ހަބަރު

ޕްރޮގްރާމުގައި ބައިވެރިނުވެ މަގުމަތީގައި ދިރިއުޅޭ ނަމަ ފިޔަވަޅު އަޅާނެ

Dec 3, 2020
5

އެކި ސަބަބުތަކާ ހެދި މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަން ނެެތި ދިރިއުޅެމުންދާ މިހުންނަށް އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމުގައި ބައިވެރިނުވެ، އިޖުތިމާއީ ތަންތަނުގައި ނިދައި، ކާބޮއި ހަދާނަމަ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މާލެ ސިޓީ ކައުންސިލުން ދީފި އެވެ.

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކޮށް ރައްކާތެރިކަން ދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން ވަނީ ހާއްސަ ޕްރޮގްރާމެއް ފަށައިފަ އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މަގުމަތިވެފައިވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދީ، އަސާސީ ހައްގުތައް (ކާބޯތަކެއްޗާއި، އަންނައުނާއި، ބޯހިޔާވަހިކަން) ހޯދައިދީ އެފަރާތްތަކުގެ އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަން ފެށިފައިވާ މަސައްކަތަށް އެއްބާރުލުންދީ، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.

"އެ ޕްރޮގްރާމްގައި ބައިވެރިނުވެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާއީ ތަންތަނުގައި ނިދައި، ކައިބޮއި ހަދައި، ދިރިއުޅޭ ގޮތަށް އުޅޭނަމަ އެފަދަ ފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅުއަޅާނެ ކަމުގައި ދެންނެވިން،" އެ އިއުލާނުގައި އިތުރަށް ބުންޏެވެ.

ކޮވިޑް-19 އިގެ ހާލަތުގައި މިދިޔަ އޭޕްރީލް މަހު މާލޭ ސަރަހައްދަށް އިއުލާނުކުރި ލޮކްޑައުނާ ގުޅިގެން، އާމްދަނީ ލިބުން ހުއްޓި، މަގުމަތިވި މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއް ސަރުކާރުން ކުރިއަށް ގެންދިއަ އެވެ. އޭރު 500 އަށް ވުރެ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ސަރުކާރުން ވަނީ ފޯރުކޮށްދީފައި އެވެ.

ނަމަވެސް، އެ މަސައްކަތް ސަރުކާރުން ވަނީ މިދިޔަ އޯގަސްޓު މަހުން ފެށިގެން ހުއްޓާލައިފަ އެވެ. އަނެއްކާވެސް މާލޭގައި މަގުމަތިވާ މީހުން ދަނީ ގިނަވަމުންނެވެ. މާރުކޭޓު ސަރަހައްދުގެ އިތުރުން މިސްކިތްތަކުގައިވެސް ނިދާ ކައި ބޮއެ ހަދާ މީހުންގެ އަދަދު ވަނީ މި ފަހުން އިތުރުވެފަ އެވެ.