ކުޅިވަރު

އާޒިމްގެ ތުހުމަތުތައް އެތުލެޓިކްސްއިން ދޮގު ކޮށްފި

ރައްޔިތުންގެ މަޖިލީހުގައި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އެތުލެޓިކްސް އެސޯސިއޭޝަނާ ބެހޭގޮތުން ދެއްކެވި ވާހަކައަށް އެ އެސޯސިއޭޝަނުން ރައްދު ދީފި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަސަން ލަތީފު ކުޅިވަރު ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ބިލަށް ބަހުސް ކުރައްވަމުން އާޒިމު ވިދާޅުވީ ޖުލައި މަހު 29 ވަނަ ދުވަހު އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމުގެ އެއް ދުވަސް ކުރިން އަސާސީ ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އޭރު ދެ ދައުރު ފުރިހަމަކޮށްފައިވާ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލްއަށް ތިން ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް މަގުފައިވާ ގޮތަށް އާސާސީ ގަވާއިދަށް ބަދަލު ގެނައި ކަމަށް އާޒިމު ތުހުމަތު ކުރެއްވި އެވެ.

އާޒިމުގެ ތުހުމަތުތައް އެތުލެޓިކްސް އެސޯސިއޭޝަނުން ދޮގު ކުރެ އެވެ. އެ އެސޯސިއޭޝަނުން މިއަދު ނެރފައިވާ ބަޔާނުގައި ބުނެފައި ވަނީ އަސާސީ ގަވާއިދަށް އާޒިމު އެ ވިދާޅުވި އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި އިންތިހާބު ބާއްވާ އަހަރުގައި އަސާސީ ގަވާއިދަށް ބަދަލު ގެނައުން، އެސޯސިއޭޝަންގެ ގަވާއިދުގައި މަނާ ކޮށްފައިވާ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ގަވާއިދަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލަކީ 2015 ވަނަ އަހަރު ފާސް ކުރި ކުޅިވަރު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި އެސޯސިއޭޝަން ރަޖިސްޓްރީ ކުރުމަށް ގެނެސްފައިވާ ބަދަލު ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނެފައި ވަނީ އެސޯސިއޭޝަންގެ އެކްސްކޯގެ މަގާމުތަކުގެ ތެރެއިން ދެ ވަނަ ދައުރަކަށް ފަހު ވިދިވިދިގެން އިތުރު ދައުރެއް އަދާ ނުކުރެވޭނެ މަގާމަކީ ހަޒާންދާރު މަގާމު އެކަނި ކަމަށެވެ.

އެފްއޭއެމްގެ ރައީސްކަން ކުރިން ކުރެއްވި، އާޒިމުގެ ވާހަކަތަކާ ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކަމަށް ވިޔަސް މަޖިލީހުގައި ބަހުސް ކުރައްވާއިރު ތެދު މައުލުމާތު ހާމަ ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ އެސޯސިއޭޝަނާ މެދު ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށްވެސް އެތުލެޓިކްސްއިން ވަނީ ގޮވާލާފަ އެވެ.