ދުނިޔެ

ސައޫދީން ބުނަނީ ގަތަރާ އެކު އަލުން ގުޅުން ގާއިމުކުރެވިދާނެ ކަމަށް

ސައޫދީ އާއި ބައިވެރިން ގަތަރާ ގުޅުން ގާއިމުކުރަން މަޝްވަރާ ކުރަމުން އެބަ އާދެ އެވެ. މެދުވެރިއެއްގެ ދައުރު ކުވެއިތު އަދާކުރާ މި ވާހަކަތަކުން ހެޔޮ ނަތީޖާއެއް ނެރެވޭވެ ކަމަށް ބައިވެރިން އުންމީދު ކުރެ އެވެ.

ސައޫދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހުރެއިން އަދި މިސްރުން ގަތަރާ ގުޅުން ކަނޑާލީ 2017 އިގެ މެދުތެރޭގަ އެވެ. އެއީ މެދުއިރުމަތީގައި ހަމަނުޖެހުން ހިންގާ ބައެއް ޖަމާއަތްތަކާ ގަތަރުން މާ ބޮޑަށް ކައިރިވާތީއާ އީރާނާ ގުޅުން ބަދަހި ކުރާތީ އެވެ. އެހެން ނަމަވެސް، މިއީ ގަތަރުން އެއްބަސްވާން ބޭނުން ތުހުމަތުތަކެއް ނޫނެވެ. އެ ގައުމުން މިކަން އިންކާރު ވެސް ކުރެ އެވެ.

ގަތަރުގެ ފޮރިން މިނިސްޓަރު، ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ސާނީ ވަނީ ކުވެއިތުން ހުށަހެޅި ހުށަހެޅުން ކަމުދާ ކަމަށް ވިދާޅުވެ ތައުރީފު ކުރައްވާފަ އެވެ.

ސައޫދީގެ ފޮރިން މިނިސްޓަރު، ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައޫދު ވިދާޅުވީ ކުވައިތުން މަސައްކަތް ކުރަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ. އުންމީދަކީ ހަރުދަނާ އެއްބަސްވުމެއް ގާއިމު ކުރެވުން ކަމަށެވެ.

ސައޫދީން ގަތަރާ ގާތްވުމަށް މުހައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްތަކުން، ދެ ގައުމުގެ ދެމެދުގައި އޮތް ދުރުމިން ހަނި ކުރެވިފައިވާ ކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.

ދެ ގައުމުގެ ގުޅުން ރަނގަޅު ކުރަން ސައޫދީން ހުށަހަޅާފައި ވަނީ މީޑިއާ މެދުވެރިކޮށް ނުވަތަ އެ ނޫން މާނައެއްގައި ނަމަވެސް، ގުޅުން ހަލަބޮލި ވެދާނެ ހުރިހާ ކަމަކުން ދުރުވުމާއި އީރާނާއެކު ގަތަރުން ބާއްވާ ގުޅުން އަލުން މުރާޖައާ ކުރުމަށެވެ.