ހަބަރު

މަގާމު ހޯދަން މެންބަރުންނަށް ލޮބީ ނުކުރަން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަނޑައަޅާ ދައުލަތުގެ އެކި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން، މަޖިލީހުންގެ މެންބަރުންނަށް ގުޅައި، މެސެޖު ކުރަމުންދާ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާ ތެރެއިން ވނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުން ކަނޑައަޅާ ދައުލަތުގެ އެކި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މެންބަރުންނަށް މެސެޖު ކުރާ ކަމަށާއި، އެކަމާ ހެދި އެމަނިކުފާނުގެ އިތުރުން މެންބަރުންނަށް ވެސް އުނދަގޫވާ ކަމަށެވެ.

މަޖިލީހުގެ ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރަމުން ދަނީ، މިނިވަންކަމާއި އިންސާފުވެރިކަމާ އެކީގައި ކަމުގެ ޔަގީންކަން ދެއްވަމުން ނަޝީދު ވިދާޅުވީ މަގާމެއް ހޯދަން މެންބަރުންނަށް ލޮބީ ކުރުމުން، އެކަން ކުރާ ބޭފުޅަކަށް އޮންނަ ފުރުސަތު ހަނިވެގެން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ތިޔަބޭފުޅުން، މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުން މެންބަރުންނަށް ޓެކްސްޓު ކުރެއްވީމަ، އެމީހުންގެ ހިތް ކިލަނބުވެގެން، އިންސާފުވެރިވުމަށް ކުރެވޭ މަސައްކަތުގައި، އެއްކަލަ ޓެކްސްޓު މަތިން އަބަދުވެސް ހަނދާންވޭ. އެންމެ ފަހުން ޓެކްސްޓު ކުރި ބޭފުޅާއަށް ވޯޓު ނުދެވޭތަން އަންނަނީ،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން، އެއީ އެއްވެސް ހާލެއްގައި ރަނގަޅުކަމެއް ނޫން ކަމަށާއި، މަގާމެއް ހޯދަން މަޖިލީހުގެ މެންބަރުންނަށް ލޮބީ ނުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ދައުލަތުގެ އެކިއެކި މުއައްސާސަތުގެ މެންބަރުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވާ ތަރުތީބެއް ކަނޑައަޅުއްވައި، ފޮނުއްވަނީ މަޖިލީހަށެވެ.

މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އެ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، މަގާމުތަކަށް ބޭފުޅުން އާއްމުކޮށް ކަނޑައަޅަނީ، ކޮމިޓީން ނިންމާ ގޮތެއްގެ މަތިން، މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.