ރާއްޖެ ކުޅިވަރު

ކޮރަޕްޝަނުގެ ތުހުމަތުގައި އެފްއޭއެމަށް ބޮޑު ކާމިޔާބީއެއް

މިނިސްޓްރީން ދޫކުރި ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކުރީ ފުޓްބޯޅަ މުބާރާތްތަކަށް

ބުރާސްފަތި ދުވަހު ބާއްވާ އެފްއޭއެމުގެ އިންތިހާބަށް އެތަނުގެ ފައިސާ ބޭނުންކޮށްގެން ނޯމަލައިޒޭޝަން ކޮމިޓީން ކޮރަޕްޝަން ހިންގާ ކަމަށް ހުށަހެޅި މައްސަލާގައި އެފްއޭއެމުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

އިންތިހާބަށް ކުރިމަތިނުލައްވައި ތިއްބެވި ފަރާތްތަކުގެ ތާއީދާއެކު މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުއްވީ އެފްއޭއެމުގެ ކުރީގެ އެގްޒެކެޓިވް ސެކްރެޓަރީ ހުސެން ރަޝީދެވެ. މިއާއެކު ޔޫތު މިނިސްޓްރީން ވެސް ވަނީ އިންތިހާބު ނުބާއްވަން އެފްއޭއެމަށް އަންގައިފަ އެވެ.

ނަމަވެސް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އާއި އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމާއަތް ކަމަށްވާ އޭއެފްސީގެ ތާއީދާއެކު ތިއްބެވި އެފްއޭއެމުގެ މައްސަލަ އޭސީސީން ބެލުމަށް ފަހު ނިންމީ ޔޫތު މިނިސްޓްރީ މެދުވެރިކޮށް އެފްއޭއެމަށް ސަރުކާރުން ދީފައިވާ ފައިސާ ބޭނުންކޮށްފައިވަނީ ބަރާބަރަށް ކަމަށެވެ.

އެއިދާރާއިން މިއަދު އެފްއޭއެމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި އަހަރުގެ މިހާތަނަށް މިނިސްޓްރީން އެފްއޭއެމަށް ދޫކޮށްފައިވާ 4323684.60 (ހަތަރު މިލިއަން ތިންލައްކަ ތޭވީސް ހާސް ހަސަތޭކަ އައްޑިހަ ހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) ގައުމީ ފުޓްބޯޅަ އިދާރާއިން ހަރަދުކޮށްފައިވަނީ މި އަހަރު ބާއްވާފައިވާ އެކިއެކި ފުޓްބޯޅަ މުބާރާތްތަކަށްކަން އެނގޭ ކަމަށާއި އެ ފައިސާ ހަރަދު ކުރުމުގައި ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތް ކޮށްފައިވާކަން އެނގެންނެތް ކަމަށެވެ.

މިނިސްޓްރީން އެފްއޭއެމަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަށް ދޫކުރި އެއްމިލިއަން ހަތަރު ލައްކަ އަށާރަހާސް އެއްސަތޭކަ ރުފިޔާ ހަރަދުކޮށްފައިވަނީ އެފްއޭއެމުގެ އިދާރީ ހަރަދުތަކަށާއި ފުޓްބޯޅަ މުބާރާތްތަކަށްކަން ލިޔެކިއުންތަކުން އެނގޭ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

ޕްރެޒިޑެންޓްސް ކަޕަށް ދޫކުރި ފައިސާ:

