ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެކެވެ؛ އެކަމަކު ރާއްޖޭގައި ޕްރެކްޓިސް މިކުރާ ވެރިކަމުގެ ނިޒާމުގައި ބޮޑު ވަޒީރަކު ނުހުރެ އެވެ. މީގެ މާނައަކީ ރިޔާސީ ނިޒާމްތަކުގައި ބޮޑު ވަޒީރަކު ނުހުރެމެއް ނޫނެވެ. މިފަދަ ނިޒާމްތައް އޮވެފައި ވެސް ރައީސާއި ބޮޑުވަޒީރުން ތިބޭ ގައުމުތައް އެބައޮތެވެ. އަދި ރާއްޖެއަށް ވެސް ބޮޑު ވަޒީރެއްގެ މަގާމަކީ އާ މަގާމެއް ނޫނެވެ.
ރާއްޖޭގެ މިހާރުގެ ނިޒާމުގައި ސަރުކާރު ހިންގާނެ ބޮޑުވަޒީރެއް ނެތް ނަމަވެސް ފެންނަ މަންޒަރަށް ބަލާއިރު ރާއްޖޭގައި ބޮޑުވަޒީރަކު ހުރެގެން ސަރުކާރު ހިންގުމާ ދާދި އެއްގޮތް ކަމެއް ހުރި ކަމަށް ބައެއް މީހުން ބުނެ އެވެ. ރާއްޖޭގެ ބޮޑުވަޒީރަކީ ކޮބައިތޯ ސުވާލުކޮށްފިއްޔާ މީހުން ވަރަށް ފަސޭހަ ޖަވާބެއް ދެ އެވެ. އެމީހުން ބުނަނީ އެމީހަކީ "ގައުމުގެ އަދީބޭ" އެވެ. އެހެން ކަމުން ސަމާސާއަކަށް ވިޔަސް ވަރަށް ގިނަ މީހުން ސިފަ ކުރަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަކީ ރާއްޖޭގެ "ބޮޑުވަޒީރު"ގެ ގޮތުގައެވެ.
"ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަކީ ބޮޑުވަޒީރެއްގެ ގޮތުގައި މީހުން ސިފަ ކުރަން ފަށައިފި! އެހެން ސިފަ ކުރާނެ ޖާގަ ލިބޭ ސަބަބަކީ ރައީސް ޔާމީންގެ ސަރުކާރުގެ ސްޓެބިލިޓީ ހިފަހައްޓައިދީ ހުރިހާ ދިމާއަކުން އަދީބު ޕްރޮޑަކް ޓިވިޓީ ދައްކުވައިދޭތީ، އޭނާ މަސައްކަތުގެ ރޭޓާއި ކަންކަންކަމާ ކުރިމަތިލެއްވުމާދޭތެރޭ ސުވާލު އުފައްދާނެ ޖާގައެއް ނުދޭ،" މީހަކު އޭނާގެ ފޭސް ބުކުގައި ސްޓޭޓަސްގައި ލިޔެފައި ވެއެވެ. އޭނާގެ ސްޓޭޓަސްއަށް ކޮމެންޓް ކުރި މީހަކު އަދީބަކީ ހަސަން ފަރީދެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެއެވެ.
ސޯޝަލް މީޑީއާގައި ހާއްސަކޮށް ޓްވިޓާގައި ވަރަށް ގިނަ މީހުން ސާކާސްޓިކް ގޮތަކަށް އަދީބަކީ ރާއްޖޭގެ ބޮޑުވަޒީރު ކަމަށް ސިފަ ކުރާތާ ކުޑަދުވަސްކޮޅެއްވެއްޖެ އެވެ.
