ކޮވިޑް-19 އާ ދެކޮޅަށް އޮކްސްފޯޑް ޔުނިވަސިޓީން ތައްޔާރުކޮށް ތިން ވަނަ ޓްރަޔަލް މިހާރު ފުރިހަމަ ކުރަމުންދާ ވެކްސިން އިންޑިޔާގައި އުފެއްދުމުގެ މަސައްކަތްކުރާ ދަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން އެ ވެކްސިން ޖެހި ވޮލަންޓިއަރާ ދެކޮޅަކަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން އިއުލާން ކޮށްފި އެވެ.
ވެކްސިންގެ އަގު ވައްޓާލަން ވޮލަންޓިއަރުން ދައްކަމުންދާ ވާހަކަ ތަކާ ގުޅިގެން ކުންފުންޏަށް ލިބެމުންދާ ގެއްލުމަށް އެމީހާގެ އަތުން 100 ކްރޯޑު ރުޕިސްގެ ބަދަލެއް ހޯދަން ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެސްއައިއައި އިން ކޯޓަށް ދާނެކަމަށް ބުނީ ޗެންނައިގައި ދިރިއުޅޭ ވޮލަންޓިއަރު އެސްއައިއައި އާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެއްދުމާ ގުޅިގެންނެވެ. ވޮލަންޓިއަރު ކުރާ ދައުވާގައި ބުނެފައިވަނީ ކޮވިޑްޝީލްޑް ވެކްސިންގެ ޓެސްޓް ޑޯޒެއް ޖެހިފަހުން އޭނާއަށް ނިއުރޮލޮޖިކަލް މައްސަލަތަކެއް ދިމާވެފައިވާތީ ފަސް ކްރޯޑު ރުޕީސްގެ ބަދަލެއް ހޯދައިދިނުމަށެވެ.
އެސްއައިއައި އިން ބުނަނީ އެމީހާ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ރޯ ބުހުތާނު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ކުންފުނީގެ ނަމާއި ވެކްސިންގެ އަގުވައްޓާލަން ކުރަމުންދާ ކަމެއް ކަމަށެވެ.
އަދި އެމީހާއަށް ދިމާވެފައިވާ ނާރުގެ މައްސަލަތަކާ މެދު ހަމްދަރުދީވާ ކަމަށާއި ނަމަވެސް އެއީ ވެކްސިން ޖަހައިގެން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށްވެސް ސީރަމް އިންސްޓިޓިއުޓުން ވަނީ ބުނެފަ އެވެ.
އަދި ސީރަމް އިންސްޓިޓިއުޓުގެ މެޑިކަލް ޓީމުން ވޮލަންޓިއަރާ ގުޅައި އެއީ ވެކްސިންގެ ސަބަބުން ދިމާވިކަމެއް ނޫންކަން ބުނެދީފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ނަމަވެސް އެހާ ރަނގަޅަށް އެކަން އޮޅުން ފިލުވައި ދީފައިވަނިކޮށް ވެސް އާއްމުންގެ ތެރޭގައި އެ ވާހަކަ ފަތުރައި ކުންފުންޏާއި ވެކްސިންގެ ނަން ކިލަނބުކުރަން މަސައްކަތްކުރާތީ އެމީހާ އާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ކުންފުނިން ނިންމީކަމަށް ވެސް ބުނެފައި ވެއެވެ.
ސީރަމް އިންސްޓިޓިއުޓް އާ ދެކޮޅަށް ދައުވާ ކޮށްގެން އުޅެނީ 40 އަހަރުގެ ވޮލަންޓިއަރެކެވެ. އެއީ ބިޒިނަސް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ކުންފުންޏާ ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ އޭނާ އަށާއި އާއިލާއަށް ލިބުނު ގެއްލުމާއި އަދި މުސްތަގްބަލްގައި ލިބިދާނެ ގެއްލުމެއްގެ ބަދަލު ހޯދުމަށް ދައުވާ ކުރީ ކަމަށެވެ.