ހަބަރު

ފުލުސް އިދާރާ ހިންގުން ވަގުތީ ގޮތުން ހަބީބަށް

Oct 21, 2015
2

ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ކުއްލި ގޮތަކަށް މެޑިކަލް ލީވް ނަންގައިވައިގެން ރޭ ސިންގަޕޫރަށް ފުރާވަޑައިގަތުމުން ފުލުސް އޮފީސް ހިންގެވުން ޑެޕިއުޓީ ކޮމިޝަނަރު ހަސަން ހަބީބާ ހަވާލުކުރައްވައިފި އެވެ.

އެ އިދާރާގެ ހިންގުން ހަބީބާ ހަވާލު ކުރީ މިއަދުން ފެށިގެނެވެ. ސީޕީ ޗުއްޓީއެއް ނެންގެވިއިރު، ރައީސް އަބްދުﷲ ޔާމީންގެ ލޯންޗްކޮޅުގައި ބަޔަކު އެެއްޗެއް ގޮއްވައި ރައީސް އަވަހާރަކޮށްލަން ދިން މައްސަލައިގެ ތަހުގީގެއް ހިނގަމުން އެބަދެ އެވެ. އަދި ސީޕީ ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު، ނައިބު ރައީސް އަހުމަދު އަދީބު ވެސް މިހާރު ހުންނެވީ ސިންގަޕޫރުގަ އެވެ.

ސީޕީ ވަހީދު ރޭ ސިންގަޕޫރަށް ވަޑައިގެންނެވި އިރު އޭނާ ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކެހެރި ކޮށްފައި ކަމަށް އަޑުތައް އޮތީ ފެތުރިފައެވެ. ނަމަވެސް ފުލުހުންގެ އިދާރާއިން ވެސް އަދި ސަރުކާރުގެ އޮފިޝަލުން ވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.