ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމުގެ ތަހުގީގު ކުރިއަށް ދަނިކޮށް ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ޗުއްޓީ ނަންގަވައިގެން ރާއްޖެއިން ބޭރަށް ފުރުއްވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކޮމިޝަނަރު ހުސެއިން ވަހީދު މިއަދުން ފެށިގެން މެޑިކަލް ލީވް އެއް ނަންގަވާފައިވާ ކަމަށެވެ. އެމެޑިކަލް ލީވް ނެންގެވީ ކިތައް ދުވަހަށް ކަމެއް މީޑިއާ އޮފިޝަލް ހާމައެއް ނުކުރެއްވި އެވެ.
"އެ ލީވް ނެންގެވީ ކިހާދުވަހަކަށް ކަމެއް ނޭނގެ،" އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ކޮމިޝަނަރު އާއިލާއާއެކު މިރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގަތުމަށް އޮތީ ހަމަޖެހިފަ އެވެ. މިރޭގެ ވަގުތެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވެސް ވަނީ އެންމެންނަށް ވެދުން ކަމަށް ވިދާޅުވެ ސްރީލަންކާއަށް ވަޑައިގެންފަ އެވެ.
ރައީސް އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވާލި ހާދިސާ ތަހުގީގު ކުރަނީ އިންކްއަރީ ކޮމިޝަންގެ ބެލުމުގެ ދަށުން ފުލުހުންނާއި ސިފައިންގެ ޓީމަކުންނެވެ. އަދި އެ ތަހުގީގުގެ ކަންކަމުގައި ކޮމިޝަނަރު ހުސެންގެ އެއްވެސް ބައިވެރިވުމެއް ނޯންނަ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ.
އެ ހަމަލާއަށް ފަހު ރައީސް ވަނީ ފުލުހުންގެ މައި އިދާރާއަށް ވަޑައިގެން ކޮމިޝަނަރާއި އެހެން ވެސް ބައެއް އިސް އޮފިސަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ ނައިބު ރައީސް އަހުމަދު އަދީބުގެ އެންމެ އަރިސް އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތު އާއި ނައިބުގެ ބޮޑު ބޭބެ ހާމިދު އިސްމާއިލްގެ ގެ ފާސްކޮށް އެއްޗިހިތަކެއް ގެންގޮސްފަ އެވެ. އަދި ޒިޔަތު ތިން ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށް، އެމްއެމްޕީއާރުސީގެ އޮފީސް ފާސްކޮށް އެތަން ވަގުތީ ގޮތުން ބަންދު ވެސް ކޮށްފަ އެވެ.