ކޮރަޕްޝަން ހިންގާ ކަމަށްބުނެ ޖެއްސި މައްސަލަ އާއި އަދި ފައިސާގެ މައްސަލާގައި ޔޫތު މިނިސްޓްރީން ވެސް އެފްއޭއެމާ އެންމެ ބޮޑަށް ވާންކުރީ އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި މިމަހު ކުރީކޮޅު ނިމުނު ޕްރެޒިޑެންޓްސް ކަޕަށް ދޫކުރި ފައިސާ އަށެވެ. އޭސީސީގެ ސިޓީގައި ބުނެފައިވަނީ މި މުބާރާތަށް އޮގަސްޓް ދެ ވަނަ ދުވަހު ދޫކޮށްފައިވާ ދެމިލިއަން ހަތްލައްކަ ރުފިޔާ އެ މުބާރާތުގެ އެކިއެކި ކަންކަމަށްކަން ވައުޗަރުތަކުން އެނގި ސާފުވާ ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ މާޗު މަހުގެ ހަތަރު ވަނަ ދުވަހު މިނިސްޓްރީން އެފްއޭއެމަށް ދޫކުރި ދެ ލައްކަ ފަސްހާސް ފައްސަތޭކަ ސާޅީސް އަށް ރުފިޔާ ފަސްދޮޅަސް ލާރި ހަރަދުކޮށްފައިވަނީ އަންނަ އަހަރު ގަތަރުގައި ބާއްވާ އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގެ ކޮލިފައިންގައި ބައިވެރިވި ޓީމުގެ ޓިކެޓްގަތުމަށް ކަމަށް ވެސް ލިޔެކިއުންތަކުން އެނގޭ ކަމަށް އޭސިސީގެ ސިޓީގައިވެ އެވެ.

އަސާސީ ގަވާއިދުން ކޮރަޕްޝަން ހިންގަން ފުރުސަތު ކުޑަ

މީގެ އިތުރުން ސިޓީ ނިންމާލަމުން ބުނެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެފްއޭއެމުގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސް އިންތިހާބުގައި ވޯޓުލެވޭ ކުލަބުތަކުގެ އަދަދު 13 އިން 44 މެމްބަރުންނަށް އިތުރުކޮށްފައިވުމަކީ ވެސް އެފްއޭއެމުގެ އިންތިހާބުގައި ވޯޓުލުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމެއް ކަމަށެވެ.

ކުރުނބާ މޯލްޑިވްސްގައި ބާއްވާ އެފްއޭއެމުގެ އިންތިހާބުގައި ވާދަކުރައްވަނީ ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެކަންޏެވެ. އޭނާ އަކީ ގައުމީ އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އޭއެފްސީގެ އެކްސްކޯ މެމްބަރެކެވެ. އިންތިހާބުގައި އޭނާ އެކަނި ވާދަކުރައްވާތީވެ އޮންނާނީ ޝަވީދާއި އޭނާގެ ޓީމަށް ފެންނަ ނުފެންނަ ވޯޓު ނެގުމެވެ.

އޭސީސީން އެފްއޭއެމަށް އާނބަސް ބުނުމުގެ ކުރިން ފީފާ އާއި އޭއެފްސީން ވަނީ އެފްއޭއެމުގެ ފައިސާގެ މުއާމަލާތްތަކުގައި އެއްވެސް މައްސަލައެއްނެތް ކަމަށްބުނެފަ އެވެ. އަދި ޔޫތު މިނިސްޓްރީން މެދުވެރިގެން ނުވަތަ އެނޫން ގޮތަކުން ވެސް ސަރުކާރުން އެފްއޭއެމަށް ނުފޫޒު ފޯރުވާނަމަ ރާއްޖެ ފުޓްބޯޅައިން ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރުދީފަ އެވެ. އެއީ މި މަހުގެ 30ގެ ކުރިން އިންތިހާބު ބާއްވަން ދެ ވަނަ ފަހަރަށް ފުރުސަތުދީ އެކަން ނިންމުމަށް ފީފާގެ ހިންގާ ކޮމިޓީން މިދިޔަ މަހު ނިންމާފައިވާތީ އެވެ. މީގެ އިތުރުން ފީފާގެ މެމްބަރު އެސޯސިއޭޝަންތަކަކީ މިނިވަންކަމާއެކު ހިންގަންޖެހޭ އިދާރާތައް ކަމަށް ބުނެ އެ ޖަމާއަތުން ވަނީ އެކަން ހަނދާންވެސް ކޮށްދީފަ އެވެ.