ފްރޭންކް ލަމްޕާޑް

ލަމްޕާޑްގެ ޓީމަށް ޖާސޫސް ކުރި ރުޅިވެރިކަމެއް ނެތް

ޑާބީ ކައުންޓީގެ ކޯޗަކަށް ފްރޭންކް ލަމްޕާޑް ހުރި އިރު، ލީޑްސް ޔުނައިޓެޑުން ޑާބީ ޕްރެކްޓިސް ސެޝަންތަކަށް "ޖާސްސް ކުރަން" މީހަކު ފޮނުވި މައްސަލައިގެ ހިތްހަމަ ނުޖެހުމެއް ލީޑްސްގެ ކޯޗް މާސެލޯ ބިއެލްސާ އާމެދު ނެތް ކަމަށް މިރޭ ލީޑްސް އާ ދެކޮޅަށް ނުކުންނަ ޗެލްސީގެ މިހާރު ކޯޗް ލަމްޕާޑް ބުނެފި އެވެ.

ޖަނަވަރީ 2019 ގައި ޑާބީ ކައުންޓީގެ ޕްރެކްޓިސް ސެޝަންތައް "ޖާސޫސް ކުރަން" ލީޑްސް ޔުނައިޓެޑްގެ އޮފިޝަލެއް ހަރަކާތްތެރިވިކަން ފަޅާ އެރުމުން އިނގިރޭސި އެފްއޭއިން ވަނީ 200،000 ޕައުންޑުން ލީޑްސް ޖޫރިމަނާ ކޮށްފަ އެވެ. އޭރު ބިއެލްސާ ބުނީ، އޭނާ އެކަން ކުރީ ސިއްރިޔާތުގައި ނޫން ކަމަށެވެ. އެހެން ނަމަވެސް އޭނާ ވަނީ އެކަމަށް އޭރު މާފަށް އެދިފަ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ލަމްޕާޑް ބުނީ، އޭނާ އާއި ބިއެލްސާ އާ ދެމެދު އޮތީ އާދައިގެ ގުޅުމެއް ކަމަށާއި ހިތްހަމަނުޖޭހުމެއް ނެތް ކަމަށެވެ.

"އަހަރެމެންގެ ގުޅުން އޮތީ ކުރިން ވެސް އޮތް ހެން،" ޗެލްސީގެ ކޯޗް ބުންޏެވެ. "ތެދެއް ކޮންމެ ވެސް ވަރެއްގެ ހިތް ހަމަނުޖެހުންތަކެއް އުފެދުނު.. އެހެން ނަމަވެސް އަހަރެމެންގެ އޮތީ އާދައިގެ ގުޅުމެއް. އާދައިގެ ގުޅަމަކަށް ވުރެ ބޮޑު ގުޅުމެއް."

ޗެމްޕިއަންޝިޕްގެ ޕްލޭއޮފް ސެމީ ފައިނަލުގައި ލީޑްސް ބަލިކޮށް ޕްލޭއޮފްގެ ފައިނަލް ޑާބީ ގެންގޮސް ދިނުމަކީ އޭނާގެ ކޯޗިން ކެރިއާގެ އެންމެ ފަހުރުވެރި ވަގުތު ކަމަށް ލަމްޕާޑް ބުންޏެވެ.