ހިޔާ މަޝްރޫއު

ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓް ނެރެފި

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ހާއްސަ H7 ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކޮށްފި އެވެ.

ފްލެޓް ކޮމެޓީން މިއަދު ބުނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީން ޝަރުތު ހަމަވާ މީހުންނާއި އަދި ޝަރުތު ހަމަނުވާ މީހުން ޝަރުތު ހަމަ ނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު އާންމުކޮށްފައިވާ ކަމަށެވެ.މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނުވާ މީހުންވެސް ސަބަބާއެކު ވަގުތީ ލިސްޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެޓީން ބެލި ކަންކަން

  • ދިވެއްސަކަށްވުން،
  • ފޯމު ހުށަހަޅާ ތާރީހާ ހަމައަށް މީލާދީގޮތުން 18 އަހަރު ފުރި، 30 އެޕްރީލް 2018 އަށް މީލާދީ ގޮތުން 41 އަހަރު ފުރިފައި ނުވުން،
  • ފޯމު ހުށަހަޅާ ތާރީހުގައި ކައިވެންޏެއްކޮށްގެން އުޅޭ މީހަކަށްވުން،
  • ފޯމުގައި ހިމެނޭ ޖުމްލަ އާމްދަނީއަ ށް މަހަކު 7000 (ހަތްހާސް) ދިވެހި ރުފިޔާ ލިބުން،
  • މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި މާލެ ހުޅުމާލެ ނުވަތަ ވިލިމާލޭގައި ފްލެޓަށް އެދޭމީހާ ނުވަތަ ފްލެޓަށް އެދޭ މީހާގެ އަނބި / ފިރިމީހާ ވަޒީފާ އަދާކުރުން ނުވަތަ، ފްލެޓަށް އެދޭ މީހާގެ އަނބި / ފިރިމީހާ ނުވަތަ/ އަދި ދަރިން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި ފްލެޓަށް އެދޭ މީހާ ކ. އަތޮޅު އެއްވެސް ރަށެއް/ރިސޯޓެއްގައި ވަޒީފާ އަދާކުރުން،
  • މާލެއިން 600 އަކަފޫޓު ނުވަތަ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް/ފްލެޓެއް/ރޯހައުސެއް ލިބިފައިވާ މީހެއް ކަމުގައި ނުވުން

ފްލެޓް ކޮމެޓީން ވަނީ މިއަދު އާންމުކުރި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.