ދުނިޔެ

ޖަޕާނުގައި ގޭހާއި ޕެޓްރޯލުން ދުއްވާ ކާރު ވިއްކުން މަނާކުރަނީ

ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ޖަޕާނުން ކުރާ މަސައްކަތް މެކުހަށް ޖަހައިފި އެވެ. އެޖެންޑާގައި ފުތަމަ އޮތް މަސައްކަތަކީ ކާރު އުފައްދާ ކުންފުނިތަކާ މަޝްވަރާ ކުރުމެވެ. އެއީ ކާރު ދުއްވަން ބޭނުންކުރާ ހަކަތައިގެ އެއްވެސް ބާވަތަކުން ކާބަންޑައިއޮކްސައިޑް ނުއުފެދޭ ގޮތަށް ކާރު ޑިޒައިން ކުރުމަށެވެ.

ޖަޕާނުން ބޭނުންވަނީ ކުރި އަށް އޮތް 15 އަހަރު ތެރޭގައި މި މަސައްކަތުގައި އަމަލީ ސިފަ ޖައްސާށެވެ. އެ ނޫން ގޮތެއް ގައި، ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްވާނެ ކަމަށް ނުފެއްނާނެތީ އެވެ. ޖަޕާންގެ މިސްރާބު ހުރީ 2050 ގައި ކާބަން ނިއުޓްރަލް ވުމަށެވެ.

ޖަޕާނަކީ ހައިޓެކް ގައުމެކެވެ. ނުތަކާ ވަރަށް ޕެޓްރޯލް ކާރު ދުއްވާ ގައުމެކެވެ. މައިގަނޑު ގޮތެއްގައި އުފައްދަނީ ވެސް ޕެޓްރޯލުން ދުއްވާ ކާރެވެ. ކާބަން ނިއުޓްރަލް ވުމަށް އެހާ ގިނަ ދުވަސް ނަގާ ސަބަބަކީ މީ އެވެ.

ކާބަން ނިއުޓްރަލް ވުމަށް ގައުމީ ފެންވަރުގައި ކުރަން ހުރި މަސައްކަތްތައް، ޕޮލިސީއަކުން ކަނޑައަޅައި، ހަފުތާއެއްގެ ތެރޭގައި އާންމުކުރާނެ ކަމަށް، ދުވަހު ނޫސް މައިނިޗީ ޝިންބުންގައި، ވަކި ފަރާތަކާ ހަވާލާނުދީ، ބުނެފައި ވެ އެވެ.

ޖަޕާނުން ކާބަން ނިއުޓްރަލްވުމަށް ދާ މަގުމަތީގައި ފުރަތަމަ ބަލާނެ ކަމަށް ވަނީ ކާރުތައް "ހައިބްރިޑް" ކުރުމަށެވެ. އެއީ ތެޔޮ އަނދާ މިންވަރު ދަށްކޮށް ކަރަންޓުން ދުއްވުމަށެވެ.

ދުނިޔޭގެ ގައުމުތަކުން ކާބަން ނިއުޓްރަލް ވުމަށް ރޭސްޖަހާފައި ވާއިރު، މަގުތަކަށް ނެރޭ ކަރަންޓް ކާރުތައް ވެސް އަންނަނީ އިތުރުވަމުންނެވެ.