ހަބަރު

"ރައީސް ޔާމީން ތަފާތުވަނީ އަޒުމުގެ ވަރުގަދަ ކަމުން"

އެހެން ރައީސުންނާއި ރައީސް އަބްދުﷲ ޔާމީން ތަފާތުވާ ސަބަބަކީ އަޒުމުގެ ވަރުގަދަކަން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުތަކާއި މިސަރުކާރު ތަފާތު ކަމަށާއި ރައީސް ޔާމީންގެ ސަރުކާރު ތަފާތު ވަނީ މިސްރާބު ސާފުވެވަޑައިގެން ހުންނެވި ރައީސަކު ހުންނެވުމުން، ކުރާ މަސައްކަތްތަކުގެ ސްޕީޑް އަވަކޮށް އަވަހަށް ނަތީޖާ ނެރެދެވޭތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހިންގުންތެރިކަމަކީ އެކި ފެންވަރުގައި އެކި މީހުންނަށް ލިބޭ ހުނަރެއް ކަމަށާއި ރައީސް ޔާމީނަކީ ވިސްނުންތެރިކަމާއެކު ކަންކަން ހިންގެވުމުގެ ހުނަރު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އަދި

"[ރައީސް ޔާމީންގެ] އެންމެ ފުރިހަމަ ކަމަކަކީ އަދި ތަފާތަކީ އަޒުމްގެ ވަރުގަދަކަން. އެއީ އެހެން ރައީސުންނާއި ރައީސް ޔާމީން ތަފާތުވާ ސަބަބު،" މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރު އުފެދިގެން މިވީ ދެ އަހަރެއްހައި ދުވަހު އިގްތިސޯދީ ގޮތުންނާއި، އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ހޯދާފައިވާ ކާމިޔާބީތަކަކީ މީގެ ކުރިން ރާއްޖެއަށް އައި އެއްވެސް ވެރިކަމެއްގައި ހޯދިފައި ނުވާ ކާމިޔާބީތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިގްތިސޯދާއި ގުޅުންހުރި ބައެއް ގާނޫނުތަކަށް ބަދަލު ގެންނަވައި، ބްރިޖް އެޅުމާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަރައްގީ ފަދަ ބައެއް ބިޔަ މަޝްރޫއުތަށް ފެއްޓެވުމުން އެމަނިކުފާނަކީ ވަކި ހިސާބަކަށް ވާސިލުވާން މަސައްކަތްޕުޅުކުރައްވާ ބޭފުޅެއްކަން ހާމަވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ކްރިޓިކަލް ނުވަތަ ބިނާކުރުވަނިވި ފާޑުކިޔުންތައް ނާންނަ ނަމަ އެއީ ވެސް ލިބޭ ބަލިކަށި ކަމެއް. ފާޑުކިޔުންތައް އަންނަންވާނެ އެޕްރިސިއޭޝަނާއެކު. މީގެ ކުރިން ވެސް އައި ތިން ސަރުކާރެއް. ނަމަވެސް ހުރިހާ ދާއިރާއެއް މިހާ އެކްޓިވްކޮށް މިނޫން އިރަކު ނުފެނޭ. މިހާރުވެސް ކޮންމެވެސް އެއް ދާއިރާއަކުން މަޝްރޫއެއް ނުހިންގާ، ނޫނީ ނުފަށާ އެންމެ ރަށެއްވެސް ނޯންނާނެ ރާއްޖޭގަ،" މުއިއްޒު ވިދާޅުވި އެވެ. "ވަކި ކަމަކަށް ފޯކަސް ކޮށްފިނަމަ ރައީސް ޔާމީނަކީ ފަހު ވަގުތާ ހަމަޔަށް މަސައްކަތް ކޮށްގެންވެސް އެކަން ހާސިލުކުރައްވާނެ ބޭފުޅެއް،"

ސަރުކާރުން ކުރާ މަސައްކަތްތައް ފޮރުވަން މީހުން އުޅޭނެ ކަމަށާއި އެހެނަސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ބޭނުންތަށް ފުދޭ މިންވަރު ވަޒަންކުރަން ޖެހޭނީ މަގުމަތީގައި އަޑުގަދަކުރާ ބޭފުޅުންގެ ބަހުން ނޫންކަމަށާއި ފީޑްބެކް ދޭނީ ރައްޔިތުން ކަމަށެވެ.

"ކުރު މުއްދަތެއްގައި ނުފެންނަ އެތައް ކަމެއް މިދަނީ ފެންނަމުން. މިސާލަކަށް ބްރިޖާއި ގުޅިގެން މާލެއަށް އަންނާނެ އިތުރު ކަންކަން. ޒީނަތްތެރިކުރުމާއި އެހެނިހެން ކަންކަން ހިމެނޭ ގޮތަށް. އަތޮޅުތެރޭގެ ރަށްތަކަށް ވެސް، ހާއްސަކޮށް މީހުން ގިނައިން އުޅޭ ރަށްރަށަށް ގިނަ މަޝްރޫއުތައް އަންނާނެ. އެހެންވީމަ މި ސަރުކާރާއި ކުރީގެ ސަރުކާރުތަކާ ހުރި ފަރަގު ވަރަށް ސާފު،" މިނިސްޓަރު ވިދާޅުވި އެވެ.