ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫންގެ ލިޔުމެއް: ފަލަކީ ގޮތުން ވަރަށް ހާއްސަ މަހެއް

Dec 5, 2020
1

މި ހިނގާ ޑިސެމްބަރު މަސް ވެގެން ދާނީ، ރޭގަނޑު އުޑުމަތި ބަލާ މީހުންނަށާއި، ޢާންމުކޮށް ފަލަކީ ކަންކަމަށް ޝައުޤުވެރިވާ މީހުންނަށް ވަރަށް ޚާއްޞަ މަހަކަށެވެ. ފަލަކީ މާހިރުން ބުނާ ގޮތުގައި، މި މަހުގެ ތެރޭގައި ފަލަކީ ގޮތުން ބަލާ އިރު ވަރަށް މުހިންމު ތިން ކަމެއް ހިނގާނެއެވެ.

އެއް ކަމަކީ، މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ފެންނާނެ ކަމަށްވާ ޖެމިނިޑް މީޓިއޯރ ޝަވަރއެވެ. އެހެން ޢިބާރަތަކުން ދަންނަވާ ނަމަ، ޖެމިނީ ނަމަކަށް ކިޔާ ކޮންސްޓެލޭޝަނުން (މިތުނަ ބުރުޖުން) ނުކުމެގެން އަންނަ ގިނިހިލަ ވެހުމެވެ. އުޑުމަތި ސާފު ނަމަ، އެރޭ ދަންވަރު ގަޑިއަކު ސަތޭކަ ފަންސާހަށް ވުރެ ގިނަ ކުލަކުލައިގެ ގިނިހިލަ، އެ ބުރުޖުގެ އެންމެ އަލި ގަދަ ދެ ތަރި ކަމުގައިވާ ކެސްޓަރ އާއި ޕޮލަކްސްގެ ކައިރިން (ފުނޯސް ނަކަތުގެ ކައިރިން) ނުކުމެގެން ވަރަށް ބާރަށް އުޑު ހުރަސްކޮށް ދަތުރު ކޮށްފައި ދާ ތަން ފެންނާނެއެވެ. އެންމެ ގިނަ ގިނިހިލަ ފެންނާނީ މެންދަމުން އަލިވެ 2 ޖަހާ އެހާ ކަންހާ އިރުއެވެ.

މި ނޫން ވެސް ގިނިހިލަ ވެހުންތައް ކޮންމެ އަހަރަކު ވެސް ވަރަށް ގިނަ މަސްމަހު ފެންނާނެއެވެ. ގިނިހިލަ އަކީ، އެކިއެކި ދުންތަރިތަކުން ވަކިވެގެން ދަތުރު ކުރާ ކުދިކުދި ގަނޑުފެންކޮޅުތައް ޖައްވުގެ ތެރެއަށް ވަނުމުން އަނދައިގެންދާ އެތިކޮޅުތަކަށް ކިޔާ ނަމެކެވެ.

މި މަހު ފެންނަ ދެވަނަ ފަލަކީ ޙާދިސާ އަކީ، މި މަހުގެ 14 ވަނަ ދުވަހު ހިފާ ފުރިހަމަ އިރުކޭތައެވެ. މި އިރުކޭތަ މި ހިސާބުގަނޑަކަށް ނުފެންނާނެއެވެ. ފެންނާނީ، ޗިލީގެ ދެކުނު ސަރަޙައްދުތަކަށާއި އާޖެންޓީނާއަށެވެ.

މި ޑިސެމްބަރު މަހު ފެންނާނެ ތިންވަނަ ފަލަކީ ޙާދިސާއަކީ، މި މަހުގެ 21 ވަނަ ދުވަހުގެ އިރުއޮއްސޭތަނުން، އިރުގެ ޢާއިލާގެ އެންމެ ބޮޑު ބިޔަ ދެ ޕްލެނެޓް ކަމުގައިވާ ޖުޕިޓަރ (މުޝްތަރީ) އާއި ސެޓަން (ޒުޙަލް) ވަރަށް ބޮޑު އެއް ތަރިއެއްގެ ގޮތުގައި ފެނުމެވެ.

އިރުގެ ވަށައިގެން ޖުޕިޓަރ ބުރެއް ޖަހަނީ، ބާރަ އަހަރުންނެވެ. ސެޓަން ބުރެއް ޖަހަނީ 29 އަހަރުންނެވެ. އެހެންކަމުން، މި ދެ ޕްލެނެޓް އެއްތަން ވުމަކީ، ވަރަށް ދޭތެރެ ދުރުކޮށް ނޫނީ ވާނެ ކަމެއް ނޫނެވެ.

ދެ ޕްލެނެޓް އެއްތަން ވުމަށް ކިޔަނީ، ކޮންޖަންކްޝަންއެވެ. މި ފަހަރުގެ މި ކޮންޖަންކްޝަނަކީ، ފަލަކީ ޢިލްމުވެރިންގެ ނަޒަރުގައި ގްރޭޓް ކޮންޖަންކްޝަންއެކެވެ. ވަރަށް ވަރުގަދަ އެއްތަން ވުމެކެވެ. ޖުޕިޓަރ އާއި ސެޓަން މި ފަދަ ވަރުގަދަ އެއްތަން ވުމެއްގައި ދެން ބައްދަލު ވާނީ، 2040 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 5 ދުވަހުގެ ރޭ ކަމުގައި ފަލަކީ މާހިރުން ބުނެއެވެ.