ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮތް ގޮތް ފުރިހަމަ: ރައީސް

ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައި އޮތް ގޮތް ވަރަށް ފުރިހަމަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސެންޓްރަލް އޭރިޔާ ކޮމާންޑްގައި އެމްއެންޑީއެފް އާއި އިގިރޭސިވިލާތުގެ ރޯޔަލް މެރިންސްއާ އެކީގައި ކުރިއަށްދިޔަ ތަމްރީނަށް އިޝާރާތް ކުރައްވައެވެ. އެ ތަމްރީން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީވެސް ރައީސެވެ. މިއީ 32 އަހަރުގެ މެދުކެނޑުމަކަށްފަހު އިނގިރިސޭވިލާތުން ރާއްޖެއާއެކު މިފަދަ ތަމްރީނެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެކަމުން ދޭހަވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައި އޮތް ގޮތް ފުރިހަމަ ކަމެވެ.

"މިއީ 32 އަހަރުގެ މެދުކެނޑުމަށް ފަހުގައި އިނގިރޭސި ދައުލަތުގެ ފަރާތުން ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކާއެކީގައި ބޭއްވުނު ތަމްރީނު ތަކެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއިން ދޭހަވެގެން މިދިޔައީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައި އޮތްގޮތުގެ ފުރިހަމަކަން. މި ފުރުސަތުގައި އިނގިރޭސި ދައުލަތަށް، ދިވެހި ސަރުކާރުގެ ނަމުގަޔާއި، ރައްޔިތުންގެ ނަމުގައި، އަޅުގަނޑުމެންނަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ރާއްޖެ އާއި ބައިނަލްއަގްވާމީ ދުނިޔެ އިތުރަށް ގުޅާލާ ދޭދޭ ގައުމުތަކުގެ ގުޅުންތައް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެކި ގައުމުތަކަށް ވަޑައިގެން ގުޅުން ބަދަހި ކުރުމަށާއި ރާއްޖެއަށް އެހީތެރިކަން ހޯއްދެވުމަށް މިދިޔަ ދެ އަހަރު މަސައްކަތް ކުރައްވާފައެވެ.

މީގެ އިތުރުން ދިވެހި އަސްކަރިއްޔާއިން އެެހެން ގައުމުތަކުގެ އަސްކަރިއްޔާތަކާއެކު ކުރިއަށް ގެންދާ ތަމްރީންތައް އިތުރުކޮށް ދިވެހި އަސްކަރިއްޔާ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެ ގޮތުން ޖަޕާން، އެމެރިކާ، އިންޑިއާއާއެކު މިހާތަނަށް ގިނަ ތަމްރީންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.