ވިޔަފާރި

ރާއްޖޭގެ މަހަށް އެމްއެސްސީގެ ސަސްޕެންޝަނެއް ނެތް: ޝައިނީ

ރާއްޖޭގެ ދޮށީގެ މަސްވެރިކަމަށް މެރިން ސްޓްވާޑްޝިޕް ކައުންސިލް (އެމްއެސްސީ) ގެ ސަސްޕެންޝަނެއް ނާންނާނެ ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ދެއްވައފި އެވެ.

ރާއްޖޭގެ ދޮށީގެ މަސްވެރިކަމަށް ދީފައިވާ އެމްއެސްސީ ސެޓްފިކެޓަށް ސަސްޕެންޝަނެއް އަންނަ މަހުން ފެށިގެން އަންނާނެ ކަމަށް ބުނެ، ބޭރުގެ ބައެއް ވެބްސައިޓްތަކުގައި ހަބަރު ފަތުރަމުން ގެންދާތީ މިނިސްޓަރު ޝައިނީ ވިދާޅުވީ މިފަދަ ހަބަރުތައް ފަތުރަމުން ގެންދަނީ ރާއްޖޭގެ މަސްވެރިކަމާ ވާދަވެރި ފަރާތްތަކުން ކަމަށެވެ. ނަމަވެސް އެފަދަ ސަސްޕެންޝަނެއް ނެތް ކަމަށެވެ.

"ރާއްޖެއަކަށް އެއްވެސް ސަސްޕެންޝަނެއް ނާންނާނެ. އެއީ ހަމަ ޔަގީންކަމެއް. ރާއްޖޭން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ވާނީ ފުރިހަމަކޮށްފައި. ނަމަވެސް ރާއްޖެއަށް ސަސްޕެންޝަނެއް އައިސްފައިވާ ކަމަށް ބުނެ ހަބަރުތަކެއް ނެރެގެން އުޅެނީ. މީގެ އެއްވެސް ހަގީގަތެއް ނެތް،" ޝައިނީ ވިދާޅުވި އެވެ.

އެމްއެސްސީ ސެޓްފިކެޓަކީ ތިމާވެއްޓާ ރަހުމަތްތެރި ކަމަށްދޭ ހާއްސަ ސެޓްފިކެޓެކެވެ. މި ސެޓްފިކެޓުގެ ސަބަބުން ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހަށް ލިބޭ އަގު ބޮޑު ވެގެންދެ އެވެ.

ޝައިނީ ވިދާޅުވީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ އިތުރުން ދޮށިން ބާނާ ކަންނެއްޔަށް ވެސް މި ސެޓްފިކެޓް ލިބިފައިވާ ކަމަށެވެ.

"މިހާރު މަސައްކަތް ކުރަމުން މި ގެންދަނީ ނަނުން ބާނާ ބޮޑު ކަންނެއްޔަ ށްވެސް މި ސެޓްފިކެޓް ހޯދަން. އެ އެސެސްމަންޓްތައް ހަދަމުން މިދަނީ،" ޝައިނީ ވިދާޅުވި އެވެ.

ރާއްޖެއަށް އެމްއެސްއީ ސެޓްފިކެޓް ލިބި، އޭގެ ފައިދާ ލިބެމުންދާއިރު، މަސްވެރިކަމުގައި ރާއްޖޭގެ ވާދަވެރި ސްރީލަންކާ ފަދަ ގައުމުތަކުވެސް މި ސެޓްފިކެޓް ހޯދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.