އަދީބަކީ ސަރުކާރު ހިންގާ ޕާޓީގެ ނައިބު ރައީސެވެ. އަދި ޓޫރިޒަމް މިނިސްޓަރެވެ. ރައީސް ޔާމީންގެ ސަރުކާރު ހިންގާ މެޝިނު ދެބަޔަކަށް ބަހާފައި އޮންނަ އިރު އޭގެ ތެރެއިން އިކްނޮމިކް ކައުންސިލްގެ ކޯޗެއާކީ އަދީބެވެ. އަނެއްކޮޅު ރާއްޖޭގެ އިގްތިސޯދަށް އިންގިލާބީ ބަދަލެއްގެ ގޮތުގައި ރައީސް ޔާމީން ގެންނަވާ ހާއްސަ އިގްތިސޯދީ ސަރަހައްދާބެހޭ ބޯޑު ނުވަތަ އެސްއީޒެޑް ބޯޑްގެ ޗެއާމަނަކީ ވެސް އަދީބެވެ. ހަމައެއާއެކު ހުރިހާ މާނައެއްގައި ރައީސް ޔާމީންގެ އެންމެ ބަސްވިކޭ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުރިހާ މަންޒަރަކުން ފެނި ވަޑައިގަންނަވާ މޫނަކީ ވެސް އަދީބެވެ.
"ރާއްޖޭގެ ނިޒާމުގައި ރައީސަށް އެހީތެރިވާން މިހުންނަވަނީ ނައިބު ރައީސެއް އެހެން ނަަމަވެސް ނައިބު ރައީސަށްވުރެ ކުރީގައި މަސައްކަތްތަކުގައި އުޅުއްވާތީ ފެންނަނީ އަދީބެއް،" އަދީބަށާއި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް ޓެގްކޮށް މީހަކު ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.
ހަގީގަތުގައި ރައީސް ޔާމީންގެ ސަރުކާރު ހިންގައި ނަތީޖާ ނެރުމުގައި އަދީބުގެ ދައުރު މިހާތަނަށް ވަރަށް ބޮޑެވެ. އެކަންކަން އެހެން ހުރެފައި އެ ސަބަބުތަކުގެ ތެރެއިން އޭނާ ރައީސް ޔާމީންގެ އިތުބާރު ހޯއްދަވާފައިވާ މިންވަރު ބޮޑު ކަމުން މި ސަރުކާރުގެ އެންމެ "ބާރުގަދަ" ބޭފުޅަކީ އެއީ ކަމަށް ބުނާނެ ޖާގަ އެބައޮތެވެ. ސަމާސާއަކަށް ހަދައި އަދީބަކީ މި ސަރުކާރުގެ ބޮޑުވަޒީރޭ މީހުން ބުނަނީ ވެސް އެހެންވެގެނެވެ.
ރައީސް ޔާމީން އަދީބަށް އިތުބާރު ކުރައްވާ އޭނާއަކީ ރާއްޖެ ހިންގުމުގެ މައި އެއް މެޝިނަށް ހަދާފައިވާއިރު މިހާރު "ބޮޑުވަޒީރެއް" ގެ ސިފައިފައި އަދީބު ފެނި ވަޑައިގަންނަވާ ގޮތާ ދާދި އެއްގޮތް ސިފަތަކެއް ހުރި ދެ ދުވަސްވަރެއް ރާއްޖޭގެ ވެރިކަމާއި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ފެނެ އެވެ.
އެމެރިކާގެ ވެރިކަމުގެ ނިޒާމުގެ ބައެއް ނަންތަކާއި އިނގިރޭސިވިލާތް ފަދަ ބައެއް ގައުމުތަކުގެ ވެރިކަމުގެ ނިޒާމުގެ ނަންތައް ހިމެނޭ ގޮތަށް ހެދި އެގްޒެކެޓިވް ޕްރެޒިޑެންސީ އާއި، ޕާލަމަންޓްރީ ޑިމޮކްރަސީގެ އުސޫލުން ވެރިކަން ހިންގާ ބައެއް ގައުމުތަކުގެ ވެރިކަމުގެ ނަންތައް ހިމެނޭ ގޮތަށް އެކަމަކު ވެރިކަމުގެ ބާރުތައް އެކަތިގަނޑަކަށްވެފައިވާ މަސްހުނި ނިޒާމެއް ގާއިމު ކުރައްވައިގެން މުހައްމަދު އަމީން ހިންގެވި ފުރަތަމަ ޖުމްހޫރިއްޔާގައި، ރައީސް ނުވަތަ ގާނޫނު އަސާސީގައިވާ ގޮތަށް ނަމަ ވަލިއްޔުލް އަމްރުގެ އިތުރަށް ބޮޑުވަޒީރުކަން ވެސް މުހައްމަދު އަމީނު އަދާ ކުރެއްވި އެވެ. ސިޔާސީ ޕާޓީއެއް ވެސް އޮތެވެ. އޭރު އޮތީ ރައްޔިތުންގެ މުތަގައްދިމް ޕާޓީ، ނުވަތަ ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ އެވެ. އެ ޕާޓީގެ ރައީސަކީ މުހައްމަދުއަމީނެވެ.
