ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީގައި ކަނޑިތީމުގައި ޕާކެއް

Dec 4, 2020

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް މިއަދު ހަވީރު ހުޅުވައިފި އެވެ. 

އެ ރަށުގައި ހުޅުވުނު މި ކޮމިއުނިޓީ ޕާކުގައި ބާބަކިއު ހެދުމަށާއި މަސް ކެނޑުމަށް ހާއްސަ ސަރަހައްދެއް ވަނީ ގާއިމް ކޮށްފައެވެ. ބާބަކިޔު ސަރަހައްދުގައި މޭޒާއި ބެންޗުވެސް އެކުލެވެއެވެ. މީގެ އިތުރުން ކުޑަކުދިން ކުޅެއުޅުމަށް ހާއްސަ ޕާކަކާއި ހުރިހާ އުމުރު ފުރައެއްގެ މީހުންނަށްވެސް ބޭނުން ކުރެވޭނެ އައުޓްޑޯ ޖިމެއްވެސް މި ކޮމިއުނިޓީ ޕާކުގައި ހިމެނެއެވެ. ޕިކްނިކަނަށް ދާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން މި ސަރަހައްދުގައި ވަނީ ބީޗް ހަޓް، ސަން ބެޑް އަދި އައުޓްޑޯ ޝަވަރަކާއި އުނދޯއްޔާއި، ޖޯލި ފަތީގެ އިތުރުން ފިނި އަށި ބަހައްޓާފައެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.