އިބްރާހިމް ޝަރީފު

"އިސްލާހު ހުށައެޅީ ނަޝީދު އެދިވަޑައިގަތުމުން"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅު ވެގެން އިސްލާހެއް ހުށައަޅުއްވާފައި ނުވާނެ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަަހަކަށް ވަނީ ބަދަލު ކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުން ނިންމި އެ ނިންމުމަކީ އެމްޑީޕީގެ މަރަދޫ ދާއިރާާގެ މެންބަރު އިބްރާހިމް ޝަރީފް ހުށައެޅުއްވި އިސްލާހެއް ފާސްކޮށް ނިންމި ނިންމުމެކެވެ. އެ ނިންމުން އެ ގޮތަށް ގެންނަން އޭރުގެ ސަރުކާރުން ވަރަށް ބޮޑަށް އޮތީ ބޭނުން ވެފަ އެވެ. އެހެން ކަމުން އެފަދަ އިސްލާހެއް މެޖޯރިޓީ އޭރު އޮތް ޕީޕީއެމްއިން ހުށަނާޅާ އެމްޑީޕީގެ މެންބަރަކު ހުށައެޅުމުން ގިނަ ސުވާލުތަކެއް އުފެދުނެވެ.

ސޯޝަލް މީޑިއާގައި މީހަކު މިއަދު ވަނީ ސުޕްރީމް ކޯޓްގެ ބެންޗު ބަދަލު ކުރުމަށް މެންބަރު އިބްރާހިމް ޝަރީފް ލައްވާ، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު މަޖިލީހަށް ބިލެއް ހުށައެޅުއްވި ކަމަށް ބުނެފަ އެވެ. އަދި އެކަމާއި ގުޅިގެން އަދީބު ދީފައިވާ ބަޔާނެއް ކަމަށް ބުނާ ލިޔުމެއް ވެސް ވަނީ އާންމު ކޮށްފައެވެ.

އެ ކަމަށް ރައްދު ދެއްވާ ޝަރީފް ވިދާޅުވީ އަދީބު ދީގެން އެއްވެސް އިސްލާހެއް ހުށައަޅާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު ހުށައެޅީ ޕާޓީގެ ރައީސް [މުހައްމަދު ނަޝީދު] ބޭނުންފުޅު ވެގެން ހުށައެޅި އިސްލާހެއް. އެ ނޫން ގޮތަކަށް ކަން ވެފައިވާނަމަ އަޅުގަނޑާ ދޭތެރޭގައި އޭރު އޮތީހީ ފިޔަވަޅު އަޅާފައި. ކިތަންމެ ބިރެއް ދެއްކިޔަސް ފަހަތަށް ނުޖެހޭނެކަން،" ޝަރީފް ވިދާޅުވި އެވެ.

އޭރު ގެނައި ބަދަލާއެކު ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމުން މަގާމު ގެއްލިވަޑައިގަތީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށެވެ. ނަމަވެސް މިހާރު ހިނގަަމުންދާ މަޖިލީހުން ވަނީ ފަނޑިޔާރުންގެ އަދަދު ހަތަކަށް އަލުން ހަމަޖައްސަވާފައެވެ. އަދި ކުރިން މަގާމުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ވަކިކޮށް އައު ހަތް ފަނޑިޔާރުން ވަނީ އައްޔަން ކޮށްފައެވެ.