މިހާރު ވެސް އޮތީ ޕްރްގެރެސިވް ޕާޓީއެކެވެ. އަދީބަކީ އެ ޕާޓީގެ ނައިބެވެ. އޭރު ގައުމުގެ ރައީސްކަމާއި ބޮޑުވަޒީރުކަމުގެ އިތުރަށް ފަސް ވުޒާރާއެއްގެ ވަޒީރުކަން މުހައްމަދު އަމީނު އެއްފަހަރާ ކުރެއްވި އެވެ. މިހާރު ވެސް މުހިންމު މިނިސްޓްރީއެއް ވަގުތީ ގޮތުން ހިންގާންވިޔަސް ދެނީ އަދީބަށެވެ. ސަރުކާރަށް މުހިންމު ކަމެއް ދިމާވެގެން އެކަމާބެހޭ ގޮތުން ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހުނަސް ކުރިޔަށް ނުކުމެ ވަޑައިގެން ޖަވާބުދެއްވަނީ އަދީބެވެ.
"މިހާތަނަށް ކަންކަމުގައި އަދީބު ނުކުމެ ވަޑައިގެން ކަންކަން ހާސިލު ކުރައްވާފައި ވަނީ ސިޔާސީ ގޮތުން މޮޅަށް އެކަންކަން އޭނާ އެ ހާސިލު ކުރައްވަނީ ސީދާ ރައީސްގެ ރުހުން ލިބި ވަޑައިގަންނަވާ ގޮތަށް ކުރައްވާ ކޮންމެ ކަމެއްްގައި ނަތީޖާ ނެރުމުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށް ވަނީ އެހެން ވަޒީރުންނަށް ލިބި ވަޑައި ނުގަންނަވާ ކަހަލަ ބާރުތަކެއް ލިބި ވަޑައިގެންފައި، ލީޑަޝިޕް ދެއްކުމަކީ އަމިއްލައަށް ލީޑަޝިޕާ ހަވާލުވުން ފޭލުމުން ވެސް ކުރިމަތިލައި އަލުން ކާމިޔާބު ހޯދުން އެކަން އަދީބު ދައްކައިދީފި މި ބޭއްވި މިއިޒިކް ޝޯތަކުން ވެސް،" ރާއްޖޭގެ ސިޔާސީ މަސްރަހަށް ފާޑުކިޔާ މީހަކު ބުންޏެވެ.
މިއީ އެހެން މީހެއްގެ ވާހަކަ އެވެ: "އެންމެ ފަހުގެ ބޮޑުވަޒީރު އަހުމަދު ޒަކީއަށް ފަހު ރާއްޖޭގައި ބޮޑުވަޒީރުގެ މަގާމު ނޯވޭ، އެކަމަކު އަދީބުގެ ހިނގުން ބާރު ކަމުން އޭނާއަކީ މިހާރު ބޮޑުވަޒީރެއް ކަހަލަ ބޭފުޅެއް، އޭނާއަށް ފާޑުކިޔާ މީހުން ވެސް ސިޔާސީ ގޮތުން އޭނާއާ ދުރުގައި ތިބި މީހުނަށް ވެސް މިހާރު އެއީ 'އަދީބް ބްރޯ' އޭނާ ގާތްކަން ބާއްވަން އެންމެން ބޭނުންވޭ އޭނާގެ ސަމާލު ކަމަށް އަންނަން އެންމެން ބޭނުންވޭ، އެކަން ވަރަށް ރީއްޗަށް ފެންނަމުންދަނީ."
