ދުނިޔެ

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ މެންބަރުނަށް އެމެރިކާއިން ވިސާ ހަރުކަށިކުރަނީ

އެމެރިކާއަށް އެތެރެވާ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މެންމަރުންނަށާއި އެ މީހުން އާއިލާ މެންބަރުނަށް ވިސާ ދިނުމުގައި އަމަލުކުރާ އުސޫލުތައް ހަރުކަށި ކޮށްފި އެވެ. ޗައިނާއިން ބުނީ މިއީ ގޮށްމުށުން ސިޔާސަތު ކަނޑައެޅުން ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ވިސާ ގަވާއިދަށް ގެނައި ބަދަލަށް ފަހު، ކޮމިއުނިސްޓް ޕާޓީ އަށް ނިސްބަތްވާ މީހުންނާ އަދި ގާތް މީހުން، އެމެރިކާ އަށް އެތެރެވާ ކޮންމެ ފަހަރަކު ވިސާނަގަން ޖެހެ އެވެ. ވިސާގެ މުއްދަތަކީ އެއްމަސް ދުވަހެވެ. އެމެރިކާއިން ކުރިން އަމަލުކުރި އުސޫލުގައި ވިސާގެ މުއްދަތަކީ 10 އަހަރެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސް ޕާސަން ބުނި ގޮތުގައި، އެމެރިކާ އަކީ ކޮމިއުނިސްޓް ޕާޓީ މެންބަރުނަށް ވެސް، އައިސް ގޮސްވެ އުޅުމަށް ފަސޭހަ ގައުމެއް ކަމަށެވެ. އެހެން ނަމަވެސް، އެމެރިކާއިން ދީފައި އޮންނަ ފަދަ ފަސޭހަކަމެއް، ޗައިނާ އަށް ދަތުރުކުރާ އެމެރިކާ މީހުންނަށް އެ ގައުމުން ނުދޭ ކަމަށެވެ.

ޗައިނާގެ އޮފިޝަލުންނަށް އަމާޒުކޮށް ޓްރަމްޕް ސަރުކާރުން ގަވާއިދުތައް ހަރުކަށިކުރިއިރު، އާ ސަރުކާރު މަގާމާ ހަވާލުވާން އޮތް މުއްދަތު ދެމަސް ދުވަހަށް ވުރެ ވަނީ ކުޑަވެފަ އެވެ. އެހެންކަމުން މިއީ އާ ސަރުކާރަށް ޕްރެޝާކުރަން ކުރި ކަމެއް ކަމަށް ވެސް ބުނެވެ އެވެ. ޓްރަމްޕް ސަރުކާރުގައި ގިނައިން ފެނިފައި ވަނީ އެމެރިކާ އަށް ހެޔޮ ގޮތް އެއީ އެންމެ ރަނގަޅު ގޮތްކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މިއީ ޗައިނާ މީހުން އެމެރިކާގައި ގަވާއިދާ ޚިލާފަށް ކުރަމުން އަންނަ ކަންތައްތައް ކޮންޓްރޯލްކުރަން ކުރި ކަމެކެވެ. އެމެރިކާގައި ޗައިނާޣެ ލޮބީ ގްރޫޕްތައް ހަރަކާތްތެރިވާ ކަމަށާއި، އެމީހުންނަށް އޮންނަ މަސައްކަތަކީ ޗައިނާ އަށް ޖާސޫސްކުރުން ކަމަށެވެ.

އެމެރިކާގައި ނިމިދިޔަ ރިޔާސީ އިންތިހާބުގައި، ޓްރަމްޕް ބަލިވުމަކީ އޮޅުވާލުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕް ހޮވުނަނުދިނުމަށް މަސައްކަތްކޮށް އަދި ފައިސާ ހޭދަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނޭ ކަމަށް އޭނާ ތުހުމަތުކުރައްވަ އެވެ.