އެފްއޭއެމް

ޗެރިޓީ ޝީލްޑް މެޗަށް ރެފްރީ ވިކްޓަ ކަސައި

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗުގެ ރެފްރީއަކަށް، ޔޫއެފާ ޗެމްޕިއަންސް ލީގް 2011 ގައި އެފްސީ ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފައިނަލު މެޗުގައި ރެފްރީކަން ކުރި ހަންގޭރީގެ ވިކްޓާ ކަސައި ހަމަޖައްސައިފި އެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަން މާޒިޔާ އާއި ރަނަރަފް ކުލަބު އީގަލްސް އަންނަ އަންގާރަ ދުވަހު ކުޅޭ މެޗަށް، ކަސައި ވަނީ މިހާރު ރާއްޖެ އައިސްފަ އެވެ.

ލަންޑަންގެ މަޝްހޫރު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމްޕިއަންސް ލީގްގެ ފައިނަލް މެޗަކީ ތާރީހީ ގޮތުން ހާއްސަ މެޗެކެވެ. ފަހުގެ ތާރީހްގައި ދުނިޔޭގެ އުފެދުނު އެންމެ މޮޅު ދެ ކޯޗުން ކަމަށްވާ މަޝްހޫރު އެލެކްސް ފާގަސަން އާއި ޖޯސްފް 'ޕެޕް' ގާޑިއޯލާގެ ކުރިމަތިލުމެއްގެ ގޮތުގައި އެ މެޗު ފާހަގަ ވެގެން ދެ އެވެ. ޔޫރަޕްގައި އޭރު އޮތް އެންމެ ވަރުގަދަ ދެ ކުލަބުގެ ކުރިމަތި ލުމަށް ޔޫއެފާއިން ނެރުނު މެޗު އޮފިޝަލުންގެ ޓީމުގައި ހިމެނެނީ ހަންގޭރީންގެ އޮފިޝަލުންނެވެ. އެ ޓީމުގެ އެންމެ އިސް އޮފިޝަލުގެ ހައިސިއްޔަތު ދަނޑަށް ނުކުމެ ރެފްރީކަން ކުރުމުގެ ޒިންމާ އާ ޔޫއެފާއިން މަތި ކުރި ރެފްރީ އަކީ ވިކްޓާ ކަސައި އެވެ. ވާދަވެރިކަން ބޮޑުވި އެ މެޗުގައި ކަސައިގެ ޖީބުން ކާޑު ނަގަންޖެހުނީ އެންމެ ހަތަރު ފަހަރު އެވެ. އެއީ ކޮންމެ ޓީމަކުން ދެ ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކަން ޖެހުމުންނެވެ.

ކަސައި ވަނީ ފީފާ ވޯލްޑް ކަޕްގައިވެސް ރެފްރީކަން ކޮށްފަ އެވެ. އޭނާ ވެފައި ވަނީ ހަންގޭރީގެ ލެޖެންޑެރީ ރެފްރީ ސެންޑާ ޕޯލްގެ ފަހުން ވޯލްޑް ކަޕްގެ އެންމެ އެޑްވާންސް ސްޓޭޖުގައި ރެފްރީކަން ކުރި ހަންގޭރީގެ ފުރަތަމަ ރެފްރީ އަށެވެ. އެގޮތުން 2010 ގެ ވޯލްޑް ކަޕްގައި އެފަހަރު ޗެމްޕިއަންކަން ހޯދި ސްޕެއިން އާއި ޖަރުމަން ކުޅުނު ސެމީ ފައިނަލު މެޗުގައި އޭނާ ވަނީ ރެފްރީކަން ކޮށްފަ އެވެ.

ޔޫއެފާ ޔޫރޯ 2012 ގެ ގުރޫޕް ސްޓޭޖުގައި ސްޕެއިން އާއި އިޓަލީ ކުޅުނު މެޗާއި އިންގެލެންޑާއި ޔޫކްރޭން ކުޅުނު މެޗުގައިވެސް ރެފްްރީކަން ކުރި އެވެ. ޖަޕާންގައި 2016 ގައި ބޭއްވި ފީފާ ކުލަބު ވޯލްޑް ކަޕަކީ ކަސައިގެ ހާއްސަ މުބާރާތެކެވެ. އެ މުބާރާތުގައި ޖަޕާންގެ ޗެމްޕިއަން ކަށިމާ އެންޓަލާސް އާއި ދެކުނު އެމެރިކާގެ ޗެމްޕިއަން ކޮލަމްބިއާގެ އެތުލެޓިކޯ ނެޝަނަލް ކުޅުނު މެޗުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ ޓެކްނޮލޮޖީ މެދުވެރިކޮށް ޕެނަލްޓީއެއް ދިނެވެ. އެއީ ފީފާގެ މުބާރާތެއްގައި ވީއޭއާރް މެދުވެރިކޮށް ޕެނަލްޓީ ދިން ފުރަތަމަ ފަހަރެވެ.

ކަސައި ވެގެންދާނީ ގަލޮޅު ދަނޑުގައި ރެފްރީކަން ކުރާނެ ދެ ވަނަ އަށް އެންމެ ހައި ޕްރޮފައިލް ރެފްރީ އަށެވެ. ކުރީގެ ހަވީރު ނޫހުގެ އަހަރީ ދުވަހާ ގުޅިގެން 2004 ގައި ކުޅުނު ހާއްސަ މެޗަކަށް ދުނިޔޭގެ އުފެދުނު އެންމެ މޮޅު ރެފްރީ އިޓާލީގެ ޕިއާލުއީޖީ ކޮލީނާ ރާއްޖެ އައިސް ގަލޮޅު ދަނޑުގައި މެޗަށް އިންސާފު ކުރި އެވެ.