އަލް އަމީރު ހަސަން ފަރީދު ދީދީ އަކީ ވެސް އެއް ދުވަސްވަރެއްގައި ރާއްޖޭގެ ރަދުންނާއި ބޮޑުވަޒީރަށް ވުރެ ވެސް ބާރުގަދަ ބޭފުޅަކަށް ރާއްޖޭގައިވެ ވެވަޑައިގެން ރާއްޖެ ހިންގުމުގެ ހުރިހާ ކަމެއް ކުރެއްވި ބޭފުޅެކެވެ. މިވަގުތު ބައެއް މީހުންނަށް އަދީބު "ހަސަން ފަރީދެއް" ގެ ގޮތުގައި ސިފަ ކުރާން ފަސޭހައީ އެހެންވެގެނެވެ.
"ދެވަނަ ބޮޑު ހަނގުރާމަ ދުނިޔެއަށް އިއުލާން ވެސް އެ ހަނގުރާމަ ފެށުމާއެކު އެ ދުވަސްވަރު ދައުލަތުގެ އެންމެ މަތީ ބާރު ލިބުނީ ހަސަން ފަރީދު ދީދީ އަށް އެކަހަލަ ބޮޑު ވަޒީރަކަށް ނުވެ ބޮޑުވަޒީރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް އަދީބަކީ ވެސް އޭނާ ވެފައި ވަނީ ގައުމުގެ އަދީބަށް،" ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.
އަދީބުގެ ކެރި ވަޑައިގަތުމާއި މަސައްކަތުގެ ރޭޓަށް ބަލާއިރު ހަސަން ފަރީދުގެ ކެރެކްޓާއަށްވުރެ ރައީސް ނާސިރުގެ ކެރެކްޓާއާ ގާތަށްދާން އުޅެ އެވެ. އަދި އަދީބުގެ އިސް ނެގުމާއި ވިސްނުމަށް ބަލާއިރު ހަސަން ފަރީދާއި ނާސިރަށްވުރެ ބޮޑަށް ވައްތަރުވާން އުޅެނީ ރައީސް އަމީނާ އެވެ. ރައީސް އަމީން ބޭރު ދުނިޔޭގައި ސިފަކޮށްފައި ވަނީ :ވަގުތަށް ވުރެ ކުރީގައި އުޅުއްވާ ރައީސް"ގެ ގޮތުގަ އެވެ. މިހާރުގެ ސަރުކާރުގެ ތެރެއިން މިފެންނަ އަދީބަކީ ވެސް ވަގުތަށްވުރެ ކުރީގައި އުޅުއްވާ ޖެހިލުން ކުޑަ ބޭފުޅޭކޭ ބުނެގެން ދެކޮޅު ހަދާނެ މީހަކު ހުންނާނެހެނެއް ހީއެއްނުވެ އެވެ.
ރާއްޖޭގެ ސިޔާސީ ނިޒާމުގައި ރަސްގެފާނުގެ ބާރުތައް މުޅިންހެން ކެނޑުމާއެކު އެހިސާބުން އުފެދުނު ގަދަ ބާރަކަށްވީ ބޮޑުވަޒީރުގެ މަގާމެވެ. ބޮޑުވަޒީރުންގެ ބާރު ފެތުރުނު ހިސާބުން ފެށިގެން ރާއްޖޭގައި މިހާތަނަށް ނުވަ ބޭފުޅަކު ބޮޑުވަޒީރުކަންކުރައްވައިފި އެވެ.
ރާއްޖޭގައި ބޮޑުުވަޒީރުންނަށް ވެ ވަޑައިގެންނެވީ އައްސުލްތާން މުހައްމަދު އިމާދުއްދީނު (ހަތަރު ވަނަ) މުސްކުޅި ބަންޑާރައިންގެ ރަސްކަމުން ފެށިގެން ފަހަތަށް ބޮޑު ވަޒީރުކަން ކުރެއްވި ބޭފުޅުންނެވެ. މުސްކުޅި ބަންޑާރައިން ރަސްކަން ކުރެއްވީ 1835 އިން 1882 އަށެވެ.
ބޮޑުވަޒީރުންގެ ނުވަ ބޭފުޅުންނަށް ބަލާއިރު ފެށިގެން އައީ ކަކާގޭ އާއިލާއިންނެވެ. އެއަށް ފަހު އަތިރީގޭ އާއިލާ އެވެ. އެންމެ ފުރަތަމަ ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. ދެން އެކިލެގެފާނުގެ ދަރިކަލުން މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނެވެ. އޭގެ ފަހަށް އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނެވެ. ކަކާގޭ މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނާއި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ވަނީ އެތައް ފަހަރަކު ރާއްޖޭގެ ބޮޑު ވަޒީރުކަންކުރައްވާފަ އެވެ. އިބްރާހިމް ދޮށިމޭނާ ކިލެގެފާނަކީ ނުވަ ބޮޑުވަޒީރުންގެ ތެރެއިން އެ މަގާމުގައި ހުންނަވަނިކޮށް އަވަހާރަވި އެންމެ ފަހުގެ ބޮޑުވަޒީރެވެ. އެ ކިލެގެފާނު އަވަހާރަވީ 31 މާޗް 1925 ގައެވެ. އޭގެ ފަހުން ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި ހަ ބޭފުޅުންގެ ތެރެއިން އަވަހާރަވެފައިވާ ފަސް ބޭފުޅުންނަކީ އެކިއެކި ސަބަބުތަކާ ހެދި މަގާމުން އިސްތިއުފާ ދެއްވައިގެން ނުވަތަ މަގާމު ގެއްލިވަޑައިގެން ވަކިވެވަޑައިގެންނެވި ފަސް ބޭފުޅުންނެވެ.
އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށް ފަހު ބޮޑު ވަޒީރުކަން ލިބިވަޑައިގަތީ އެ ކިލެގެފާނުގެ ދަރިކަލުން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށެވެ. އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ފަހު ބޮޑުވަޒީރުކަން ލިބިވަޑައިގަތީ، އެ ކިލެގެފާނުގެ ދަރިކަލުން އަލްއަމީރު މުހައްމަދުފަރީދު ދީދީ އަށެވެ.
މުހައްމަދު ފަރީދު ދީދީ އަކީ، ފަހުން ސުމުއްވުލް އަމީރު މުހައްމަދު ފާށަނާކިލެގެފާނު، އަދި ޖަލާލަތުލް މަލިކު މުހައްމަދުފަރީދުލްއައްވަލެވެ. އަމީރެއް އަދި ރަސްކަލެއް ވެސް މެއެވެ. މުހައްމަދު ފަރީދުގެ ބޮޑުވަޒީރުކަން ނިމުމަށް ފަހު އެކްޓިން ޕްރައިމް މިނިސްޓަރުގެ ގޮތުން ބޮޑުވަޒީރު ކަމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ވަނީ މުހައްމަދު އަމީނެވެ. އަދި އެއަށް ފަހު މުހައްމަދު އަމީނު ގިނަ ދުވަސްތަކެއް ވަންދެން ބޮޑު ވަޒީރުކަން ކުރެއްވި އެވެ.
