ހަބަރު

"ރައީސް މޯލްޓާގެ ރައީސާއަށް ފޮނުއްވި ސިޓީގައި ހަތިޔާރާބެހޭ ވާހަކައެއް ނުހިމެނޭ"

Oct 20, 2015

މޯލްޓާގެ ރައީސާ މޭރީ ލުއީސް ކޮލެއިރޯ ޕުރެކާ އަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވެވި ސިޓީފުޅުގައި ހަތިޔާރު ގުދަނެއް ނުވަތަ އެފަދަ ކަމަކާ ގުޅުންހުރި އެއްވެސް ވާހަކައެއް ހިމަނާފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރާއްޖޭގައި ބޭރުގެ އެއްވެސް ފަރާތެއްގެ ހަތިޔާރު ގުދަނެއް ނުހުންނާނެ ކަމަށާއި އެފަދަ ތަނެއް ގާއިމު ކުރަން ބޭރުގެ އެއްވެސް ފަރާތަކާ އެއްބަސްވެފައިވެސް ނުވާނެ ކަމަށާއި މޯލްޓާގެ ރައީސަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވެވި ސިޓީފުޅުގައި ހަތިޔާރު ގުދަނެއް ނުވަތަ އެފަދަ ކަމަކާ ގުޅުންހުރި އެއްވެސް ވާހަކައެއް ހިމަނާފައި ނުވާ ކަމަށެވެ.

މިދިއަ އޯގަސްޓް މަހުގެ ތެރޭގައި ނައިބު ރައީސް އަހުމަދު އަދީބު މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މޯލްޓައަށް ވަޑައިގެންނެވި އެވެ. ނައިބު ރައީސް މޯލްޓާއަށް ކުރެއްވި އެ ދަތުރުފުޅުގައި، މޯލްޓާގެ ރައީސާއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ހާއްސަ ސިޓީފުޅެއް އެރުވި އެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ސިފައިންގެ ވެރިޔާ އެވެ.