ ތެރެއިން އަޝްފާގް ކުޅެފައި ވަނީ ނިއުރޭޑިއަންޓް، ވީބީ ސްޕޯޓްސް ކުލަބު، މާޒިޔާ، ޓީސީ ސްޕޯޓްސް، އަދި މިދިޔަ އަހަރު ކުލަބު ގްރީން ސްޓްރީޓަށެވެ.

އޭނާ ވަނީ، ބުރުނާއީގެ ޑީޕީއެމްއެމް އެފްސީ އަށާއި މެލޭޝިއާގެ ޕީޑީއާރްއެމްއަށްވެސް ކުޅެފަ އެވެ. ދަގަނޑޭ ވަނީ އޭނާގެ ސީނިއާ ކެރިއާގައި 473 ގޯލް ޖާހަފަ އެވެ. އޭއެފްސީ ކަޕް ބުރެކެޓް ޗެލެންޖް މިދިޔަ އާދިއްތަ ދުވަހު ކާމިޔާބު ކުރި، ދަނގަޑޭ އަކީ މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އޭޝިއާގެ ލަނޑު ލިސްޓްގެ އެއް ވަނަ އެވެ.

ފުޓްބޯޅައިގެ މައުލޫމާތުތައް ގެނެސްދޭ ފޫޓީ ރޫމްއިން ދާދި ފަހުން ހާމަ ކޮށްފައިވާ ލިސްޓްގައި، އެކްޓިވްކޮށް ކުޅެމުންގެންދާ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ ލަނޑު ލިސްޓްގައި އަޝްފާގް އުޅެނީ ހަ ވަނައިގަ އެވެ. އެ ލިސްޓްގައި ހިމެނޭ 10 ކުޅުންތެރިންގެ ތެރެއިން މަދު މެޗު ކުޅެގެން އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔަކީވެސް ދަގަނޑޭ އެވެ. އޭނާ 473 ލަނޑު ޖެހީ 554 މެޗުންނެވެ. މި ލިސްޓްގައި އޭޝިއާ ބައްރުން ހިމެނުނު ހަމައެކަނި ކުޅުންތެރިޔަކީވެސް ދަގަނޑޭ އެވެ.