ރައީސް މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބު ކޮށްލެއްވުމަށް ފަހު އުފެދުނު ސަރުކާރުގެ ބޮޑުވަޒީރަކީ އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. އެއަށް ފަހު ރައީސް އިބްރާހިމް ނާސިރެވެ. އިބްރާހިމްފާމުލަދޭރި ކިލެގެފާނާއި ރައީސް ނާސިރަކީ ރާއްޖޭގެ އެންމެ ފަހުގެ ރަސްކަމުގެ ދެ ބޮޑުވަޒީރުންނެވެ. އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަން ނިމުނީ ރާއްޖޭގައި 11 ނޮވެމްބަރު 1968 ގައި އުފެދުނު ދެވަނަ ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާ އަކަށް އެމަނިކުފާނު އިސްވެ ވަޑައިގަތުމުންނެވެ. އެ ދުވަހު އުފެދުނު ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް ބަލާއިރު ބޮޑުވަޒީރުގެ މަގާމެއް ނޯވެއެވެ. އެކަމަކު އޭގެފަހުން ގާނޫނު އަސާސީ އަށް ގެނެވުނު އިސްލާހާ އެކު 1 އޮގަސްޓް 1972 ގައި އޯކިޑުމާގޭ އަހުމަދު ޒަކީ އަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތެވެ.
އަދި 6 މާޗް، 1975ގައި ރައީސް ނާސިރު ވަނީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރު ބޭނުން ކުރައްވައިގެން، (ރައްޔިތުންގެ މަޖިލީހުން ބޮޑުވަޒީރުކަމަށް ހޮވާފައިވާ) ބޮޑުވަޒީރު އަހުމަދު ޒަކީ މަގާމުން ދުރު ކުރައްވާފަ އެވެ. އެ ދުވަހުން ފެށިގެން ރާއްޖޭގެ ގާނޫނު އަސާސީގަ އާއި ވެރިކަމުގެ ނިޒާމުގައި ބޮޑުވަޒީރުގެ މަގާމު ނޯވެއެވެ. ބޮޑުވަޒީރުގެ މަގާމަކީ އެ ދުވަހުން ފެށިގެން ރާއްޖޭގައި ނެތް މަގާމެކެވެ.
ރާއްޖެ ފުރަތަމަ ގާނޫނު އަސާސީން ފެށިގެން މިހާތަނަށް ހިނގަމުން އައި ގާނޫނު އަސާސީތަކަށް ބަލާއިރު، އައްސުލްތާން ހަސަން ނޫރުއްދީނުގެ ރަސްކަމުގައި (1935 އިން 1943 އަށް) އޮތް ގާނޫނު އަސާސީގައި ރަދުންނާއި ބޮޑުވަޒީރަށް އެއްވަރަކަށް އެއްކަހަލަ ޝަރަފުވެރި ބާރުތަކެއް ލިބިވަޑައިގެންފައިވެ އެވެ. އެ ގާނޫނު އަސާސީ އަށް ބަލާއިރު މަހުކަމާތައް (އޮފީސްތައް) ހިންގުމުގެ ބާރު ވަނީ ވަޒީރުއް ދާހިލިއްޔާ ނުވަތަ ހޯމް މިިނިސްޓަރަށް ދީފައެވެ. އެހެންކަމުން އެ ދުވަސްވަރު ރަދުންނާއި ބޮޑުވަޒީރަކީ އިއްޒަތްތެރި ޝަރަފުވެރި ދެ މަގާމުކަމުގައިވެ، ހޯމް މިނިސްޓަރަށް ވަނީ ދައުލަތް ހިންގުމުގެ ބާރު ލިބިވަޑައިގެންފަ އެވެ. އަލް އަމީރު ހަސަންފަރީދު ދީދީ އަކީ އެ ދުވަސްވަރު ރަދުންނާއި ބޮޑުވަޒީރަށް ވުރެ ވެސް ބާރުގަދަ ބޭފުޅަކަށްވީ އެހެންވެގެނެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުމާ އެކު އެ ދުވަސްވަރު ދައުލަތުގެ އެންމެ މަތީ ބާރު ވަނީ ހަސަން ފަރީދު ދީދީ އަށް ލިބިވަޑައިގެންފަ އެވެ. އެހެންކަމުން، ރަދުންނާއި ބޮޑުވަޒީރު 1943 ގައި އިސްތިއުފާ ދެއްވި އެވެ.