ވެމްކޯ

ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑް ބައްދަލްވުންތައް ޕީސީބީގެ އުސޫލާއި ހިލާފަށް

ވޭސްޓް މެޖޭންމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑިރެކްޓަރުންގެ ބޯޑްގެ މަަސައްކަތްތައް ހަމަމަގަށް އަޅުވައި، ވީހާވެސް އަވަހަށް ބޯޑްގެ ޖަލްސާތައް ބާއްވާ ނިންމަންޖެހޭ ކުންފުނީގެ މަސައްކަތްތައް ނިންމާ، މަސައްކަތްތައް ހަލުވި ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުންވެސް އެ އުސޫލާއި ހިލާފަށް އަމަލުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑްގެ މަަސައްކަތްތައް ހަމަމަގަށް އަޅުވައި، ވީހާވެސް އަވަހަށް ބޯޑްގެ ޖަލްސާތައް ބާއްވާ ނިންމަންޖެހޭ ކުންފުނީގެ މަސައްކަތްތައް ނިންމާ، މަސައްކަތްތައް ހަލުވި ކުރުމަށް އެންގީ ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑްގެ ބައެއް މެންބަރުން، ޑިރެކްޓަރުންގެ ބޯޑްގެ ޖަލްސާތައް ބޭއްވުމާއި އަދި ބޯޑާއި މެނޭޖްމަންޓާ ގުޅޭ ޝަކުވާތަކެއް ހުށައެޅުމާއި ގުޅިގެން ޑިރެކްޓަރުންގެ ބޯޑާއެކު ބައްދަލްވުމެއް ބޭއްވުމަށްފަހު އަންގާފައިވާ އެންގުމެއްގައެވެ.

އެނގިފައިވާ ގޮތުގައި ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑްގެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވަނީ ކުންފުނީގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރުގެ ވިސްނުންފުޅާ އެއްގޮތަށް ބޯޑުން ކަމެއް ފާސްކުރަން މެޖޯރިޓީ ނުލިބުމުންނެވެ. އޭގެ ފަހުން ކުންފުނީގެ ޗެއާމަން ވަނީ އެ ބައްދަލްވުން އެއީ އުސޫލާއި ހިލާފަށް ބޭއްވި ބައްދަލްވުމެއް ކަމަށް ބުނެ ބައްދަލްވުންތައް ބޭއްވުމަށް ދެކޮޅު ހަދާފައެވެ. ބައްދަލްވުން އުސޫލާއި ހިލާފު ކަމަށް ނިންމީ އެ ބައްދަލްވުމުގައި ބޯޑް މެންބަރަކު އޮންލައިންކޮށް ބައިވެރިވެފައިވާ ކަމަށް ބުނެއެވެ. ނަމަވެސް އޭގެ ކުރިން ބޭއްވި ދެ ބައްދަލްވުމެއްގައިވެސް ބޯޑް މެންބަރަކު އޮންލައިންކޮށް ބައިވެރިވެވަޑައިގަތެވެ.

ބައްދަލްވުންތައް ނުބޭއްވުމާއި އަދި އެނޫންވެސް އެތައް މައްސަލަތަކެއް ހުރުމުން ވެކްމޯ ޑައިރެކްޓަރުންގެ ބޯޑްގެ ބައެއް މެންބަރުން ވަނީ ރައީސް އޮފީހުގެ ސަމާލު ކަމަށް އެކަން ގެނެސްފައެވެ. އަދި ރައީސް އޮފީހުގެ އިރުޝާދާ އެއްގޮތަށް އެ މައްސަލަތައް ޕީސީބީ ބޯޑަށް ވަނީ ހުށައަޅާފައެވެ.

ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑާ ބައްދަލްކުރުމަށްފަހު ޕީސީބީން އަންގާފައިވާ އެންގުމުގައި ބުނެފައިވަނީ ޑިރެކްޓަރުންގެ ބޯޑްގެ ޖަލްސާތަކުގައި ބޯޑް މެންބަރުން ބައިވެރިވާން ޖެހޭނީ އެ ޖަލްސާ ބޭއްވޭ ތަނަކަށް ހާޒިރުވެގެން ކަމާއި އެ ނޫން އެހެން މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވެ ވޯޓް ދިނުމަކީ އުސޫލާއި ހިލާފު ކަމެއް ކަމަށް ބޯޑް މެންބަރަކު ވިދާޅުވި ނަމަަވެސް ޖަލްސާ ބޭއްވޭއިރު ރަށުގައި ނެތުމުގެ ސަބަބުން އެ ޖަލްސާ ބޭއްވޭ މާލަމަށް ސީދާ ހާޒިރުވެވެން ނެތް ހާލަތެއްގައި އެ ޖަލްސާގައި އެ މެންބަރަކު އޯޑިއޯ/ވީޑިއޯ ޓެލެކޮންފަރެންސިން ވަސީލަތެއް މެދުވެރިކޮށް ބައިވެރިވުމަށް ހުރަސް ނާޅާ ކަމަށެވެ. ޕީސީބީގެ އެންގުމުގައި ވަނީ ބޯޑް މެންބަރު ފާހަގަކުރި މާއްދާ ތަރުޖަމާވެސް ކޮށްދީ އެކަން ސާފުކޮށްދީފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ބޯޑް މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލުކޮށް ބޯޑްގެ ޖަލްސާތަކާއި މަސައްކަތްތައް ހުރިހާ ޑިރެކްޓަރުން ގުޅިގެން ކުރިއަށް ގެންދިއުމަށް އަންގާފައެވެ. އަދި ބޯޑް ޑިރެކްޓަރުންގެ މެދުގައި އުފެދޭ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޖަލްސާތައް ނުބޭއްވި ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

ޕީސީބީގެ ނާއިބް ރައީސް އާސިމް މުހައްމަދު ސޮއިކޮށް ފޮނުވާފައިވާ އެންގުމުގައި ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑްގެ މަަސައްކަތްތައް ހަމަމަގަށް އަޅުވައި، ވީހާވެސް އަވަހަށް ބޯޑްގެ ޖަލްސާތައް ބާއްވާ ނިންމަންޖެހޭ ކުންފުނީގެ މަސައްކަތްތައް ނިންމާ، މަސައްކަތްތައް ހަލުވި ކުރުމަށް ވަނީ އަންގާފައެވެ. ނަމަވެސް މި އެންގުމާއި އެއް ގޮތަށް އަމަލު ކުރުމަށް ކުންފުނީގެ ޗެއާމަން ދަނީ ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން ޕީސީބީގެ މި އެންގުން އައި ފަހުން ބޭއްވި ދެ ބައްދަލްވުމުގައިވެސް ރަށުގައި މިވަގުތު ނެތް ޑިރެކްޓަރު ބައިވެރި ކުރުމަށް ދެކޮޅު ހަދާ އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.