ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލާގައި އިސްކޮށް ތިބި މީހުނާއެކު ސަރުކާރުން ޑިލް ހެދީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން އިތުރު އަނިޔާދޭންކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ.
އެ ހިޔާނާތް ހިންގުމުގައި އިސްކޮށް ތިބި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއެކު ސަރުކާރުން ވަނީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއް ހަދައިފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން، އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާ އަށް އިއުތިރާފުވުމުން، 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައި އެވެ. އަދި ޒިޔަތަށް ވެސް އޭގެ އެއްބަސްވުމެއްގެ ދަށުން އުފުލާފައިވާ ދައުވާތަކަށް އެއްބަސްވެ، 11 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވާނެ ކަމަށް ބެލެވެ އެވެ.
ޖަލު ހުކުމެއް އައި ނަމަވެސް، މި ވަގުތު އެ ދެ ބޭފުޅުންވެސް ތިއްބެވީ ގޭ ބަންދަށް ބަދަލުކޮށްފައި އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފައިވަނިކޮށް، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެމްއެމްޕީއާރުސީ ހިންގި ބައެއް ފަރާތްތަކާއެކު ސަރުކާރުން ޑީލް ހެދީ ރައީސް ޔަމީނަށް އަށް އަދިވެސް އިތުރު ނުހައްގު އަނިޔާ ދޭން ކަމަށެވެ.
"ކޮރަޕްޝަންގައި ބައިވެރިވި މީހުންނާއި ގެއްލުނު ފައިސާ ހޯދާކަށް ނޫޅޭ. މަރުހޫމް އަމީން ދީދީ އާއި މަރްހޫމް އިބްރާހިމް ނާސިރަށް ހެދި ގޮތް ރައީސް ޔާމީނަކަށް ނުހެދޭނެ،" ކުރީގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް މި ފަހުން އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.