ދުނިޔެ

ވީޗެޓުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު، ސްކޮޓް މޮރިސަން ބްލޮކްކޮށްފި

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު، ސްކޮޓް މޮރިސަން ފޮނުއްވި މެސެޖެއް، ވީޗެޓުން އެޑްމިނިސްޓްރޭޓަރުން ބްލޮކް ކޮށްފި އެވެ. މިކަން ހިނގާފައި މިވަނީ، ޗައިނާއާ އޮސްޓްރޭލިޔާއާ ދެމެދުގައި ފިނި ޒުވާބެއް ކުރެވެމުންދާ ދަނޑިވަޅެއްގަ އެވެ.

ދެ ގައުމުގެ ގުޅުން ގޯސްވެފައި ވަނީ އޮސްޓްރޭލިއާ ސިފައިންގެ މީހަކު އަފްޣާން ކުއްޖެއްގެ ކަރުގައި، ލޭ ހުރި ވަޅިއެއް ޖައްސާފައި ހުރި މަންޒަރު ސިފަ ކޮށްދޭ ފޮޓޯއެއް ޓްވީޓްކުރި މައްސަލާގަ އެވެ. މި ފޮޓޯ ޓްވީޓް ކޮށްފައި ވަނީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން، ޒައޯ ލިޖިއަންގެ ރަސްމީ ޓްވީޓާ އެކައުންޓުންނެވެ. ޗައިނާއިން މާފަށް އެދުމަށް އޮސްޓްރޭލިއާ އިން އަންގައިފި އެވެ.

މޮރިސަން ވީޗެޓަށް ވަދެވަޑައިގަތީ ޗައިނާއިން ކުރީ ރަނގަޅު ކަމެއް ނޫންކަން، ވީޗެޓް ބޭނުންުރާ ޗައިނާ އާބާދީއަށް އަންގައިދިނުމަށެވެ. އޭނާގެ މެސެޖުގައި މޮރިސަން މަސައްކަތް ކުރައްވާފައި ވަނީ، ހަނގުރާމައިގައި ކުށްކުރާ މީހުން ދިފާއު ކުރުމަށެވެ. ގައުމުގެ ދިފާއުގައި ވެސް ވާހަކަ ދެއްކެވި އެވެ. ވިދާޅުވީ "މިކަހަލަ ކަށިތޫނު މައްސަލަތައް އޮސްޓްރޭލިއާއިން ބާލާނީ ދެފުށްފެނަން ގޮތަށް" ކަމަށެވެ.

ވީޗެޓް މެދުވެރިކޮށް މޮރިސަން ކުރައްވަން އުޅުއްވި މަސައްކަތް މުޅިން ފުރިހަމަ ނުވަނީސް، އޭނާގެ މެސްޖް ބްލޮކްވެފައި ވާތީ ވަނީ ފެނިފަ އެވެ. އަދި މެސެޖް ބްލޮކްވި ސަބަބު ވެސް ވަނީ ބުނެދީފަ އެވެ. "މެސެޖްގައިވާ ކޮންޓެންޓް ހާމަކުރުމަކީ އުސޫލުތަކާ ފުށުއަރާ ކަމެއް! ތިޔަ މެސެޖުގެ ސަބަބުން ތާރީހީ ހާދިސާތަކަށް ބުރޫއެރުމާއި ކަން ހިނގާފައިވާ ގޮތް އާންމުންނަށް އޮޅުން އަރުން" އެކަށީގެންވެ އެވެ.

އަފުޣާނިސްތާނުގައި ސުލްހަ ބަލަހައްޓަން އޮސްޓްރޭލިޔާއިން މަސައްކަތްކުރިއިރު، އޮސްޓްރޭލިއާ ސިފައިން ވަނީ 39 މީހުން މަރާފަ އެވެ. އޭގެ ތެރޭގައި އާންމުން ވެސް ހިމެނެ އެވެ. މި ހާދިސާއާ ބެހޭ ގޮތުން، ވަކި ފަރާތަކަށް ނުޖެހޭ ޖަމާއަތަކުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، ސީނިއާ ސިފައިންގެ އަމުރަށް ޖޫނިއާ ސިފައިން، އަފްޣާން މީހުން މަރާފައިވާ ކަމަށެވެ. އޮސްޓްރޭލިޔާއިން ބުނީ މިއީ ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.