ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޔޫކޭގައި އަންނަ ހަފުތާގައި ކޮވިޑް ވެކްސިން ޖަހަން ފަށަނީ

ކޮރޯނާވައިރަސް ދުނިޔެއަށް ފައިދާވެ މުޅި ދުނިޔެއަށް ބޮޑު މުސީބާތަކާ ކުރިމަތިވެފައިވާތާ އަހަރެއްހާ ދުވަސް ވާން ކައިރިވެފައިވާއިރު އެންމެން ވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަނީ މި ބައްޔަށް އެކަށީގެންވާ ވެކްސިނެއް ލިބޭނެ ދުވަހަކަށެވެ. ދުނިޔޭގެ އާބާދީގެ ގިނަ ބައެއްގެ ދިރިއުޅުން އާއްމު ހާލަތަކަށް ބަދަލުވާނީ މި ފަދަ ވެކްސިނެއް ލިބިގެން ކަމަށް ހުރިހާ އެންމެންނަށް ވެސް ޔަގީންވެ އެވެ.

މިހާރު ބެލެވޭ ގޮތުގައި މިފަދަ ވެކްސިން އެއް އުފައްދައި އެންމެ ފުރަތަމަ އާއްމުންނަށް ދޭން ފަށާ ގައުމަކަށް ވާނީ ޗައިނާ އަށް ފަހު އިނގިރޭސި ވިލާތެވެ. އިނގިރޭސި ވިލާތުގެ ކަމާ ބެހޭ ސިއްހީ އިދާރާއިން މިދިޔަ ބުދަ ދުވަހު ވަނީ ބޭސް އުފެއްދުމުގެ ރޮނގުން ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ފައިޒާ އިން ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ބައޯއެންޓެކް އާ ގުޅިގެން ކޮވިޑް-19 އަށް ދިފާއުވުމަށް އުފެއްދި ވެކްސިން އެއް ބޭނުން ކުރުމުގެ ހުއްދަ ދީފަ އެވެ.

އަދި ކުރިޔަށް އޮތް ހަފުތާ ތެރޭގައި އެ ގައުމުގައި މި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށަން މިހާރު ދަނީ ތައްޔާތު ވަމުންނެވެ. ޖަރުމަނުގެ ބައޮއެންޓެކް އަކީ ވެކްސިން އުފެއްދުމުގެ ރޮނގުން ދުނިޔެއަށް މަޝްހޫރު ސައިންސްވެރިންތަކެއް މަސައްކަތްކުރާ ކުންފުންޏެކެވެ.

އެހެންކަމުން ކޮވިޑް-19 އަށް އުފެއްދި ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ދިން ގައުމަކަށް އިނގިރޭސި ވިލާތް ވަނީ ވެފަ އެވެ.

އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ފައިޒާ-ބައޮއެންޓެކް ކޮވިޑް-19 ވެކްސިން އުފައްދާ ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށާއި ކުރިޔަށް އޮތް ހަފުތާ ތެރޭގައި މި ވެކްސިން އާއްމުންނަށް ޖަހަން ފެށޭނެ ކަމަށެވެ.

މި ވެކްސިންގެ 40 މިލިއަން ޑޯޒަށް އިނގިރޭސި ވިލާތުން ވަނީ އޯޑަރު ދީފަ އެވެ. އެއީ 20 މިލިއަން މީހުންގެ ގަޔަށް ޖަހަން ބޭނުންވާ ވެކްސިނެވެ. ސަބަބަކީ ވެކްސިންގެ އަސަރު އެންމެ ރަނގަޅަށް ކުރަނީ ވެކްސިން ދޭތާ މަހެއްހާ ދުވަސް ފަހުން އެ ވެކްސިންގެ ދެ ވަނަ ޑޯޒެއް ދީގެން ކަމަށް ވާތީ އެވެ.

މި ވެކްސިން ފުރަތަމަ ދޭން ފަށަން ހަމަޖެހިފައި ވަނީ ކޮވިޑް-19 ޖެހިއްޖެނަމަ ފުރާނައަށް އެންމެ ނުރައްކާވާ ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ޔަގީން ކުރެވިފައިވާ ފަރާތްތަކަށެވެ. އެއީ އުމުރުން ދުވަސްވީ މީހުންނެވެ.

އިނގިރޭސި ވިލާތުގެ ސިއްހީ އިދާރާތަކުން ބުނަނީ 10 މިލިއަން ޑޯޒްގެ ވެކްސިން އެ ގައުމަށް ވަރަށް އަވަހަށް ލިބޭނެ ކަމަށާއި ކުރިޔަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި އަށް ލައްކަ ޑޯޒް އެ ގައުމަށް ގެންނާނެ ކަމަށެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން އިނގިރޭސި ވިލާތުގެ އެކި ކަންކޮޅުތަކުގައިވާ 50 ހޮސްޕިޓަލެއް މިހާރު ވަނީ ސްޓޭންޑްބައި ގައެވެ. އަދި ހޮސްޕިޓަލްތައް ނޫނަސް އެކި ސަރަހައްދުތަކުގައި ވެކްސިން ދޭނެ ސެންޓަރުތައް ވެސް ދަނީ ގާއިމް ކުރަމުންނެވެ.

މިއީ ވަރަށް ތާރީހީ ވަގުތުކޮޅެއްގެ ގޮތުގައި އިނގިރޭސި ވިލާތުގެ ނޫސްތަކުން ސިފަ ކޮށްފައި ވެއެވެ. ސަބަބަކީ އެންމެ 10 މަސް ތެރޭގައި ވެކްސިން އެއް އުފައްދައި އޭގެ ޓްރަޔަލް މަރުހަލާތައް ނިންމައި އިންސާނުންނަށް ދޭން ފަށާ ވަގުތު ކަމަށް ވާތީ އެވެ.

އާއްމުގޮތެއްގައި ވެކްސިން އެއް އުފެއްދުމާއި އޭގެ ޓްރަޔަލް މަރުހަލާތައް ފުރިހަމަކުރަން އަދި އެ އުފައްދާ އިންސާނުންނަށް ދޭން ފެށުމަކީ އެތައް އަހަރެއްގެ މަސައްކަތެކެވެ. ނަމަވެސް މިފަހަރު ކޮރޯނާވައިރަހަށް ވެކްސިން ތައްޔާރު ކުރުމަށް ގިނަ ސައިންސްވެރިން ގެންގުޅެފައި ވަނީ މުޅިން އާ ޓެކްނޮލޮޖީ އެކެވެ. މިއީ މާ އަވަހަށް މާ މޮޅަށް ވެކްސިން ތައްޔާރުކުރެވޭ ޓެކްނިކެއް ކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ.

އިނގިރޭސި ވިލާތުން ހުއްދަ ދިން ފައިޒާ-ބައޮއެންޓެކް ވެކްސިންގެ ތިން މަރުހަލާ ނިމިފައިވާއިރު ވެކްސިން 95 ޕަސެންޓް ކާމިޔާބުކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ.