ހަބަރު

އަވަސް އިން "ނިއުސް ޑްރޮޕް" ތައާރަފުކޮށްފި

Oct 20, 2015
6

ކިޔުންތެރިންނަށް ހަބަރާއި މައުލޫމާތު ހިއްސާ ކުރެވޭ ގޮތަށް "އަވަސް" އޮންލައިނުން "ނިއުސް ޑްރޮޕް" ގެ ނަމުގައި ހާއްސަ ޕޭޖެއް މިއަދު ގާއިމްކޮށްފި އެވެ.

އަވަސްގެ ކްރިއޭޓިވް އެޑިޓަރު މުހައްމަދު އަފްޒަލް އާމިރު (އަޕޯ) ވިދާޅުވީ މިއަދު އަވަސް އޮންލައިން ގާއިމް ކުރި "ނިއުސް ޑްރޮޕް" އަކީ ނޫހުގެ ކިޔުންތެރިންނާއި ނޫހާއި ގާތްކޮށް ކޮންމެ ތަނެއްގައި ހުރެވެސް ބޭނުންވާ މައުލޫމާތާއި ފޮޓޯ ހިއްސާ ކުރެވޭނެ ނިޒާމް ގާއިމްކޮށްފައިވާ ޕޭޖެއް ކަމަށެވެ. އަދި ވިދާޅުވީ އެކި ފަރާތްތަކުން އަވަސްގެ ނިއުސް ޑްރޮޕަށްލާ ހަބަރާއި މައުލޫމާތާއި ފޮޓޯ ވަގުތުން އަވަސްގެ ނިއުސްރޫމަށް ލިބޭނެ ކަމަށާއި ލިބުމާއެކު ނޫސްވެރިން އެ މައުލޫމާތަކަށް އެޓެންޑްކޮށް ޑިވެލޮޕް ކުރާނެ ކަމަށެވެ.

އަވަސްގެ ނިއުސް ޑްރޮޕް، ކޮންމެ ޕޭޖެއްގައި އިނަސް އެންމެ މަތީ މެއިން ބެނާގައި ފެންނަން އިންނާނެ އެވެ.

"ވަރަށް ގިނަ މީހުން، ވަރަށް ގިނަ ކިޔުންތެރިން ބޭނުންވޭ މުހިންމު ކަމެއް ހިނގުމުން ވީހާވެސް އަވަހަކަށް ނޫހާ، ނޫނީ ނޫސްވެރިޔަކާ ހިއްސާ ކުރަން. ފޯނުކޮށްގެން ބައެއް ފަހަރު އެހާ ފަސޭހައިން އެކަން ކުރެވޭގޮތް ނުވެފައި ވެސް ހުރޭ. އެހެންނަމަވެސް މިހާރު ކޮންމެ ތަނެއްގައި ހުރެގެން ވެސް ކޮންމެ ގަޑިއެއްގައި ވެސް އެމީހަކު ބޭނުން މައުލޫމާތެއް އަވަސް އާ ހިއްސާކޮށްލެވޭނެ އަޅުގަނޑުމެންގެ 'ނިއުސް ޑްރޮޕް' ބޭނުން ކޮށްގެން،" އަފްޒަލް ވިދާޅުވި އެވެ.

އަވަސް އިން "ނިއުސް ޑްރޮޕް" ގާއިމް ކުރި އިރު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ނޫހުގެ ރީޑިޒައިނެއް ވެސް ތައާރަފުކޮށްފައެވެ.

އަޕޯ ވިދާޅުވީ ރީޑިޒައިނަކީ ވެސް ކިޔުންތެރިން ބޭނުންވި ބަދަލެއް ކަމަށާއި މިއަދު ތައާރަފު ކުރި ހިދުމަތަކީ ވެސް ކިޔުންތެރިންނާއި އާންމުން ބޭނުންވާ ގޮތަށް ގެނައި ބަދަލެއް ކަމަށެވެ.

"ކިޔުންތެރިންނަށް އަދި އާންމުންނަށް އެމީހުން ހިއްސާ ކުރަން ބޭނުންވާ ހަބަރު ފަސޭހައިން ނޫހާ ހިއްސާ ކުރެވޭނެ ގޮތް ހަދައި ދެވުމަކީ އަޅުގަނޑުމެނަށް ލިބުނު ވަރަށް ބޮޑު އުފަލެއް."